ރޯދަ މަހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭން ރައީސް ކިބައިން އެދިއްޖެ
ކުރިއަށް އޮތް ރަމަޟާން މަހު، ޖަލުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން އެދިއްޖެ އެވެ. ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން މިއަދު ވަނީ ރައީސް އޮފީހުގައި ރައީސް ސޯލިހާ ބައްދަލުކުރައްވައިފަ އެވެ. އިދިކޮޅު ކޯލިޝަނުން ބުނީ އެއީ ޕީޕީއެމް އަދި ޕީއެންސީން އެދިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އިދިކޮޅުން ބުނީ މިއަދުގެ ބައްދަލުވުމުގައި ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެންމެ ކުޑަ މިނުން ރޯދަ މަހަށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ރައީސް ސޯލިހުގެ އަރިހުން އެދިފައިވާނެ ކަމަށެވެ. "ރައީސް ސޯލިހު ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން ހުރި ކަންތައްތައް ބައްލަވާނެ ކަމަށް،" ޕީޕީއެމް އިން ބުންޏެވެ. އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ހިޔާނާތުގެ ފައިސާ ލިބި އެ ފައިސާ މަނީލޯންޑަކުރިކަން ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލައި 500،000 ޑޮލަރުން ޖޫރިމަނާކުރީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ހުކުމަށް ވަނީ ހައިކޯޓުން ވެސް ތާއީދުކޮށްފަ އެވެ. އިދިކޮޅުން ތުހުމަތު ކުރަނީ އެއީ ސިޔާސީ ހުކުމެއް ކަމަށެވެ. މިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އަދިވެސް ހުންނަވަނީ އެމަނިކުފާނު ގެއަށް ބަދަލު ކުރަން ޖެހޭ ފަދަ ސަބަބެއް އަދި ނެތުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ