އަލުން ގައުމީ ސްކޮޑަށް؛ އިއްބެގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ވަރުގަދަ އެނބުރި އައުން އަލުން ގައުމީ ސްކޮޑަށް؛ އިއްބެގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ވަރުގަދަ އެނބުރި އައުން

އޭޝިއަން ކަޕް ކޮލިފައިންގައި، މި މަހު 31 ގައި މާލޭގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެން ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި، އޮޑި ސްޕޯޓްސް ކްލަބްގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ ހިމެނިފަ އެވެ. މިއީ، ފާއިތުވި ތިން އަހަރަށް ފަހު ގައުމީ ސްކޮޑަށް އިއްބެ އެރި ފުރަތަމަ ފަހަރެވެ.
ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގައި މުހިންމު ދައުރެއް އަދާކުރި އިއްބެ، އެންމެ ފަހުން ގައުމީ ސްކޮޑުގައި ހިމެނިފައިވަނީ، 2023 ވަނަ އަހަރުގެ ޖޫން/ޖުލައި މަހު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގަ އެވެ. އޭގެ ފަހުން، އިއްބެ، އަށް ގައުމީ ޓީމުގެ ޖާގައެއް ހައްގުވި ފަހަރުތަކުގައި ވެސް ފުރުސަތެއް ނުލިބުނެވެ.
މި ފަހަރުގެ ސީޒަނުގައި އޮޑި އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަަ އިއްބެ ވަނީ މި ފަހަރު ގައުމީ ސްކޮޑުން ފުރުސަތު ލިބުމާ އެކު، ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފަ އެވެ. އެ ގޮތުން، އިއްބެ ވަނީ އޮޑީގެ ކޯޗު، ސްޕެއިނުގެ އަންދްރެސް ގާސިއާ އަށް ޝުކުރު އަދާކޮށްފަ އެވެ. އިއްބެ ބުނީ، ގާސިއާއާ އެކު، މަސައްކަތްކުރަން ފެށި ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާ ދިޔައީ، އިއްބެ އަކީ ގައުމީ ޓީމުގައި ހުންނަން ޖެހޭ ލެވަލްގެ ކުޅުންތެރިއެއް ކަމުގައި ބުނަމުން ކަމަށެވެ.
އޮޑިގެ ކޯޗު ގާސިއާ (ކ)އާ އެކު އިއްބެ ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އޮޑި ސްޕޯޓްސް ކްލަބް
އިއްބެ ބުނީ، ގާސިއާގެ ފަރާތުން އެ އޮތް އިތުބާރާ އެކު، އަބަދުވެސް ހިތްވަރު ލިބުނީ ޓީމުގައި މުހިންމު ރޯލެއް އަދާކުރުމަށް ކަމަށެެވެ. އަދި، އޮޑި އަށް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިނުމުގެ އިތުރުން ގައުމީ ޓީމުގެ ޖާގައެއް ލިބުނީ ވެސް އެ އިތުބާރާ އެކު ކުރިއަށް ދިއުމުން ކަމަށް އިއްބެ ވަނީ ފާހަގަކޮށްފަ އެވެ.
"ކޯޗުގެ ސަޕޯޓާ ނުލައި މިއީ ވާނެ ކަމެއް ނޫން. އަހަންނަށް މިއީ، ފުޓްބޯޅަ ކެރިއަރުގައި އެންމެ ބޮޑު އެނބުރި އައުން،" އިއްބެ، ލިޔެފައިވެ އެވެ.
އިއްބެ ވަނީ، އޭނާގެ ކެރިއަރުގެ މި ކާމިޔާބީ އަށް ޓަކައި، އޮޑިގެ މެނޭޖްމަންޓަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޒުވާން ޓީމަށާއި ސީނިއާ ޓީމަށް ވެސް ކުޅުނު އިއްބެގެ ކުޅުން ފާހަގަވާން ފެށީ ޓީސީ ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުންނެވެ. އޭނާ ވަނީ ޓީސީއާ އެކު، ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް 2017 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ. އަދި 2018 ވަނަ އަހަރު، ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު، އިއްބެ އަކީ ޓީމުގެ މުހިންމު މެމްބަރެކެވެ.
ޓީސީ އަށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދޭން އެހީތެރިވުމަށް ފަހު، އިއްބެ އެ ޓީމު ދޫކޮށްލީ 2019 ވަނަ އަހަރު އެވެ. އެ ފަހުން، މާޒިޔާ އަށް ކުޅެމުން އައިއިރު، މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ފުރަތަމަ ކްލަބް ވެލެންސިއާއާ ވެސް ގުޅުނެވެ. އެކަމަކު، އެ ޓީމު ޓްރާންސްފާ ބޭން އެއްގައި އޮތުމުން، އިއްބެ އަށް އެއްވެސް މެޗެއް ނުކުޅެވުނެވެ. އެހެންވެ، ފަހުން، އޭނާ ބަދަލުވީ އޮޑި ސްޕޯޓްސް ކްލަބް އަށެވެ.
އެ ގޮތުން، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އޮޑިގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިއްބެ ވަނީ 492 ދުވަހަށް ފަހު ރަސްމީކޮށް ކްލަބް ފުޓްބޯޅަ މެޗަކަށް ނުކުމެ، މުހިންމު ގޯލެއް ޖަހައިފަ އެވެ. މިއީ، 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ، 22 ވަނަ ދުވަހު، އެފްއޭ ކަޕް ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް ވެލެންސިއާ ބައްދަލުކުރި މެޗަށް ފަހު، އިއްބެ ރަސްމީ ޑިވިޝަނެއްގެ ކްލަބް މެޗެއްގައި ފެނުނު ފުރަތަމަ ފަހަރެެވެ. އިއްބެ، އެ މެޗުގައި މާޒިޔާ އަށް ކުޅެން އެރީ ބަދަލެއްގެ ގޮތުގަ އެވެ.
އޮޑިއާ އެކު، ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމުގައި އިއްބެ އިސް ރޯލެއް އަދާކުރި އެވެ. އަދި، އޮޑިން ފުރަތަމަ ޑިިވިޝަނުގައި ފައިތިލަ ސާބިތުކޮށް، ވަރުގަދަ ޓީމެއްގެ ގޮތުގައި ކުރިއަށްދިއުމަށް ކުރާ ދަތުރުގައި، އިއްބެ ވެސް މި ވަނީ ކެރިއަރުގައި ބޮޑު ކުރިއެރުންތަކެއް ހޯދައިފަ އެވެ.
ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން އިއްބެ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
މި މަހު ޓީމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ސްކޮޑުން، އިއްބެގެ އިތުރުން ދުވަސްތަކަކަށް ފަހު ނޫނީ އަހަރުތަަކަކަށް ފަހު ދެން ފުރުސަތު ހޯދި ކުޅުންތެރިންނަކީ، އޮޑީގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް)، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އަލީ އަޝްފާގު (ދަގަނޑޭ)، ބުރު ސްޕޯޓްސް ކްލަބްގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ވިކްޓަރީ ސްޕޯޓްސް ކްލަބްްގެ އަމްދާން އަލީ (އެންޑީ) އެވެ.
ބުރު ސްޕޯޓްސް ކްލަބް (2): އަހުމަދު އަބްދުﷲ (ލިލީ)، ތޯއިފް ގާސިމް (ތޯއްޕެ)
ކްލަބް އީގަލްސް (3): މުހައްމަދު އަޝްވާން، އަލީ ހާފިޒް (ހާއްޕެ)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން (8): ހުސެއިން ޝަރީފް (ހުސެން)، ސަމޫހު އަލީ (ސަމުއްޓެ)، ހައިޝަމް ހަސަން، ހުސެއިން ސިފާއު (ކުރޯ)، އިބްރާހިމް އައިސަމް، އަހުމަދު އައިހަމް (ފަތޯ)، ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒު ހަސަން (ދާދު)
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް (5): މުހައްމަދު ފައިސަލް، މުހައްމަދު އިރުފާން، މުހައްމަދު ނިޒާމް، އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގު (ދަގަނޑޭ)
އޮޑި ސްޕޯޓްސް ކްލަބް (5): އިބްރާހިމް ވަހީދު ހަަސަން (އިއްބެ)، އަހުމަދު އައިހަމް (އައިހު)، މުޒްދާން ހަސަން، އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ)، މުހައްމަދު ޝަފީއު (ޗެކް)
ވިކްޓަރީ ސްޕޯޓްސް ކްލަބް (3): އަމްދާން އަލީ (އެންޑީ)، އަލީ ޝާމިސް (ތޮއްޕޭ)، އަހުމަދު ރިޒުވާން (ރިޒޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ