"ރައީސް މައުމޫން, ފާރިސް, ނަދީމް, އަމިއްލަ ނަފުސު ވިއްކައެއް ނުލައްވާނެ"

ކުރީގެ ރައީސް މައުމޫނާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމް މިއަދު ވެސް ނަޒާހަތްތެރިކަން ވިއްކާލައި ރައީސް ޔާމީންއާއެކު ވަޑައިގެންފިނަމަ އެ ބޭފުޅުން ހަމައެކަނި ތިއްބަވާނީ ގޭގަ ނޫން ކަމަށާއި ބޮޑެތި ދަރަޖަތައް ވެސް ދެއްވާނެ ކަމަށް ރައީސް މައުމޫންގެ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ހދ ހަނިމާދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫންގެ މައްޗަށް ކުރެވުނު ތަހުމަތުތަކާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް އެންމެ ފުރަތަމަވެސް އެމަނިކުފާނުގެ ފޯނު ދެއްވި ނަމަ މިއަދު ހުންނަވާނީ ގޭގައި ކަމަށެވެ.
"އެފުރުސަތުގެ ބޭނުން ހިއްޕަވާނެ ކަމަށް އަޅުގަނޑުމެންނަށް ކޮންމެވެސް ކަހަލަ އުއްމީދީ ވާހަކަތަކެއް އިވިފައި އެފުރުސަތުގެ ބޭނުން ނުހިއްޕެވި. އެއީކީ ރައީސް މައުމޫން ޖަލަށް ލެއްވުމަކީ ރައީސް ޔާމީން ކުރެއްވި ކަމެއް ނޫން، ތަހުގީގަކަށް މީހެއްގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގަކަށް މީހަކު ގެންދާކަމަށްވަންޏާ އެންމެ ފުރަތަމަ ވެސް، ކުރެވޭ ތުހުމަތަށް ބަލާފައި، އެތުހުމަތަކީ ފޯނުގެ ޒަރީއާ އިން ނުވަތަ އިންޓަނެޓްގެ ޒަރީއާ އިން ހިންގާފައިވާ މުއާމަލާތެއްނަމަ، ފުލުހުން ބޭނުންވާނެ، ފޯނާއި އިންޓަނެޓް ބޭނުންކުރި ވަސީލަތްތައް" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސްގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން އެމަނިކުފާނަށް ބޮޑުބޭބެވެސް ވިދާޅުވާ ރައީސް މައުމޫންގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ރައީސް ޔާމީންގެ މަންދޫބެއްގެ ގޮތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރައީސް މައުމޫންގެ އަރިހަށް ވަޑައިގެން "އެއްބާރުލުން ދެއްވުމަށް" އެދިވަޑައިގަތް ކަމަށެވެ.
އެއަށް ރައީސް މައުމޫން ދެއްވި ޖަވާބަކީ، "އެއްބާރުލުން ދިނުމަކީ ނުކުރާ ކަމަކަށް އެއްބަސްވުން ކަމަށް ވަންޏާ އެކަމެއް ނުކޮށް ދެވޭނެ" ކަން ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
ރައީސް މައުމޫން ޖަލުން ގެއަށް ބަދަލު ނުކުރީ އަނިޔާގެ ކުރިމަތީގައި އެމަނިކުފާނު ހަތިޔާރު ނުބެހެއްޓެވުމުން ކަމަށް ވިދާޅުވެ މައުމޫން ހަމީދު ވިދާޅުވީ، ރައީސް މައުމޫން ޖަލުގައި މިއަދު އިންނަވަން ޖެހިވަޑައިގަންނަވަނީ އެންމެ ސަބަބެއް އޮވެގެން ކަމަށެވެ. އެއީ އަމިއްލަ ފައިދާ އާއި އާއިލީ ގުޅުންތަކުގެ މައްޗަށް އެމަނިކުފާނު ގައުމު އިސްކުރެއްވުން ކަމަށެވެ. އެކަން ރައީސް ޔާމީނަށް ހަޖަމު ކުރައްވަން އުނދަގޫވުމުން ކަމަށެވެ.
"ރައީސް މައުމޫނާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމް މިއަދު ވެސް ރައީސް ޔާމީންގެ އަނިޔާވެރިކަމަށް ބޯލަނބައިފިނަމަ އެ ބޭފުޅުންނާއި އާއިލާ ތަހައްމަލު ކުރައްވަމުންދާ ކަންކަން ވަގުތުން ނެތިގެންދާނެ، އެވަރުން ވެސް އެ ބޭފުޅުން ސާބިތުވެ ތިބުމުން ވަރަށް ގިނަ ވާހަކަތައް ބުނެދޭ،" މައުމޫން ހަމީދު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ބޮޑުބޭބެފުޅު އަބްދުﷲ ހަމީދުގެ ދަރިކަލުން މައުމޫން ހަމީދު ވިދާޅުވީ، ރައީސް މައުމޫނާއި ފާރިސް އަދި ނަދީމް ވެސް ނަޒާހަތްތެރިކަން ވިއްކާލައި ރައީސް ޔާމީންއާއެކު ވަޑައިގެންފިނަމަ އެ ބޭފުޅުން ހަމައެކަނި ތިއްބަވާނީ ގޭގަ ނޫން ކަމަށާއި ބޮޑެތި ދަރަޖަތައް ވެސް ދެއްވާނެ ކަމަށެވެ. ނަމަވެސް އެ ބޭފުޅުން އަމިއްލަ ނަފުސު ވިއްކާ ނުލައްވާނެ ކަމަށް ޔަގީންކަން މައުމޫން ހަމީދު ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ