ނުގުޅިޔަސް ކުއްޖާގެ ހާލަތު މެސެޖުތަކުން އެނގޭ، އެކަމަކު ފިޔަވަޅު އެޅުން މާ ލަސް

މިދިޔަ ހޯމަ ދުވަހުގެ ރޭ، ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި މަރުވި ޒުވާން އަންހެންކުއްޖާގެ މަރާ ގުޅޭ މައުލޫމާތު ދެއްވަން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ދެއްކެވި ވާހަކަތަކުން އެނގުނީ އެ ކުއްޖާ ހުރި ހާލަތުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމެވެ.
ނަމަވެސް މިނިސްޓަރު އުޅުއްވީ މަރުވުމުގެ ކުރިން ފުލުހުންގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު (އެފްސީޕީޑީ)އަށް އެ ކުއްޖާ އެތައް ފަހަރަކު ފޯނުން ގުޅިކަމަށް ސޯޝަލް މީޑިއާގައި އުޅޭ ވާހަކަތައް ދޮގުކުރައްވާށެވެ. ފޯނުން ނުގުޅިޔަސް ކުއްޖާގެ ހާލަތު ފުލުހުންނަށް އެނގިފައި އޮތުމުން، ދެން ބަލަން ޖެހޭނީ އެކަށީގެންވާ އަވަސް ސްޕީޑްގައި ފިޔަވަޅު އެޅުނުތޯ އެވެ.
އެތެރޭގެ އިންތިޒާމީ މައްސަލައެއް ދިމާވެގެން ނަމަވެސް ފިޔަވަޅު އެޅުން އޮތީ ލަސްވެފަ އެވެ. ފުލުހުންނަށް އެތަނަށް ދެވުނު އިރު އަންހެން ކުއްޖާ ވަނީ އަމިއްލައަށް މަރުވެފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވަނީ އެފްސީޕީޑީއަށް ކުއްޖާ ފޮނުވި މެސެޖްތަކުގެ ތަފުސީލުތައް ދެއްވައިފަ އެވެ. އޭނާ ދޮގުކުރެއްވީ ފުލުހުންގެ އެހީގެ ނަމްބަރު 911އަށް އެ ކުއްޖާ ގުޅައި އެހީއަށް އެދުނުކަމަށް ސޯޝަލް މީޑިއާގައި ފެތުރި ވާހަކަތަކެވެ.
"އެއީ ކަނޑައެޅިގެން ދޮގެއް. ފުލުހުންގެ ވެސް އަދި ސަރުކާރުގެ ވެސް އެއްވެސް މި ބާވަތުގެ ނަންބަރަކަށް މި ނަންބަރުން އަދި މިކުއްޖާ ވެސް ގުޅާފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް. އަޅުގަނޑުމެންނަށް ކަށަވަރުކުރެވިފައިވޭ ފުލުހުންގެ 911އަށް ވެސް އަދި އެފްސީޕީޑީއަށް ވެސް ގުޅާފައިނުވާކަން،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު މިކަން އެހާބޮޑަށް ފާހަގަކުރެއްވީ، ކުއްޖާއަށް އެހީފޯރުކޮށްދިނުމުގައި ފުލުހުން ލަސްވިކަމާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އެކަމަކު ބައެއް މީހުންގެ ނަޒަރުގައި އެހީއަށް އެދި ކުއްޖާ ނުގުޅިޔަސް، އެހީ ބޭނުންވާކަން އޭނާ މެސެޖުތަކުން އަންގައިފަ އެވެ. އޭނާގެ ހާލަތު ގޯސްވެ، ނުބައި ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ލިބުމާ ހަމައަށް ގިނަ ވަގުތުތަކެއް ބޭކާރުވި އެވެ.
"ގުޅާފައި ނޭންގި ނަމަވެސް އެ ކުއްޖާގެ ހާލަތު އެއޮތީ ބައެއްގެ ސަމާލުކަމަށް ގެނެސްފައި. އެހާ ހަމައިން ދެން ޖެހޭ އެކަން ސީރިއަސްކޮށް ނަގައި، އެކަމަށް ރަނގަޅަށް އެޓެންޑްވާން،" ފުލުހުންގެ އިހުމާލު އޮތްކަން ފާހަގަކުރަމުން މީހަކު ލިޔުނެވެ.
ޕްރެސް ކޮންފަރެންސްގައި އިހުސާން އާއްމު ކުރެއްވި މައުލޫމާތުތަކަށް ބަލާއިރު:
އެ ކުއްޖާ މާޔޫސްވެ، ގޮތް ހުސްވެފައިވާކަން އެރޭގެ 8:40ގައި ވަނީ ފުލުހުންގެ ވިކްޓިމް ސަޕޯޓަށް މެސެޖަކުން އަންގާފައި
އެއީ އެ ކުއްޖާ މަރުވި ކަމަށް ބެލެވޭ ވަގުތުގެ ހަތަރު ވަރަކަށް ގަޑިއިރު ކުރިން
 މާލަސްތަކެއް ނުވެ ފުލުހުން އެ މެސެޖަށް ޖަވާބުދީ، ވެގެން އުޅޭ ގޮތް ސާފުކުރަން އުޅުނު 
އޭގެ ފަހުން އެ ދެމެދު ދެތިން ފަހަރު މެސެޖްތައް ބަދަލުކުރި
އަންހެން ކުއްޖާ އޭނާގެ ހާލަތު އިތުރަށް ގޯސްވެ، ނުބައި ފިޔަވަޅެއް އެޅިދާނެ އިންޒާރު ފުލުހުންނަށް ދިނީ 12:38ހާއިރު 
 އޭގެ ފަހުން ފުލުހުން އާއިލާއަށް ގުޅައި ކުއްޖާއަށް އެހީތެރިވެދޭން އެދުނު
އެ ކުއްޖާ ދިރިއުޅޭ ދަނާލަށް، ފުލުހުން ފޮނުވައިދޭން ވިކްޓިމް ސަޕޯޓުން އެދުނީ 1:03ގައި. ފުލުހުން އެތަނަށް ފޯރީ 1:08
އެކަމަކު އެ ކުއްޖާ މަރުވެފައި ހުއްޓާ ފެނުނީ 1:32ގައި
އެނގިފައިވާ ގޮތުގައި އެ ކުއްޖާ ވަނީ މީގެ ކުރިން، އެއް ފަހަރަށް ވުރެ ގިނަ ފަހަރު އަމިއްލައަށް މަރުވާން މަސައްކަތްކޮށްފަ އެވެ. އެކަން ފުލުހުންނާއި ޔުނިވަސިޓީ އާއި އާއިލާއަށް ވެސް އެނގޭކަމަށް ވެ އެވެ. އެހެންވެ، ދިިރިއުޅުމާ މެދު މާޔޫސްވެގެން ކުއްޖާ އެކަން، ބައެއްގެ ސަމާލުކަމަށް ގެނައުމުން ވެސް އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިއުން ރައްދުވި އެވެ.
އިހުސާން ވިދާޅުވީ މި މައްސަލާގައި ފުލުހުން އަަމަލުކޮށްފައިވާ ގޮތް ބަލާނެ ކަމަށާއި ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅު ކުރާނެ ކަމަށެވެ.
ފުރަތަމަ ރަނގަޅުކުރަންވީ ކޮންމެ ވަސީލަތެއް މެދުވެރިކޮށްގެން ނަމަވެސް އެފަދަ މައުލޫމާތުތަކެއް ލިބިއްޖެ ނަމަ އަވަހަށް ފިޔަވަޅު އެޅުމުގެ ބަ އެވެ. ފޯނުން ގުޅުމެކޭ މެސެޖުން ކަމެއް އެންގުމެކޭ މި ޒަމާނުގައި ތަފާތެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ