އަދަދުގެ ސީއީއޯ ފިޔާޒް ފުރުން މަނާކޮށްފި

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައިގައި، މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ ރާއްޖޭން ފުރުން މަނާކޮށްފި އެވެ.ފުލުހުން "އަދަދު" އޮފީސް ފާސްކުރަމުން ދާއިރު އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ފިޔާޒްގެ ޕާސްޕޯޓް ހިފަހައްޓައި އިމިގްރޭޝަންގެ މައްޗަށް ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ޕާސްޕޯޓް ހިފަހައްޓަނީ ޑޮކިއުމެޓްރީގައި ރައީސަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ކުރިއަށްދާތީ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން ޖުލައި 26 ގެ ނިޔަލަށް ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައާ ގުޅޭ ގޮތުން ނެރުނު އަމުރުގައިވެ އެވެ.ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފަށާފައި މިވަނީ އެ ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ޑޮކިއުމެންޓްރީއެއް އާންމުކޮށްފައި ވަނިކޮށެވެ.ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވަނީ ޑޮކިއުމެންޓްރީގައި ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.ރައީސް މުއިއްޒު ވިދާޅުވީ މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ