މެމްބަރު ހުސެއިން މުހައްމަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލިހުގެ މަތިވެރި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސެއިން މުހައްމަދު މިއަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
އެ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވި ގޮތުގައި ހުސެއިން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހަވީރު ހައެއް ޖަހާއިރަށެވެ. އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަން އެނގިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން އަންގާފައި އޮތީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ހުސެއިން ހާޒިރުވާން،" އޭނާ ވިދާޅުވި އެވެ.
އަލީ ސޯލިހް ފާހަގަކުރެއްވި ގޮތުގައި ޖޭޕީގެ މެމްބަރުން ފަހަކަށް އައިސް ފުލުސް އޮފީހަށް ހާޒިރު ކުރުމަކީ އާންމު ކަމެކެވެ. އެކަމުގެ ބޭނުމަކީ މެމްބަރުންނަށް ބިރު ދައްކައި، މަސައްކަތަށް ހުރަސް އެޅުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުސެއިން ފުލުސް އޮފީހަށް ހާޒިރުކުރާއިރު، މަޖިލިހުގެ މެމްބަރުން ވަނީ މީގެ ކުރިން ވަނީ އެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސެއިނާއި ކާށިދޫ ދާއިރާގެ ޖޭޕީގެ މެމްބަރު ފައިސަލް ނަސީމް އެވެ.
އޭގެ ތެރެއިން ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގަމުން ދަނީ ގާސިމާއި ރިޔާޒްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ