ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 8: މާތްﷲ ގެ ޢަޛާބަށް ގޮންޖެހުން

ޢަލީ އިޙްޞާން ފިރާޤް
 
މާތްﷲ ގެ ޢަޛާބަށް ގޮންޖެހުން: 
نوح عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނާމެދު ނާއުއްމީދުވެވަޑައިގެން އެންމެފަހު ފަހަރަށް އެބައިމީހުންނަށް ވިސްނައިދެއްވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. އީމާންނުވާނަމަ މާތްالله سبحانه وتعالى ގެ ޢަޛާބު ހުރިކަން އެންގެވިއެވެ. ނަމަވެސް، އެބައިމީހުންގެ ހިތްތަކުގައިވަނީ ސިއްކަ ޖެއްސެވިފައެވެ. ޝައިޠާނާވަނީ އެބައިމީހުންގެ އަމަލުތަށް ޒީނަތްތެރިކޮށްދީފައެވެ. އެބައިމީހުންނަށް މާތްﷲ ގެ ޢަޛާބުގެ ވަރުދަގަކަން އިހްސާސް ނުކުރެވޭ ކަހަލައެވެ. އެބައިމީހުން ނޫޙުގެފާނަށް ދެންނެވިއެވެ. [ކަލޭގެފާނު ތިޔަ ވަޢުދުވެވަޑައިގަންނަވާ ޢަޛާބު ނިކަން ތިމަންމެންގެ އަރިހަށް ގެނެސްބަލާށެވެ.] މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރްއާނުގެ ހޫދު ސޫރަތުގެ 32 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 
قَالُوا يَا نُوحُ قَدْ جَادَلْتَنَا فَأَكْثَرْتَ جِدَالَنَا فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ ﴿٣٢﴾ 
މާނައީ: [އެއުރެން ދެންނެވޫއެވެ. އޭ نوح ގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނު ތިމަންމެންނާ ޖަދަލުކުރައްވައިފީމުއެވެ. އަދި ތިމަންމެންނާ ޖަދަލުކުރެއްވުން ގިނަކުރައްވައިފީމުއެވެ. ފަހެ، ކަލޭގެފާނުވަނީ، ތެދުވެރިންގެ ތެރެއިން ކަމުގައިވާނަމަ، ތިމަންމެންނަށް ތިޔަ وعد ކުރައްވާ ކަންތައް ތިމަންމެންނާ ހަމަޔަށް ގެންނަވައި ބައްލަވާށެވެ!] 
ނޫޙުގެފާނުގެ ޤައުމުގެ މީސްތަކުން މާތްﷲ ގެ ޢަޛާބަށް ގޮންޖަހައި އެ ޢަޛާބު އެބައިމީހުންނަށް ގެނެސްދެއްވުމަށް އެދިވަޑައިގެން ޖަދަލު ކުރުންތައް ގިނަ ކުރަން ފެށުމުން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވި ބަސްފުޅުތައް ހޫދު ސޫރަތުގެ 33 އަދި 34 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 
قَالَ إِنَّمَا يَأْتِيكُم بِهِ اللَّهُ إِن شَاءَ وَمَا أَنتُم بِمُعْجِزِينَ ‎﴿٣٣﴾‏ وَلَا يَنفَعُكُمْ نُصْحِي إِنْ أَرَدتُّ أَنْ أَنصَحَ لَكُمْ إِن كَانَ اللَّهُ يُرِيدُ أَن يُغْوِيَكُمْ ۚ هُوَ رَبُّكُمْ وَإِلَيْهِ تُرْجَعُونَ ‎﴿٣٤﴾‏
މާނައީ: [އެކަލޭގެފާނު ވިދާޅުވިއެވެ. އެކަލާނގތިޔަބައިމީހުން މަގުފުރެއްދެވުމަށް اللَّه އިރާދަކުރައްވާ ކަމުގައިވީނަމަ، ތިޔަބައިމީހުންނަށް نصيحة ދެއްވަން ތިމަންކަލޭގެފާނު އެދިވަޑައިގަތަސް، ތިމަންކަލޭގެފާނުގެ نصيحة އަކުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ. އެކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ. އިރާދަކުރައްވައިފިނަމަ، އެކަންތައްތައް ތިޔަބައިމީހުންނާ ހަމަޔަށް ގެންނަވާހުށިކަން ކަށަވަރީ، اللَّه އެވެ. އަދި ތިޔަބައިމީހުންނަކީ، އެކަލާނގެ ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެތެވެ.]
ކޮންމެއަކަސް، އެބައިމީހުންގެ ނޭއްޤާނީކަމާއި ދެކޮޅުވެރިކަން އިންތިހާއަށްގޮސް އިންސާނީ ރިވެތި އުސޫލުތަކާއި ޚިލާފުވާން ފެށުމުން މާތްالله سبحانه وتعالى، نوح عليه السّلام އަށް ނައުކޮޅު ބެންނެވުމަށް އެންގެވިއެވެ. މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރްއާނުގެ ހޫދު ސޫރަތުގެ 36 ވަނަ އާޔަތާއި 37 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 
وَأُوحِيَ إِلَىٰ نُوحٍ أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلَّا مَن قَدْ آمَنَ فَلَا تَبْتَئِسْ بِمَا كَانُوا يَفْعَلُونَ﴿٣٦﴾ وَاصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا وَلَا تُخَاطِبْنِي فِي الَّذِينَ ظَلَمُوا ۚ إِنَّهُم مُّغْرَقُونَ ﴿٣٧﴾
މާނައީ: "نوح ގެފާނަށް وحى އިއްވެވިއެވެ. ކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން މިހާތަނަށް إيمان ވެގެންތިބި މީހުން މެނުވީ، إيمان އެއް ނުވާނެތެވެ. ފަހެ، އެއުރެން ކޮށްއުޅޭ ކަންތަކާމެދު، ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން، އަދި ތިމަންރަސްކަލާނގެ وحى އާއެކު، ކަލޭގެފާނު ނާކޮޅު ބަންނަވާށެވެ! އަދި އަނިޔާވެރިވި މީހުންނާ މެދުގައި، ތިމަންރަސްކަލާނގެ حضرة އަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، غرق ކުރައްވާނޭ ބަޔެކެވެ.]
ބުނެވޭ ގޮތުގައި نوح عليه السّلام ގެ ނާކޮޅަކީ، އޭގެކުރިންވެސް އަދި އޭގެފަހުންވެސް އެފަދަ ދެވަނައެއް ނުވާފަދަ ބޮޑު ނާކޮޅެކެވެ. نوح عليه السّلام އަށް އަމުރު ކުރެއްވުނު ފަދައިން އެކަލޭގެފާނު ނައުކޮޅު ބަންނަވަމުންގެންދެވިއެވެ. އެކަލޭގެފާނުގެ ޤައުމުގެ ކާފިރުން އެކަމާ އެކަލޭގެފާނަށް ވަރަށް ބޮޑަށް މަލާމަތްކޮށް ފުރައްސާރަކުރިއެވެ. މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރްއާނުގެ ހޫދު ސޫރަތުގެ 37 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَيَصْنَعُ الْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلَأٌ مِّن قَوْمِهِ سَخِرُوا مِنْهُ ۚ..... 
މާނައީ: [އަދި އެކަލޭގެފާނު ނާކޮޅު ބަންނަވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ قوم ގެމީހުންކުރެ، ބޮޑުންގެ ބަޔަކު އެކަލޭގެފާނުގެ އަރިހުންލާފައި ހިނގައްޖެ ކޮންމެ ފަހަރަކު، އެކަލޭގެފާނަށް މަލާމާތްކުރެތެވެ.]  
މިބައިމީހުންގެ މަލާމާތްތަކަށް ރައްދުދެއްވައި، نوح عليه السّلام ވިދާޅުވެފައިވާ ބަސްފުޅު ހޫދު ސޫރަތުގެ 38 ވަނަ އާޔަތާއި 39 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 
قَالَ إِن تَسْخَرُوا مِنَّا فَإِنَّا نَسْخَرُ مِنكُمْ كَمَا تَسْخَرُونَ ‎﴿٣٨﴾‏ فَسَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌ مُّقِيمٌ ‎﴿٣٩﴾‏
މާނައީ: [އެކަލޭގެފާނު ވިދާޅުވެތެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މަލާމާތްކުރާނަމަ، ތިޔަބައިމީހުން މަލާމާތްކުރާ ފަދައިން، ހަމަކަށަވަރުން، ތިމަންމެންވެސް ތިޔަބައިމީހުންނަށް މަލާމާތް ކުރާނަމެވެ. ފަހެ، ނިކަމެތިކަން އެމީހަކަށް ދެނިވި عذاب، އެމީހަކާ ހަމައަށް އަންނަނީ، އަދި ދެމިހުންނަނިވި عذاب، އެމީހަކަށް ކުރިމަތިވެގެން އަންނަނީ، ކާކަށްކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.]
نوح عليه السّلام ނާކޮޅު ބަންނަވައި ނިންމެވީ މާތްالله سبحانه وتعالى އެކަލޭގެފާނަށް އިރުޝާދު ދެއްވައިފައިވާ ގޮތަށެވެ. ނާކޮޅު ބަންނަވާނެ އެންމެ ރަނގަޅު ގޮތް އެކަލާނގެ އެކަލޭގެފާނަށްވަނީ އޮޅުން ފިލުއްވައިދެއްވާފައެވެ. އެކަމަށް އިޝާރާތް ކުރައްވައި، މުއުމިނޫން ސޫރަތުގެ 27 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 
فَأَوْحَيْنَا إِلَيْهِ أَنِ اصْنَعِ الْفُلْكَ بِأَعْيُنِنَا.....)
މާނައީ: [ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحى ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބެއްލެވުމާއި، ތިމަންރަސްކަލާނގެ އެންގެވުމާއެކު، ނާކޮޅު ބަންނަވައި ހައްދަވާށެވެ! ]
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ