އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 28 ޓީމް ބައިވެރިވެއްޖެ

މައިލޯ 20 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ޖުމްލަ 28 ޓީމަކުން ބައިވެރިވެފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާ ކަމަށާއި އެގޮތުން ބައވެރި ވުމުގެ މުއްދަތު ހަމަވިއިރު ޖުމްލަ 28 ޓީމް ވަނީ މުބާރާތުގައި ބައިވެރިވެފައި ކަމަށެވެ.
އަންނަ މަހުގެ 11ން 15އަށް މާލޭގައި ބާއްވާ މިމުބާރާތަކީ ރާއްޖޭގެ ސްކޫލް މަދަރުސާ އަދި ކޮލެޖް ޔުނިވަރސިޓީތަކަށް ބައިވެރިވެވޭގޮތަށް ރާވާފައިވާ މުބާރާތެކެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، މައިލޯ 20 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ބާއްވަނީ ފަސް އުމުރުފުރާގެ ދެ ޖިންސްގައި ވަކިން ބައިވެރިވެވޭ ގޮތައް ކަމަށެވެ. އަދި މިގޮތުން މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ އުމުރުފުރާތަކަކީ 11އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުންދަށުގެ ޢުމުރުފުރާތަކަށް ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، މިމުބާރާތުގައި އިންޑިވިޖުއަލް އަދި ޓީމް އިވެންޓް ހިމެނޭގޮތަށް ޖުމްލަ 106 އިވެންޓް ބާއްވާގޮތަށް ވަނީ ހަމަޖެހިފައި ކަަމށެވެ. އެގޮތުން އެއީ ކޮންމެ ޖިންސެއް ވަކިން 11 އަހަރުން ދަށުގެ 4 އިންޑިވިޖުއަލް އިވެންޓް، 2 ޓީމް އިވެންޓް، 13 އަހަރުންދަށުގެ 6 އިންޑިވޖުއަލް އިވެންޓް، 2 ޓީމް އިވެންޓް، 15، 17 އަދި 19 އަހަރުންދަށުގެ ޢުމުރުފުރާގައި 11 އިންޑިވިޖުއަލް އިވެންޓް، 2 ޓީމް އިވެންޓު ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މިދިޔަ އަހަރު ބޭއްވި 19 ވަނަ އިންޓަ ސުކޫލްގައި ބައިވެރިވެފައި ވަނީ ޖުމްލަ 30 ސްކޫލަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ