ސްރީލަންކާއަށް ޒިޔާރަތްކުރާ ދިވެހިންގެ އަދަދު އިތުރުވެއްޖެ

އަހަރުން އަހަރަށް ސްރީލަންކާއަށް ޒިޔާރަތްކުރަމުން އަންނަ ދިވެހިންގެ އަދަދު އިތުރުވާން ފަށާފައިވާކަމަށް ސްރީލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެސްޓިޑީއޭއިން އާއްމުކުރި ތަފާސްހިހާބަށް ބަލާއިރު ދިވެހިރާއްޖެ ހިމެނެނީ 16 ވަނަ އަށް އެންމެ ގިނަ މީހުން ޒިޔާރަތްކުރި ޤައުމުގެ ގޮތުގައެވެ. ނިމިގެންދިޔަ އަހަރު ރާއްޖެއިން ސްރީލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު އުޅެނީ 37,165 ގައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 10،057 މީހުންގެ އިތުރުވުމެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން 2024 ވަނަ އަހަރު ސްރީލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު އުޅެނީ 47,222 ގައެވެ. އަދި އޭގެ ކުރީ އަހަރު އެއަދަދު ހުރީ 37,328 ގައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ދިވެހިން މިހާރު ސްރީލަންކާއަށް އެންމެގިނައިން ދަތުރުކުރަނީ ޗުއްޓީ ހޭދަކުރުމަށެވެ. އޭގެ އިތުރުން ދެން ގިނަ މީހުން ދަތުރުކުރަނީ ރައްޓެހިންނާ ބައްދަލުކޮށްލުމުގެ އިތުރުން ބޭސްފަރުވާ އަދި ވިޔަފާރީގެ ބޭނުންތަކަށެވެ.
ސްރީލަންކާއަކީ މީގެ ކުރިން އެ ޤައުމެއްގައި އެންމެގިނަ ދިވެހިން ދިރިއުޅެމުން އައި ޤައުމެވެ. ލަންކާގައި އުޅޭ ދިވެހިންގެ އަދަދު ދަށްވެގެން ދިޔައީ 2019 ވަނަ އަހަރު އީސްޓާ ބޮމުގެ ހާދިސާއަށްފަހުއެވެ. އީސްޓާ ބޮމުގެ ހަމަލާގެ ކުރިން ލަންކާގައި އުޅޭ ދުވެހިންގެ އަދަދު 15،000 އަށްވުރެ މަތީގައި ހުރިއިރު، މިހާރު އެ އަދަދު 2،000 ހާހަށްވުރެ ދަށްވާނޭކަމަށް ބެލެވެއެވެ.
އީސްޓާ ބޮމުގެ ހަމަލާއާ ގުޅިގެން ވިސާގެ ސިޔާސަތަށް ގެނައި ބަދަލާއެކު ލަންކާގައި ދިރިއުޅެމުން އައި ދިވެހިންގެ އަދަދު ދަށްވެގެން ދިޔައިރު، އިގްތިސާދީ މައްސަލަތަކާ ގުޅިގެންވެސް މި އަދަދު ވަނީ ދަށަށްގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ