އިނގިރޭސިވިލާތުގެ ކޯޓަކުން ޗާގޯސްގެ ރަށްވެހިން އެނބުރި އެ ގައުމަށް ދިއުމުގެ ހައްގު އޮތް ކަމަށް އިއްޔެ ނިންމުމާ ގުޅިގެން، އިނގިރޭސިވިލާތުން މޮރިޝަސްއާ އެކު ވެފައިވާ އެއްބަސްވުމަށް ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ކޯޓަކުން ނިންމާފައިވަނީ، އަމިއްލަ ވަޒަނުން ބޭރުކޮށްލާފައިވާ ޗާގޯސްގެ ރައްޔިތުންނަށް އަލުން އެނބުރި އެ ގައުމުގެ ރަށްތަކަށް ދިއުމުގެ ގާނޫނީ ހައްގު ލިބިގެންވާ ކަމަށެވެ. މި ނިންމުމަކީ، އެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ބޮޑުވަޒީރު ކިއަރު ސްޓާމާ ހުށަހަޅުއްވާފައިވާ އެއްބަސްވުމަށް ލިބުނު ބޮޑު ނުތަނަވަސްކަމެކެވެ.
ފަނޑިޔާރު ޖޭމްސް ލޫވިސް ވަނީ، އެ ރަށްތަކުގައި އަލުން މީހުން އާބާދުވުން މަނާކުރާ 2004 ވަނަ އަހަރުގެ ގާނޫނު ބާތިލުކުރައްވައި، ޗާގޯސްގެ ރައްޔިތުން އެ ގައުމުން ބޭރުކޮށްލުމާ ގުޅޭ ގޮތުން ކުރިން ނިންމާފައިވާ ނިންމުންތައް ބަދަލުކުރައްވާފަ އެވެ. ފަނޑިޔާރުގެ ނިންމުމުގައި ބަޔާންކުރައްވާފައިވަނީ، ޗާގޯސްގެ ރައްޔިތުންނަށް އެ މީހުންގެ އަމިއްލަ ވަޒަނުގައި ދިރިއުޅުމުގެ ހައްގު ލިބިގެންވާ ކަމަށާއި ސަލާމަތީ ކަންކަމާއި ހަރަދުތަކާ ގުޅޭ ގޮތުން ކުރިން ދައްކާފައިވާ އުޒުރުތައް މިހާރު ދެމިނޯންނާނެ ކަމަށެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ މި އަހަރުގެ ކުރީކޮޅު އެނބުރި އެ ރަށްތަކަށް ދިޔަ ހަތަރު މީހެއްގެ ފަރާތުންނެވެ.
"އަހަރެމެން އެނބުރި ދާން ބޭނުންވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ. އަހަރެމެން މިތަނަށް މިއައީ އަދިވެސް އަހަރެމެން އެނބުރި ވަޒަނަށް ދާން ބޭނުންވާކަން ސާބިތުކޮށްދިނުމަށް،" އޭގެ ތެރެއިން އެކަކު ކަމުގައިވާ ލޫއީ މިސްލީ މެންޑަރިން ކޯޓުގައި ބުނެފައިވެ އެވެ.
މި ނިންމުމަށް މަރުހަބާ ކިޔަމުން މެންޑަރިން ބުނީ އިންސާފު ގާއިމުވާން ފަށާފައިވާ ކަމަށާއި އަބަދުވެސް ގަބޫލުކުރަމުން އައި ހަގީގަތް ގާނޫނުން މިއަދު ބަލައިގެންފި ކަމަށެވެ.
ނަމަވެސް، އިނގިރޭސި ސަރުކާރުން ވަނީ މި ހުކުމް އިސްތިއުނާފު ކޮށްފަ އެވެ. މި ހުކުމުގެ ސަބަބުން، ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރުމަށް ރާވާފައިވާ ރޭވުންތަކަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެ އެވެ. އަދި ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މި ނިންމުމުގެ ސަބަބުން އެ ސަރަހައްދާ މެދު އިނގިރޭސިވިލާތުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތުތަކަށް ބުރޫއަރާނެ އެވެ.
ޗާގޯސްގެ ރަށްވެހިންނަށް އެނބުރި ދެވެން ޖެހޭނެ: އިނގިރޭސި ހުކުމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ