ކަރަންޓު މައްސަލައިގައި ދޮންފަނު ރައްޔިތުން ކަންބޮޑުވެފައި

މިދިޔަ އަހަރުގެ ރޯދަ މަހުން ފެށިގެން ބ. ދޮންފަނުގެ ކަރަންޓަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އެއްވެސް ހައްލެއް ނުލިބޭތީ ރައްޔިތުން ކަންބޮޑުވެއްޖެ އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ދޮންފަނު ކައުންސިލްގެ ރައީސް ހަނީފް އިބްރާހިމް ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަ މަހުން ފެށިގެން އެރަށުން ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ލިބެމުންދާ ކަަމަށެވެ. އަދި ވިދާޅުވީ މިގޮތަށް ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންގެ އަގުބޮޑު ބައެއް މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
ހަނީފު ވިދާޅުވީ ރަށުގައި ހަ ޖަނަރޭޓަރު ހުންނަ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބޭނުން ކުރެވެނީ ތިން ޖަނަރޭޓަރު ކަމަށެވެ. އަދި އެތިން ޖަނަރޭޓަރު އެއްފަހަރާ ބޭނުންކޮށްގެން ނޫނީ މުޅި ރަށަށް ކަރަންޓު ފޯރުކޮށް ނުދެވޭ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ އަތޮޅު އޭދަފުށީގައި ހުންނަ ފެނަކަ އޮފީހާއި މަޝްވަރާކުރުމުން ބައެއް ރަށްރަށުގައި ބޭނުންކޮށް ބާވެފައިވާ ޖަނަރޭޓަރެއް އެރަށަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިލިބެނީ ރަށްރަށުގައި ބޭނުންކޮށް ބާވެފައިވާ ކޮންޑިޝަން ދަށް ޖަނަރޭޓަރުތައް. އެވެސް މަރާމާތު ކޮށްކޮށްގެންވެސް އެއްވެސް ބޭނުމެއް ނުހިފޭ،" ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބޭތީ އިންތިހާއަށް ކަންބޮޑުވަމުން އޭނާ ވިދާޅުވި އެވެ.
ހަނީފް ވިދާޅުވީ ކަރަންޓު ކެނޑޭނެ ސީދާ ވަގުތެއް ނޭނގޭ ކަމަށާއި ކަރަންޓު ކެނޑުމަށްފަހު އެތަށް އިރެއްވަންދެންވެސް ކަރަންޓު ނުލިބި ހުންނަ ކަމަށެވެ. އަދި މިގޮތަށް ކަންތައްތައްވަމުންދާތީ ހައްލެއް ހޯދުމަށް މާލޭގައި ހުންނަ ފެނަކަ ކޯޕަރޭޝަނަށް ހުށަހެޅި ނަމަވެސް އެއްވެސް ޖަވާބެއްވެސް ނުދޭތީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"މީގެ ކުރިން މިއީ ރައްޔިތުންގެ އިންޖީނުގެއެއް ހުރި ރަށެއް. އޭރު މިފަދަ އެއްވެސް މައްސަލައެއް ދިމާނުވޭ. މިތަން ޔޫޓިލިޓީސްއަށް ބަދަލު ކުރި އިރުވެސް ރައްޔިތުންނަަކަށް އެއްވެސް އެއްޗެއްނުދޭ ނުވިތާކަށް 24 ގަޑި އިރު ހަމައަށް ކަރަންޓު ލިބޭ ކަމަަކަށްވެސް ނުވި. އަޅުގަނޑުމެން ތަކުރާރުކޮށް މިމައްސަލަ މާލޭގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ މެއިން ބްރާންޗަށް ހުށަހެޅި ނަމަވެސް އެބޭފުޅުންގެ އެއްވެސް ޖަވާބެއް ނުލިބޭ. އަޅުގަނޑުމެން މިތިބީ ގޮތް ހުސްވެފައި،" ކުރިއަށް ރޯދަމަސް އޮތް ކަން ފާހަގަކުރައްވާ ރައްޔިތުންނަށް ވާނެ ދަތިތައް ހަނީފް ވިދާޅުވި އެވެ.
އާބާދީގައި ގާތްގަނޑަކަށް 547 މީހުން ދިރިއުޅޭ މިރަށުގައި މިހާރު ބޭނުން ކުރަމުންދަނީ 48 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި 60 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި 80 ކިލޯ ވޯޓުގެ ޖަނަރޭޓަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ