ކުރީގެ ރައީސް މައުމޫނުގެ ސެކްރެޓޭރިއޭޓުގެ ނޫސްބަޔާން: "ރައީސް އޮފީހާއި ތީމުގެއިން މައުމޫން ވަޑައިގެންނެވިއިރު ސަރުކާރުގެ އެއްވެސް މ

ވެރިކަމުގެ ބާރުތައް އާ ސަރުކާރަށް ބަދަލުކުރުމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް، އާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެއްވާފައިވާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރިޔާސީ ގަނޑުވަރު ތީމުގެ ދޫކުރައްވާފައި އަމިއްލަފުޅު ދިރިއުޅުއްވުމަށް އެމަނިކުފާނު ބަދަލުވެ ވަޑައިގެންނެވިއިރު ސަރުކާރުގެ އެއްވެސް މުދަލެއް ނުގެންދަވާ ކަމަށް މައުމޫނުގެ ސެކްރެޓޭރިއޭޓުން ބުނެފި އެވެ.
ދައުލަތުގެ ނިޝާން ޖަހައި، ސެކްރެޓޭރިއޭޓް އޮފް ދަ ފޯމަ ޕްރެޒިޑެންޓް އޮފީހުން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ވެރިކަމުން މައުމޫން ވަކިވެވަޑައިގަތުމަށް ފަހު މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެމަނިކުފާނުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ދޮގު އިލްޒާމްތަކެއް މައުމޫނުގެ އިސްތަށިފުޅުގައި ބައެއް މީހުން އަޅުވަމުން ގެންދާކަމީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއިން ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
"މި ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، އެ މަޖިލީހުގެ ޖަލްސާތަކުގައި ވެސް، އެ މަނިކުފާނަށް ވައްކަމުގެ ތުހުމަތުތަކެއް ކުރައްވަމުން ގެންދަވާ ކަމީ އެ މަނިކުފާނު އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ކަމެކެވެ،" މައުމޫން މިހާރު ދިރިއުޅުއްވާ މ. އަލިވާގޭގެ ނަމުގައި ނެރެފައިވާ ނޫސްބަޔާނުގައި ވެ އެވެ.
އޭގެ އިތުރުން އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ އޮފީސްތަކާއި އަދި މައުމޫން ދިރިއުޅުއްވި ތީމުގެއާ ބެހޭ ގޮތުން އާ ސަރުކާރުން އެދިވަޑައިގެންނެވި ހުރިހާ ކަމެއްގައި އެދިވަޑައިގެންނެވި ފަދަ އަކުން އެއްބާރުލުން ދެއްވާފައިވާނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ތީމުގެ ދޫކުރައްވައި އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ނިކުމެވަޑައިގެން، އަމިއްލަފުޅު ދިރިއުޅުއްވުމަށް ބަދަލުވެ ވަޑައިގެންނެވިއިރު ގެންދެވީ، ހަމައެކަނި އެ މަނިކުފާނާއި އެ މަނިކުފާނުގެ އާއިލާގެ އެއްޗެތިކޮޅެވެ. ސަރުކާރުގެ އެއްވެސް މުދަލެއް ނުގެންދަވަ އެވެ. އަދި އެ ދެތަނުގެ ވެސް އިންވެންޓްރީ ވަނީ އާ ސަރުކާރާ ރަސްމީ ގޮތުން ހިއްސާކުރެވިފަ އެވެ. އަދި މި ގޮތުން މި ތަންތަނާ އާ ސަރުކާރުން ހަވާލުވެވަޑައިގެންއިރު، އެ ތަންތަނުގައި ހުރި ސަރުކާރުގެ އެންމެހައި ތަކެއްޗެއް ގަވާއިދުން ބެލެއްޓި ވަނީ ރިކޯޑްކުރެވިފަ އެވެ. ވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނަމަވެސް، އެ މަނިކުފާނު ކަންކުރައްވާފައިވާ ގޮތުގެ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވައި، އެ މަނިކުފާނުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ވާހަކަ ދެއްކުމަކީ އެ މަނިކުފާނު ވަރަށް ބޮޑަށް އިންކާރު ކުރައްވާ ކަމެކެވެ،" ތިރީސް އަހަރު ވަންދެން ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މައުމޫނުގެ ސެކްރެޓޭރިއޭޓުން ނެރެފައިވާ ނޫސްބަޔާނުގައި ވެ އެވެ.
އެ ނޫސްބަޔާނުގައި އަދި ބުނެފައި ވަނީ މައުމޫން ވެރިކަމުގައި ހުންނެވިއިރު ވެސް އަދި ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގަ އާއި މިހާރު ވެސް އެ މަނިކުފާނުގެ އެންމެ ފުރަތަމަ މަސްލަހަތެއް ކަމުގައި ދެކެވަޑައިގެންފައި ވަނީ ދިވެހި ގައުމުގެ މަސްލަހަތު ކަމަށާއި އަމަލުތައް ގެންގުޅުއްވާފައި ވަނީ ވެސް އެގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ