ސުޕްރީމް ކޯޓުން ކުރާ ހުކުމްތައް ރިވިއު ކުރުމުގެ ބާރެއް ނެތް
ނަޝީދަށް ވާދަ ކުރެވޭނީ ގާނޫނު ބަދަލު ކޮށްގެން
ނަޝީދު ވެރިކަމަށް ކުރިމަތިލާން ފުރުސަތު ދޭކަށް ނުވާނެ
ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ނެރޭ އަމުރަކުން ބާތިލް ނުކުރެވޭނެ ކަމަށާއި ސުޕްރީމް ކޯޓުން ހުކުމް އިއްވައި ނިންމާފައިވާ ކަންކަމަށް ބަދަލު ގެނައުމުގެ ބާރެއް ލިބިގެން ނުވާ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު މިރޭ ވިދާޅުވި އެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ އެމްޑީ މުހައްމަދު އިކްރާމް ހުށަހަޅުއްވައިދޭ "ދެން ކޮން ސުވާލެއް" ޕްރޮގްރާމްގައި އާޒިމާ ވިދާޅުވީ، ނަޝީދު މިވަގުތު އެގެންދަވަނީ ސުޕްރީމް ކޯޓުން ކޮށްފައިވާ ނިހާއީ ހުކުމެއްގެ ދަށުން 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ކަމަށެވެ. އެހުކުމް އަދިވެސް އޮތީ އޮތްގޮތަށް ކަމަށާއި އެހުކުމް ބާތިލްނުވާހާ ހިނދަކު ނަޝީދަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުން ކުރާ ނިހާއީ ހުކުމަކަށް އަލުން ބަދަލު ގެނައުމުގެ ބާރު ސުޕްރީމް ކޯޓަށްވެސް ލިބިދީފައި ނެތް، ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަކީ ސުޕްރީމް ކޯޓުގެ ފައިނަލް ނިންމުމެއް. އެހެންވީމަ އެކެއް ފެބްރުއަރީގެ އަމުރުގައިވެސް އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން ސުޕްރީމް ކޯޓުން ނިންމާފައި އޮތް ނިންމުމެއް، އަމުރަކުންނެއް ބާތިލެއް ނުކުރެވޭނެ." އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ، ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި ސުޕްރީމް ކޯޓުގެ ހުކުމެއް އަލުން އަޑުއަހާފައި އަލުން ބަދަލުކުރެވޭނެ އެއްވެސް ގާނޫނީ ފުރުސަތެއް ނެތް ކަމަށާއި އެކަން އެގޮތަށް ކުރެވޭނެ އެއްވެސް ގާނޫނީ އޮނިގަނޑެއް ނެތް ކަމަށެވެ.
"ދުނިޔޭގެ ބައެއް ތަންތާ މިސާލަކަށް، މިސްކަރޭޖް އޮފް ޖަސްޓިސް ހުރި ކަމަށްވަންޏާ ސުޕްރީމް ކޯޓުން ނިމުނަސް އެވަރުގެ ކަމެއް ފެނިއްޖެއްޔާ ފަހުން އެފުރުސަތުތައް އޮންނަ ގާނޫނީ އޮނިގަނޑުތައްހުރޭ، އެހެންނަމަވެސް ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި އެއީ ހަމަ ސީލްޑް، ނިމިފައި އޮތް ނިންމުމެއް، ސުޕްރީމްކޯޓުން ކޮށްފައި އޮތް ހުކުމެއް، އެހެންވީމަ ފަހުންކުރާ އަމުރަކުންނެއް އެއައް ޗޭންޖެއް ނުކުރެވޭނެ. އެއަށް ބަދަލުގެނައުމުގެ ބާރު ސުޕްރީމް ކޯޓަކަށްވެސް ނުލިބޭ." އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުންޖިނާއީ ކުށެއް ސާބިތުވެ 12 މަސްދުވަހަށްވުރެ އިތުރަށް ޖަލު ހުކުމެއް އައިސްފައިވާ ފަރާތަކަށް އެފަރާތުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށްފަހު ތިން އަހަރު ފަހުން ނޫނީ ވެރިކަމަށް ކުރިމަތި ނުލެވޭނެ ކަމަށެވެ. އެހެން ކަމުން އެގާނޫނު އެގޮތަށް އޮއްވައި ނަޝީދަށް ކުރިމަތި ލެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ގާނޫނު ބަދަލު ކުރެވޭނެ ކަމަށާއި އެއީ އަދި އެހެން ކަމެއް ކަމަށް އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ގަބޫލު ނުކުރެވޭ ދެ ކަމެއް މީގެ ކުރިންވެސް ފާހަގަ ކޮށްފައިވާނެ ކަމަށާއި އެއީ އިސްލާމްދީން ރައްކާތެރިކުރުމާއި ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުން ކަމަށެވެ، އެކަންކަން ރައްކާތެރި ކޮށްދެއްވާނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. މިހާރުވެސް ފެނިގެން މިދަނީ ރާއްޖެ ބައިބައި ކޮށްލަން އެއްވެސް މައްސަލައެއް ނެތްކަން ވިދާޅުވަމުންދާ މަންޒަރު ކަމަށާއި އެވަރުގެ ބޭފުޅަކު ވެރިކަމަށް ކުރިމަތިލާން ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ.
އާޒިމާ އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ކޮށްފައިވާ އަމުރުގެ ހުރިހާ ބައެއްވެސް މިހާރުވަނީ ބާތިލް ކޮށްފައި ކަމަށާއި އެހެން ކަމުން ނަޝީދަށް ކުރިމަތި ލެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި ނަޝީދަށް ކުރުމަތި ލުމުގެ ފުރުސަތެއް ސަރުކާރުން ނުދޭނެ ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ.
ނަޝީދުގެ ހުކުމް ސުޕްރީމް ކޯޓަކަށްވެސް ބާތިލެއް ނުކުރެވޭނެ: އާޒިމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ