ރައީސް މައުމޫން އައްޑު އަތޮޅު ހެރަތެރެ ރިސޯޓް ރަސްމީކޮށް ހުޅުއްވައިދެއްވައިފި

އައްޑު އަތޮޅުގައި ތަރައްގީކުރި ފުރަތަމަ ރިސޯޓް ކަމަށްވާ ހެރަތެރެ އައިލެންޑް ރިސޯޓް، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ހެނދުނު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.
މިއަދު ހެނދުނު އެ ރިސޯޓްގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް މައުމޫން އެ ރިސޯޓް ހުޅުއްވައިދެއްވީ، ރިސޯޓް ހުޅުއްވައިދެއްވުމާ ބެހޭ ޚާއްސަ ލިޔުންކޮޅު (ޕްލާކް)ގައިވާ ފަރުދާ މިއަދު ހެނދުނު 07: 10 ގައި ކައްސަވާލަ ދެއްވައިގެންނެވެ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ތަރައްގީކުރި ހެރަތެރެ ރިސޯޓް ހުޅުއްވައިދެއްވުމުގެ ގޮތުން އެ ރިސޯޓްގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ޖަލްސާގައި، އެ ރިސޯޓް ތަރައްގީކުރުމުގައި އިސްވެ ހަރަކާތްތެރިވި ފަރާތްތަކަށް ހަނދާނީ ފިލައެއް ދެއްވި އެވެ. އަދި އައްޑު އަށް ޓޫރިޒަމްގެ ސިނާއަތު ގެނެސްދެއްވިކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން އައްޑު އަތޮޅު ރައްޔިތުންގެ ފަރާތުން ރައީސް މައުމޫނަށް ހަނދާނީ ފިލައެއް ވެދުންކުރުން ވެސް އޮތެވެ.
މި ރަސްމިއްޔާތުގައި ރައީސް މައުމޫންގެ އިތުރުން އެމްޓީޑީސީގެ ޗެއާމަން ހުސައިން އަފީފް އާއި ޓޫރިޒަމް މިނިސްޓަރު ޑރ. މަހުމޫދު ޝައުގީގެ ވެސް ވާހަކަފުޅު ދެއްކެވި އެވެ.
29: 11
ހެރަތެރެ ރިސޯޓް ހުޅުއްވައިދެއްވުމުގެ ގޮތުން މިހާރު ވާހަކަފުޅު ދައްކަވަނީ ރައީސް މައުމޫން އެވެ. އެ މަނިކުފާނުގެ ވާހަކަފުޅު ފައްޓަވަމުން މި އުފާވެރި މުނާސަބަތާ ގުޅިގެން އައްޑޫގެ ރައްޔިތުންނަށް ތަހުނިޔާ ދެންނެވި އެވެ.
23: 11
މިހާރު ކުރިއަށް ދަނީ، އައްޑު އަތޮޅުގައި ތަރައްގީކޮށް ހުޅުވި ފުރަތަމަ ރިސޯޓް ކަމަށްވާ ހެރަތެރެ، ފެށުނީއްސުރެ މިއަދާ ހަމައަށް މަސައްކަތް ކުރެވެމުން އައި ތަފާތު މަރުހަލާތައް ދައްކައިދޭ ފޮޓޯތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލުމެވެ. ވީޑިއޯ ޕްރެޒެންޓޭޝަނަށް ފަހު، ދެން އޮތީ ރައީސް މައުމޫންގެ ވާހަކަފުޅު ދެއްކެވުމެވެ.
20: 11
އައްޑު އަތޮޅުގެ ރައްޔިތުންނަށް ދެއްވާ ހަނދާނީ ފިލާ ރައީސް މައުމޫން، އައްޑު އަތޮޅުގެ އަތޮޅުވެރިޔާ ސައުދު އަބްދުﷲ އާ ހަވާލުކޮށްދެއްވައިފި އެވެ. އަދި ހެރަތެރެ އަށް ޓޫރިސްޓުން ގެނައުމުގައި ހަރަކާތްތެރިވާ ދެ ޓުއާ އޮޕަރޭޓަރުން ކަމަށްވާ ހޮޓެލް ޕްލޭން އާއި ތޯމަސް ކުކް އަށް ވެސް ހަނދާނީ ފިލައެއް ދެއްވި އެވެ.
18: 11
ހެރަތެރެ ތަރައްގީކުރުމުގައި އިސްވެ ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުންނަށް ހަނދާނީ ފިލާ ދެއްވައިފި އެވެ. ރައީސް މައުމޫންގެ އަތްޕުޅުން ހަނދާނީ ފިލާ ލިބިވަޑައިގެންނެވީ، ޓޫރިޒަމް މިނިސްޓަރ ޑރ. މަހުމޫދު ޝައުގީ، ޗަމްޕާ ހުސައިން އަފީފް، މުހައްމަދު ސޯލިހު، އިބްރާހީމް ނޫރައްދީން، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަލް މަރުހޫމް މުހައްމަދު ސައީދު އެވެ.
15: 11
ޓޫރިޒަމް މިނިސްޓަރ ޑރ. މަހުމޫދު ޝައުގީގެ ވާހަކަފުޅު ދައްކަވާ ނިމިއްޖެ އެވެ، ދެން އޮތީ އައްޑު އަތޮޅަށް ޓޫރިޒަމް ގެނެސްދެއްވުމަށް ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އައްޑު އަތޮޅު ރައްޔިތުންގެ ފަރާތުން ރައީސް މައުމޫނަށް ހަނދާނީ ފިލައެއް އަރުއްވައިފި އެވެ. މި ފިލާ ރައީސް މައުމޫނަށް އެރުއްވީ އައްޑު އަތޮޅު ކޮމިޓީގެ ފަރާތުން މުހައްމަދު އަބްދުﷲ އެވެ.
53: 10
މިހާރު ވާހަކަފުޅު ދައްކަވަނީ ޓޫރިޒަމް މިނިސްޓަރ ޑރ. މަހުމޫދު ޝައުގީ އެވެ.
50: 10
ހެރަތެރެ ރިސޯޓް މިއަދު ރަސްމީކޮށް ހުޅުވުނު އިރު އެ ރިސޯޓްގައި 566 މުވައްޒަފުން ވަޒީފާ އަދާކުރަމުން ދެއެވެ. އޭގެ ތެރެއިން 330 މީހުންނަކީ ދިވެހިންނެވެ. އަދި އެ ރިސޯޓްގައި މަސައްކަތްކުރާ 99 ޕަސެންޓް މީހުންނަކީ އައްޑު އަތޮޅުގެ މީހުންނެވެ.
43: 10
ރިސޯޓެއްގެ ގޮތުގައި ހެރަތެރެ ތަރައްގީކޮށްފައިވަނީ 43 މިލިއަން ޑޮލަރު ) 552.5 މިލިއަން ރުފިޔާ( އިންވެސްޓްކޮށްގެންނެވެ. މި ރިސޯޓްގައި ހަދާފައިވާ އިމާރާތްތަކުގެ 70 ޕަސެންޓް އިމާރާތަކީ ޗަސްބިން ހިއްކައިގެން ހަދާފައިވާ ތަންތަނެވެ.
އައްޑޫގައި ތަރައްގީކުރި ފުރަތަމަ ޓޫރިސްޓް ރިސޯޓް ބިނާކޮށްްފައިވަނީ މުޅިން ވެސް ދިވެހި ފަންނުވެރިން ބޭނުންކޮށްގެންނެވެ. ރިސޯޓްގައި މަސައްކަތްކުރި މީހުންގެ 80 ޕަސެންޓް މީހުންނަކީ އައްޑު އާއި ފުވައްމުލަކުގެ މަސައްކަތްތެރިންނެވެ.
39: 10
އައްޑޫގައި ތަރައްގީކުރި ފުރަތަމަ ރިސޯޓްކަމަށްވާ ހެރަތެރެ އައިލެންޑް ރިސޯޓަށް ޓޫރިސްޓުން ގޮވައިގެން ބައިނަލްއަގުވާމީ ފްލައިޓްތައް އައްޑު އަށް އަންނަން ފެށީ، 2007 ޑިސެމްބަރު 23 ވަނަ ދުވަހު އެވެ. އިޓަލީގެ މިލާނުން ފުރައިގެން، ބްލޫ ޕެނޮރާމާ އެއާލައިންގެ ބޯޓުތައް ހަފުތާއަކު ދަތުރެއް ކުރަމުން އައިސް، މި އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހުން ފެށިގެން ޖަރުމަންގެ ކޮންޑޯ ފްލައިޓް ވެސް ވަނީ ސީދާ ޔޫރަޕުން، ހެރަތެރެ އަށް ޓޫރިސްޓުން ގޮވައިގެން އައްޑު އަށް ދަތުރުކުރަން ފަށައިފަ އެވެ.
38: 10
މަރުހަބާ ދެންނެވުމުގެ ގޮތުން މިހާރު ވާހަކަފުޅު ދައްކަވަނީ، އެމްޓީޑީސީގެ ޗެއާމަން ހުސައިން އަފީފް އެވެ. އޭނާގެ ވާހަކަފުޅަށް ފަހު ޓޫރިޒަމް މިނިސްޓަރ ޑރ. މަހުމޫދު ޝައުގީ ވާހަކަފުޅު ދައްކަވާނެ އެވެ.
36: 10
ހެރަތެރެ ރިސޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ޖަލްސާ މީގެ ކުޑަ އިރުކޮޅެއް ފަހުން، އެ ރިސޯޓްގައި ފެށިގެން ކުރިއަށް އެބަ ދާ ކަމަށް އެ ރިސޯޓްގައި މިވަގުތު ތިބި ހަވީރުގެ ނޫސްވެރިން މައުލޫމާތު ދެއްވި އެވެ.
ކީރިތި ގުރްއާނުގެ ބަރަކާތުން ފެށި މި ޖަލްސާގައި ރައީސް މައުމޫންގެ އިތުރުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން ޑރ. މަހުމޫދު ޝައުގީ އާއި ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވެ އެވެ.
11: 10
އައްޑު އަތޮޅުގައި ތަރައްގީކުރި ފުރަތަމަ ރިސޯޓްކަމަށްވާ ހެރަތެރެ އައިލެންޑް ރިސޯޓް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ދެންމެ ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.
މިއަދު ހެނދުނު 07: 10 ގައި ރައީސް މައުމޫން، ހެރަތެރެ އައިލެންޑް ރިސޯޓް ހުޅުއްވައި ދެއްވީ ރިސޯޓް ހުޅުއްވައިދެއްވުމާ ބެހޭ ޚާއްސަ ލިޔުންކޮޅު (ޕްލާކް)ގައިވާ ފަރުދާ ކައްސަވާ ދެއްވައިގެންނެވެ.
ހެރަތެރެ ރިސޯޓް ހުޅުއްވައިދެއްވުމަށް ފަހު، މި މުނާސަބަތާ ގުޅޭ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ޖަލްސާ މީގެ ކުޑަ އިރުކޮޅެއް ފަހުން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
07: 10
އައްޑު އަތޮޅުގައި ތަރައްގީކުރި ފުރަތަމަ ޓޫރިސްޓް ރިސޯޓްކަމަށްވާ ހެރަތެރެ އައިލެންޑް ރިސޯޓް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ދެންމެ ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ