މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބަންދުކުރި މާލޭ ނޯތު ހާބަރު ސަރަހައްދު ހުޅުވާލައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ރޭ 23:00 އިން ފެށިގެން، މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދުފަހަރަށާއި މަސް އޮޑިފަހަރަށް އެ ސަރަހައްދު ހުޅުވާލާފައިވާ ކަމަށެވެ.
ނަމަވެސް، އެ ސަރަހައްދުގައި ބަނދަރުކުރެވޭނީ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދުފަހަރަށް އެކަނި ކަމަށް އެމްޕީއެލްއިން ވަނީ މައުލޫމާތު ދީފައެވެ. އެ ސަރަހައްދު މަގު ހެދުމުގެ މަސައްކަތް ފެށުމާއެކު، އެ ސަރަހައްދު ބޭނުންކުރާ އުޅަނދުތައް ބަދަލުކޮށްފައިވަނީ އެމްއެމްއޭ ކުރިމަތީގައި އަލަށް ތަރައްގީކުރި ސަރަހައްދަށާއި، ޓީ-ޖެޓީ ސަރަހައްދަށެވެ.
ބާޒާރުމަތީ ސަރަހައްދުގެ މަގުގެ މަސައްކަތް ނިންމާލުމަށްފަހު، އެ ސަރަހައްދު އާންމުންނަށް ހުޅުވާލާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރު އަޅާފައެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި ކުރިއަށް ގެންދިޔަ ބައި ކަމަށްވާ ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެން މަގުހަދައި، އެ ސަރަހައްދު ހުޅުވާފައި ވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ތަސައްވުރެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ބަދަލާއެކު މާލޭގެ އެންމެ ބާރުބޮޑު މި ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ނޯތު ހާބަރު އަލުން ބޭނުންކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ