ހަތިފުށީ މީހުންނަށް ގޯތި ދޭ ސަރަހައްދު ބަދަލުކުރުމުން ހަނިމާދޫ ރައްޔިތުން އޮފީސް ދޮށަށް އެއްވެއްޖެ

ހދ. ހަނިމާދު އަށް ބަދަލުވެފައި ތިބި ހއ. ހަތިފުށީ މީހުންނަށް އެ ރަށުން ގޯތި ދޭ ސަރަހައްދު ބަދަލުކުރިކަން މަތި އުތުރު ޕްރޮވިންސުން މިއަދު އިއުލާންކުރުމުން ހަނިމާދޫ ބަޔަކު ނުރުހުންފާޅުކުރަން ރަށު އޮފީސް ދޮށަށް އެއްވެއްޖެ އެވެ.
ހަނިމާދޫ އޮފީސް ދޮށުގައި ތިބި 100 އެއްހާ މީހުންގެ ތެރޭގައި ހިމެނޭ އިލްޔާސް މުހަންމަދު ބުނީ ހަތިފުށީ ބައެއް މީހުންނަށް އެ ރަށުން ގޯތި ދިނުމަށް ކަނޑައެޅި ސަރަހައްދު ބަދަލުކުރީ އެރަށު ރައްޔިތުންނަށް އެންގުމެއް ނެތި ކަމަށެވެ. ކުރީ ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހަތިފުށީ ރައްޔިތުން ހަނިމާދު އަށް ބަދަލުކޮށް، އެއާޕޯޓު މަގުގެ ހުޅަނގުން އޮންނަ ސަރަހައްދުން ހަތިފުށީ ބައެއް އާއިލާތަކަށް ގޯތި ދޭން ވަނީ ނިންމައިފަ އެވެ. ނަމަވެސް ޕޮރޮވިންސް އޮފީހުގެ ދެ ބޭފުޅަކު މިއަދު ހެނދުނު ހަނިމާދު އަށް ވަޑައިގެން ހަތިފުށީ މީހުންނަށް ހަނިމާދޫ ސްޓޭޑިއަމް ސަރަހައްދުގެ އުތުރުން އޮންނަ ބިމުން ގޯތިދޭން ނިންމާފައިވާކަން އަންގައި ޗާޓު ވެސް ރައްޔިތުންނަށް ދައްކަވާފަ އެވެ.
"ހަތިފުށީ މީހުންނަށް ގޯތި ދޭ ސަރަހައްދު ބަދަލުކުރީ [ހަނިމާދޫގައި އޮންނަ] ލަފާދެއްވާ ކޮމެޓީ އަށް އަދި އެއްވެސް ރައްޔިތަކަށް ނޭނގި. ރަށުގެ ކަތީބުންނަށް ވެސް މިކަމުގައި ވާނުވާއެއް ނޭނގެ. މިއީ ރައްޔިތުންތަކެއް ތިބޭ ފަޅުރަށެއް ނޫން. އެހެންވީމަ ސަރުކާރުން ކަންކަން ނިންމާއިރު ރައްޔިތުންނާ މަޝްވަރާ ކުރެވެން ޖެހޭނެ،" އިލްޔާސް ބުންޏެވެ.
އެއްވުމުގެ ބައިވެރިންގެ ފަރާތުން ވާހަކަ ދައްކަމުން އޭނާ ބުނީ ހަތިފުށީ މީހުންނަށް ގޯތި ދޭ ސަރަހައްދު ކަނޑައެޅީ "ހަނިމާދޫގެ ކޮން ޕްލޭނެއްގެ ދަށުންތޯ ނުވަތަ ސަރުކާރުގެ ކޮން މާސްޓަ ޕްލޭނެއްގެ ދަށުންތޯ ރައްޔިތުން ބަލަން ބޭނުންވާ" ކަމަށެވެ. އެހެންކަމުން އެއްވުން ނިންމާލާނީ މަތި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހުނައިފު
އެ ރަށަށް ވަޑައިގެން މައުލޫމާތު ސާފުކޮށްދެއްވުމުން ކަމަށް ވެސް އެ މީހުން ބުނެ އެވެ.
"ފްލައިޓް ޖައްސާ ސަރަހައްދާ ދުރުން ހަތިފުށީ މީހުންނަށް ގޯތި ދޭ އިރު ހަނިމާދޫ ރައްޔިތުން ވެސް އެއާޕޯޓް ސަރަހައްދާ ކައިރީގައި އެބަތިބި. އެ މީހުންނަށް އެހެން ތަނަކަށް ބަދަލުކުރުން އޮތީ ކިހާ ހިސާބެއްގައިތޯ ވެސް ބަލަން ޖެހޭ،" އިލްޔާސް ބުންޏެވެ.
އޮފީސް ދޮށުގައި ތިބި މީހުން ވަނީ ގޯތި ދޫކުރާ ބިން ބަދަލުކުރިކަން އަންގައި ސާވޭކުރަން އެ ރަށަށް ދިޔަ ޕްރޮވިންސް އޮފީހުގެ ދެ ބޭފުޅުން އެ ރަށުގައި ހިފަހައްޓައިފަ އެވެ.
"މިނިސްޓަރު ވިދާޅުވީ މިކޮޅަށް ވަޑައިގަނެވޭނީ މާދަމާއޭ. އެހެންވީމަ އެ ދެ މީހުންނަށް ވެސް ދެވޭނީ އަހަރެމެން އޮޅުންފިލުވަން ބޭނުންވާ ކަންތައްތައް އެނގުމުން. އެއްވެސް ހަމަނުޖެހުމެއް ނެތް. ފައިވް ސްޓާ ފެންވަރުގައި އެ ދެ މީހުންނަށް ހިދުމަތް ދޭނަން،" ހަނިމާދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ހަނިމާދޫ ކަތީބު އަބްދުއްރައްޒާގު އިބްރާހީމް ވިދާޅުވީ އެއާޕޯޓް ރަންވޭމަގުން ހުޅަނގަށް އޮންނަ ބިމުން ހަތިފުށީ މީހުންނަށް 64 ގޯތި ދޭން ނިންމައި ރުއް ގަހުގެ ބަދަލު ވެސް ދީފައިވާ ކަމަށެވެ. ނަމަވެސް އެހެން ސަރަހައްދަކުން ގޯތި ދޭން ނިންމިކަން ކުރިން އޮފީހަށް ވެސް އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފްލައިޓް ޖައްސާ ސަރަހައްދާ ދުރަށް އެ ގޯތިތައް ބަދަލުކުރަން ޕްރޮވިންސް އޮފީހުން ބޭނުންވަނީ. އެއްވެފައި ތިބި މީހުން ބުނަނީ ގޯތިތައް ބަދަލުކުރާއިރު ކަނޑައަޅާފައިވާ ޕްލޭން ރައްޔިތުންނަށް އެނގެން ޖެހޭނެޔޭ. މަޝްވަރާ ހޯދަން ޖެހޭނެޔޭ. އެ މީހުން ބޭނުން ވަނީ މިނިސްޓަރު [ހުނައިފް] ރަށަށް ވަޑައިގެން ބައްދަލުކުރަން،" ރައްޒާގު ވިދާޅުވި އެވެ.
ހަނިމާދޫ ރައްޔިތުންގެ ހިޔާލާ ދެކޮޅަށް ކަންތައް ނުކުރާނެ ކަމަށް ޕްރޮވިންސް އޮފީހުން މިއަދު އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަތިފުށީ މީހުން ހަނިމާދޫ ރައްޔިތުންގެ ގޮތުގައި ހަމަޖައްސައި ހަތިފުށި މިހާރު ވަނީ ފަޅުރަށަކަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ