ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ވަކީލަކު ހަމަޖެއްސެވުމަށް ފުރުސަތުދީ އިތުރު އަޑުއެހުމެއް މިރެއަށް ތާވަލްކޮށްފި އެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ގާސިމް އިބްރާހިމް ވަނީ ވަކީލަކު އަައްޔަން ކުރުމަށް 10 ދުވަސް ދިނުމަށް އެދިފަ އެވެ. އެހެން ނަމަވެސް ވަކީލަކު އައްޔަން ކުރުމަށް 10 ދުވަސް ދެވެން ނެތް ކަމަށް ގާޒީ ވަނީ ނިންމަވާފަ އެވެ.
ވަކީލަކު އައްޔަން ކުރުމަށް ދިގު މުއްދަތެއް ގާޒީ ދީފައިނުވަނީ މިދިޔަ ދުވަސްތަކުގައި ގާސިމްގެ ބަލިހާލަތާ ގުޅޭ ގޮތުން ވެސް އޭނާގެ ވަކީލުން މީޑިއާތަކުގައި މައުލޫމާތު ދީފައި ވާތީ، 10 ދުވަހުގެ މުއްދަތެއް ނުދިން ނަމަވެސް ގާސިމް ވަކީލުން ހަމަޖެއްސޭނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
ގާސިމް އިބްރާހިމް އަށް އުފުލާފައިވާ ދައުވާގެ އިތުރު އަޑުއެހުމެއް މިރޭ 8:30 އަށް ވަނީ ތާވަލްކޮށްފަ އެވެ. ގާސިމް މިއަދުގެ ޝަރީއަތަށް ހާޒިރުވެ ވަޑައިގެން ނަމަވެސް ލޯޔަރުން ވަޑައިނުގަތުމުން ގާސިމްގެ ޝަރީއަތް ކުރިއަށް ނުގެންދެވުނެވެ.
ޝަރީއަތުގެ މަޖިލީހުން މިއަދު ނިންމި ގޮތުގައި ގާސިމްގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާނީ އެ ކޯޓުން މައްސަލަ ބާތިލްކުރި ހިސާބުން ފެށިގެން އެވެ. ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާ ކްރިމިނަލް ކޯޓުން މީގެ ކުރިން ބޭރު ކުރީ ޕީޖީގެ ވަކީލުން ހާޒިރު ނުވި ކަމަށް ބުނެ އެވެ.
ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާގެ ތެރެއިން މިއަދު ކޯޓުގައި ބޭއްވި އަޑުއެހުމަކީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅަން އުޅުއްވިކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކުރާ ދައުވާ އެވެ.
ނުވަ ދުވަހު އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށްފަހު އިއްޔެގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައި ވަނިކޮށް މިއަދު ގާސިމް އިބްރާހިމް މިއަދު ކޯޓަށް ހާޒިރުވެ ވަޑައިގެންނެވީ ބޮޑީ ގާޑުންގެ އެހީތެރި ކަމާއެކު އެވެ.
ގާސިމްގެ މައްޗަށް ޕީޖީގެ ފަރާތުން ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ކުރާ ދައުވާއަކާއި 511 ވަނަ މާއްދާގެ ދަށުން ކުރާ ދައުވާއަކާއި 540 ވަނަ މާއްދާގެ ދަށުން ކުރާ ދައުވާއެކެވެ.
މިއީ މިދައުވާތައް ގާސިމް އިބްރާހީމްގެ މައްޗަށް އުފުލުނު ދެވަނަ ފަހަރެވެ. މީގެ ކުރިން ދައުވާ އުފުލިފަހަރު ޝަރީއަތް ނިމި ހުކުމް ކުރުމާ ހަމައަށް ގޮސްފައިވަނިކޮށް މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ ފަހު ބަޔަށް ޕީޖީގެ ވަކީލުން ހާޒިރު ނުވުމުން މިމައްސަލަ އޭރު ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކޯޓުން މައްސަލަ ބޭރުކޮށްލާފައެވެ.
ހަމައެރޭ ކްރިމިނަލްކޯޓުގެ އިސްގާޒީ އެހެން ކޯޓަކަށް ޖޫޑިޝަލް ސާވިސް ކޮމިޝަނުން ބަދަލުކުރިއެވެ. އޭގެ އަނެއްދުވަހު ޕީޖީގެ ފަރާތުން ވަނީ އަލުން މިމައްސަލަ ކްރިމިނަލްކޯޓަށް ވައްދާފައެވެ. މިހާރު ކުރިއަށް މިދަނީ އެމައްސަލައިގެ އަޑުއެހުންތަކެވެ.
ގާސިމް އިބްރާހިމް އަށް މިރޭ 8:00ގެ ކުރިން ވަކީލަކު ހަމަޖެއްސެވުމަށް ފުރުސަތުދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ