އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހޯދަން އާއިލާއިން ކޯޓަށް

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްދިނުމަށް އެދި އާއިލާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން އިއްޔެ ވަނީ ހާމަކޮށްފައެވެ. އެކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން އަބްދުﷲ ރަޝީދުގެ މަންމަ މަރިޔަމް އަހްމަދު ބުނީ އާއިލާއިން ޕޯސްޓްމޯޓަމް ހެދުމާ ދެކޮޅުކަމަށެވެ. އަދި މައްސަލަ ހުށަހެޅީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ހަށިިގަނޑު އާއިލާއާ ހަވާލުކުރުމަށް އެދި ކަމަށް އޭނާ ބުންޏެވެ. އެ މައްސަލައިގައި މާދަމާ ސިވިލް ކޯޓަށް ހާޒިރު ވާން އަންގާފައިވާ ކަމަށް ވެސް މަރިޔަމް ބުންޏެވެ. މިދިޔަ އަންގާރަ ދުވަހު އަބްދުﷲ ރަޝީދު މަރުވީ ގދ. ހޯނޑެއްދުއިން އޭނާ ހައްޔަރުކޮށް އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އެ އާއިލާގެ މެންބަރުން ބުނެއެވެ. އަބްދުﷲގެ އާއިލާއިން ވަނީ އޭނާގެ ހަށިގަނޑު ނުލިބިގެން އެޗްއާރުސީއެމްއާއި އެެހެން މުއައްސަސާތަކަށް ވެސް ޝަކުވާ ހުށަހަޅާފައެވެ. ލަނޑާ ނަގައިގެން ވިއްކުމުގެ މަސައްކަތް ކުރި އަބްދުﷲ ރަށުގައި އުޅެމުން ދިޔައީ އެކަންޏެވެ. އޭނާގެ އަނބިމީހާއާއި ހަތަރު ކުދިން ތިބެނީ މާލޭގައެވެ. ތިން އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖަކު އޭނާގެ ހުންނައިރު އެތަނުން 18 އަހަރު ފުރުނީ އެންމެ ކުއްޖަކަށެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ އަބްދުﷲ ހަށިގަނޑު މާލެ ގެނެސް ވަނީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީއަށް ލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ