މިދިޔަ އަންގާރަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ، ވަގުތީ ނަތީޖާއާ އެއްވެސް ތަފާތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ބައިވެރިވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ ރޭ އިއުލާންކޮށްދެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު އިބްރާހީމެވެ. ރަސްމީ ނަތީޖާގައިވާ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަށް ލިބިވަޑައިގެންފައި ވަނީ ވޯޓުލި މީހުންގެ 54.21 ޕަސެންޓެވެ. އެއީ 97،222 ވޯޓެވެ. ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމަށް ލިބިވަޑައިގަތީ ވޯޓުލި މީހުންގެ 45.79 ޕަސެންޓެވެ. އެއީ 82،121 ވޯޓެވެ.
ނަސަންދުރަ ޕެލަސް ހޮޓަލުގައި ރޭ 00: 8 ގައި ބާއްވަން ހަމަޖެއްސެވި ރަސްމިއްޔާތު ބޭއްވުނީ، ޑީއާރުޕީން ހުށަހެޅި ޝަކުވާގެ ސިޓީއަކާ ގުޅިގެން ހަމަޖެހިފައިވާ ވަގުތަށް ވުރެ ގަޑިއެއްހާއިރު ލަހުންނެވެ.
ރަސްމީ ނަތީޖާ އިއުލާންކުރެއްވުމަށް ޕޯޑިއަމް ކައިރީގައި ހުއްޓިވަޑައިގެން ހުންނަވައި ކޮމިޝަނުގެ ރައީސް ވިދާޅުވީ "ނަތީޖާ އިއުލާންކުރުން މަޑުކޮށްލީ މިރޭ 15: 7 ހާއިރު ޑީއާރުޕީގެ ފަރާތުން އަޅުގަނޑުމެންނަށް ސިޓީއެއް ލިބިފައިވުމާއެކު އެ ސިޓީ އަޅުގަނޑުމެންގެ ލީގަލް ޓީމުން ބައްލަވައިފައި އެ ސިޓީއަށް ޖަވާބެއް ދިނުމަށްފަހުގައި ނަތީޖާ އިއުލާންކުރުމަށް ބޭނުންވާތީ" ކަމަށެވެ.
"މި ކަމަކީ މަސްލަތު ހިފެހެއްޓުމުގެ ގޮތުން ކުރާ ކަމެއް،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
ޑީއާރުޕީން ފޮނުވި ސިޓީއާ ގުޅިގެން ރަސްމީ ނަތީޖާ އިއުލާންކުރުމަށް ލަސްކުރުމަށްފަހު ރޭ 00: 9 ހާއިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ރަސްމީ ނަތީޖާ އިއުލާންކުރައްވައިފަ އެވެ. ރަސްމީ ނަތީޖާ އިއުލާންކުރި އިރު ދާއިމީ ނަތީޖާ އާއި ވަގުތީ ނަތީޖާއާ އެއްވެސް ތަފާތެއް ނެތެވެ.
ރަސްމީ ނަތީޖާ އިއުލާންކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ސިޓީގައި ބުނެފައި ވަނީ ކޮން މައްސަލަތަކެއްތޯ ނޫސްވެރިއަކު ދެންނެވުމުން އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ޝާހިދު (ސާބެ) ވިދާޅުވީ ޑީއާރުޕީން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ވޯޓާ ރަޖިސްޓްރޭޝަނާ ބެހޭ މައްސަލަ އާއި އެންޓި ކެމްޕޭން އަދި ކެމްޕޭންކުރުމުގެ އެސްއެމްއެސް ފޮނުވި މައްސަލަ އާއި ރިސޯޓްތަކުގައި ގަދަކަމުން ވޯޓުލުމާއި އިލެކްޝަންސް އޮބްޒާވަރުންގެ މައްސަލަ އަދި ޑީއާރުޕީގެ އޮބްޒާވަރުންނަށް އެ ދުވަހު ފާސް ނުލިބުމާއި އެމްޑީޕީގެ ޖަގަހަތަކުގައި ކެމްޕޭންކުރުން ފަދަ މައްސަލަތައް ހިމެނޭ ކަމަށެވެ.
"ވޯޓުލާ ސަރަހައްދުގައި އެމްޑީޕީ އިއްތިހާދުގެ ސަޕޯޓަރުން ހަރަކާތްތެރިވި މައްސަލަ، ވޯޓުލާ ސަރަހައްދުގައި އެމްޑީޕީގެ އެކަކަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވުން. ބައެއް އަންހެން ބޭފުޅުންގެ އައިޑީކާޑު އެ މީހުން ފިރިން ހިފައިގެން އުޅުން،" ސާބެ ވިދާޅުވި އެވެ.
ސާބެ ވިދާޅުވީ ފުރަތަމަ ބުރުގެ ވޯޓުލާ މީހުންގެ ލިސްޓާ ބެހޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކާ ބެހޭ ގޮތުން އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯއިން ޖަވާބު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ ފުރިހަމަ ހެއްކާއެކު ހުށަހަޅާ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުއްވާނެ ކަމަށެވެ.
"މިއީ ވަރަށް އިންސާފުވެރި، ހާމަކަން ބޮޑު އިންތިހާބެކޭ. އެކަމާ އަޅުގަނޑުމެން ޝައްކެއް ނުކުރަން،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
ސާބެ ވިދާޅުވީ އިންތިހާބާ ގުޅިގެން އެކި ފަރާތްތަކުން 137 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ ކޮމިޝަނުގެ މެމްބަރު ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ވޯޓުލި މީހުންގެ ލިސްޓްގެ މައްސަލަ ވަރަށް ބޮޑަށް ދިމާވި ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް ވެސް އެޅި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މައްސަލަތައް ހައްލުކުރުމަށް ވޯޓުލާ މީހުން ރަޖިސްޓްރީކުރާ ސޮފްޓްވެއާ ވެސް ބަދަލުކުރިން. ނަމަވެސް އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބުނު،" ފުއާދު ވިދާޅުވި އެވެ.
އެ ކޮމިޝަނުގެ މެމްބަރު އަލީ ފާއިޒު ވިދާޅުވީ ކުރިޔަށް ހުރި އިންތިހާބުތަކަށް ރަނގަޅުކުރަން ޖެހޭ މައްސަލަތައް ފާހަގަކޮށް ބޭރުގެ ކަމާ ބެހޭ ތަޖުރިބާކާރުންގެ އެހީގައި އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
"ވަރަށް ގިނަ ކަންތައްތައް ރަނގަޅުކުރަން އެބަހުރި. ވަރަށް ގިނަ ބަދަލުތަކެއް ވެސް ގެންނަންޖެހޭ ކަންތައްތައް އެބަހުރި. އެކަންތައް ހައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނަން،" އޭނާ ވިދާޅުވި އެވެ.
ރޭ ނޫސްކޮންފަރެންސަށް ފަހު، ވޯޓު ކަރުދާހުގައި ހިމަނާފައިވާ ސަލާމަތީ ކަންތައް ނޫސްވެރިންނަށް ދައްކާލި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ ވޯޓުކަރުދާހުގައި ހިމަނާފައިވާ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން އެހެން އެއްވެސް ބަޔަކަށް ވޯޓުކަރުދާސް ކޮޕީއެއް ނުކުރެވޭނެ ކަމަށެވެ. އަދި އެ ސަލާމަތީ ފިޔަވަޅުތައް އެއްވެސް ބަޔަކަށް ނޭނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު 2008: ރަސްމީ ނަތީޖާ އާއި ވަގުތީ ނަތީޖާއާ އެއްވެސް ތަފާތެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ