ރަށެއް ހަމަޖެހުނުހާ އަވަހަކަށް މެމްބަރު ހަމީދު އަރުވާލާނެ: ޑީޕީއާރުއެސް

ދޮޅު އަހަރަށް އަރުވާލަން ހުކުމްކޮށްފައިވާ، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުލްހަމީދު އަރުވާލާނެ ރަށެއް ހަމަޖެހުނުހާ އަވަހަކަށް އޭނާ އެ ރަށަކަށް ގެންދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސާވިސަސް (ޑީޕީއާރުއެސް) އިން މިއަދު ބުނެފި އެވެ.
ހޯމް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ފުލުހުންގެ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް (މޮނާޒާ) ވިދާޅުވި ގޮތުގައި ހަމީދު އަރުވާލާނެ ރަށެއް އެ ޑިޕާޓްމަންޓުން މިހާރު އަންނަނީ ހޯދަމުންނެވެ. އަދި ހަމީދު އަރުވާނުލައި ލަސްވަމުން ދަނީ ވަކި ރަށެއް ހަމަނުޖެހިގެން ކަމަށް ދޭހަވާ ގޮތަކަށް ނައީމް ވަނީ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވައިފަ އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށް ސާބިތުވެފައިވާ ހަމީދު އަރުވާލައްވަނީ ކޮން ރަށަކަށްތޯ ނޫސްވެރިއަކު ސުވާލުކުރުމުން، އަރުވާލަން ކުރާ ހުކުމްތައް ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި، މޮނާޒާ ނައީމް ވިދާޅުވީ އަރުވާލަން ހުކުމްކޮށްފައި ތިބި ދުއިސައްތައެއްހާ މީހުންގެ ތެރެއިން 100 މީހުން ވެސް އަރުވާލާފައިނުވާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ކުށެއް ސާބިތުވެފައި ހުރި މީހަކު ބެހެއްޓުމަށް ރަށްރަށުން ދެކޮޅު ހެދުމެވެ.
"ވަކި އިސްމާއީލް އަބްދުލް ހަމީދުވީމައެއް ނޫން ރަށްރަށުން ޖާގަ ހޯދަންޖެހޭނީ. މީހުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ވެސް ހޯމް މިނިސްޓްރީން ކަށަވަރުކޮށްދޭންޖެހޭ ކަމެއް. ގާނޫނީ މަސްއޫލިއްޔަތު އޮންނަނީ ޕެނިޓެންޝަރީގައި،" ނައީމް ވިދާޅުވި އެވެ.
އަރުވާނުލެވި ތިބި މީހުން، އެ މީހުންގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރަމުން އަންނަކަން ފާހަގަކުރައްވަމުން ނައީމް ވިދާޅުވީ "އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ވެސް އިސްތިއުނާފަށް ހުށަހަޅުއްވަން އުޅުއްވާކަން އެނގިވަޑައިގެންފައިވާ" ކަމަށެވެ. އަދި ވިދާޅުވީ "ރަށެއް ހަމަޖެހުނުހާ އަވަހަކަށް އޭނާ ފޮނުވާލާނެ" ކަމަށެވެ.
ހަމީދުގެ މައްޗަށް މިދިޔަ އޮގަސްޓް 29ގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ ޑިރެކްޓަރަކަށް ހުންނަވައިގެން، އެ ސެކްޝަނަށް އުފުއްޔެއް ގެނައުމުގައި އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށެވެ. ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކް ކުންފުންޏާއި ސަރުކާރާ ދެމެދުވެފައިވާ އެއްބަސްވުމުގައި ބުނެފައިވަނީ އުފުލީގެ އަގަށްވާ 50 ޕަސެންޓު ދައްކަންޖެހެނީ އުޅަނދު ގެނައުމުގެ ކުރިން ކަމަށާއި ބާކީ 50 ޕަސެންޓް ދައްކަންޖެހެނީ އުޅަނދު މާލޭ ބަނދަރަށް ވެއްދުމުން ކަމަށް އެ ހުކުމުގައިވެ އެވެ. ނަމަވެސް އެ އުޅަނދު މާލޭ ބަނދަރަށް ވެއްދުމުގެ ގާތްގަނޑަކަށް ހަ މަސް ކުރިން އެ އުޅަނދު ލިބިފައިވާ ކަމަށް ހަމީދު ސޮއިކުރައްވާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ހަސަން އަފީފް ވެސް ވިދާޅުވީ ކުށްތަކުގައި ހުކުމްކުރާ މީހުން އަރުވާލުމަކީ ހައްލެއް ނޫން ކަމަށާއި އެ ކަންތައް މީގެ ކުރިން ވެސް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަމަށެވެ. ރާއްޖެ އަށް ދިމާވެގެން އުޅޭ އިޖުތިމާއީ މައްސަލަތަކުގެ މައިގަނޑު ސަބަބަކީ ވެސް ކުށްތަކުގައި ހުކުމްކުރާ މީހުން ރަށްރަށަށް އަރުވާލުން ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
"ވައްކަންކުރީމަ ވެސް، މާރާމާރީ އާއި ޑްރަގް ކަންތައްތަކުގައި ވެސް ރަށްރަށަށް އަރުވާލަނީ. މި މީހުން ރަށްރަށަށް ގޮސް މުޖުތަމައު ހަލާކުވާން ދިމާވަނީ. އެ ގޮތަށް އަރުވާލާ މީހުންގެ ފަރާތުން ރަށްރަށަށް ނުބައި އާދަ ދަސްކޮށްދެނީ،" އަފީފް ވިދާޅުވި އެވެ.
އަރުވާލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެ، މީގެ 15 ވަރަކަށް އަހަރު ކުރިން ރައްޔިތުންގެ މަޖިލީހުގައި ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް އަފީފް ވިދާޅުވި އެވެ. ނަމަވެސް އޭރު ވެސް ފިޔަވަޅެއް ނޭޅި ދިއުމުގެ ނަތީޖާ އަކީ އަރުވާލި މީހުންގެ ސަބަބުން ކުށްތަކަށް އަރައިގަންނަ އަދަދު އިތުރުވެ، ޖަލުގެ އާބާދީ ބޮޑުވެފައިވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަނެއްކާ ވެސް ވިސްނަން މި ޖެހެނީ އަޅުގަނޑުމެންނަށް ހައްލެއް އެބައޮތްތޯ މީހުން އަރުވާލައިގެން. މިއަދު ރަށްރަށުން ބަލައެއް ނުގަނޭ. އެކަމަކު [އެ ރަށެއްގެ] މީހުންނަކަށް މަޖުބޫރެއް ނުކުރެވޭނެ އަރުވާލާކަށް،" އަފީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަރުވާލަންޖެހޭ ކުށްތަކާއި ޖަލަށް ހުކުމްކުރަން ޖެހޭ ކުށްތައް ވަކިކޮށް، މިންގަނޑެއް ކަނޑައަޅަން ޖެހިފައިވާ ކަމަށެވެ.
ސްޓޭޓް މިނިސްޓަރު ނައީމް ވިދާޅުވި ގޮތުގައި ކުރިން މަދިރި އުޅޭ ރަށްތަކަށާއި އެ ނޫން ރަށްތަކަށް އަރުވާލަމުން ދިޔައީ ދަތުރުފަތުރުގެ ނިޒާމެއް ނެތުމުންނެވެ. އެކަމަކު ޒަމާން ބަދަލުވެ، ކައުންސިލްތަކެއްގެ ދަށުން ހުރިހާ ރަށެއް ހިނގަން ފަށާފައިވުމާ އެކު ހައްގުތައް ހޯދުމަށް ކޮންމެ ބަޔަކު ވެސް މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުވާލާ ހުކުމްތަކަކީ އަލުން މުރާޖައާކޮށް ޝަރުއީ ނިޒާމްގެ ތެރެއިން ގޮތެއް ނިންމަންޖެހޭ ކަންތައްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ހައްލުކޮށްދިނުމަށް ވެސް އެ ބައްދަލުވުމުގައި އޭނާ ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ