އަވިން ކަރަންޓް ފޯރުކޮށްދިނުމަށް އިންޑިޔާގެ ކުންފުންޏަކާ އެކު 90 މިލިއަން ޑޮލަރުގެ މަޝްރޫއުއެއްގައި ސޮއިކޮށްފި

ގއ. އަދި ގދ. އަތޮޅު ހިމެނޭ މަތި ދެކުނު ޕްރޮވިންސުގެ 18 ރަށަކަށް، ސޯލާ ޕެނަލް ބޭނުންކޮށްގެން އަވިން ކަރަންޓު ފޯރުކޮށްދިނުމަށް އިންޑިޔާގެ ކުންފުންޏަކާ އެކު 90 މިލިއަން ޑޮލަރު ( 1.2 ބިލިއަން ރުފިޔާ) ގެ މަޝްރޫއުއެއްގައި އަޕާ ސައުތު ޔުޓީލިޓީސް ކުންފުނިން މިއަދު ސޮއިކޮށްފި އެވެ.
މަސައްކަތް ފެށޭތާ ދެ އަހަރު ދުވަހުގެ ތެރޭގައި 24 މެގަ ވޮޓްގެ ކަރަންޓު އަވިން އުފެއްދުމުގެ ގާބިލުކަން ހޯދުމަށް އިންޑިޔާގެ ބީބީއެމް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި އަޕާ ސައުތު ޔުޓީލިޓީސް ކުންފުންޏާ ދެމެދު ސޮއިކުރުން އޮތީ ރައީސް އޮފީހުގަ އެވެ. އިންޑިޔާގެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޗެއާމަން ބީ.ވީ. އެސް ނަރަޔާން އެވެ. އަޕާ ސަދަން ޔުޓިލިޓީސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ ދެ ކުންފުނީގެ ދެމެދުގައި އެއްބަސްވެފައިވަނީ އިންޑިޔާ ކުންފުނިން ޕްރޮޖެކްޓަށް ބޭނުންވާ އިންވެސްޓުމަންޓް ގެނެސް 25 އަހަރު ދުވަހުގެ މުއްދަތަށް އެ ފަރާތުން ޕްރޮޖެކްޓު ހިންގައި ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން އެކަމަށް އިންޑިޔާ ކުންފުނިން ކުރި އިންވެސްޓުމަންޓް، ފަންނީ ގާބިލުކަމާ އެކު އަޕާ ސަދަން ޔުޓިލިޓީސްއާ ހަވާލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި އެ ޕްރޮވިންސާ ހަމައަށް ގެންދިއުމަށް ޑީސަލް ލިޓަރަކަށް 11ރ. އަށް ވުރެ ބޮޑު ހޭދައެއް މިހާރު ކުރަން ޖެހޭއިރު، ސޯލާ ޕެނަލް ބޭނުންކޮށްގެން ކަރަންޓު އުފައްދަން ފެށުމުން ތެލަށް ކުރަން ޖެހޭ ހޭދައިން 20 ޕަސެންޓް ދަށްކުރެވޭނެ އެވެ. އޭރުން ކަރަންޓު ހިދުމަތުގެ އަގު ހެޔޮކުރުމަށް ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ޕްރޮޖެކްޓުގައި ބައިވެރިވާ ބޭރުގެ ކުންފުނިން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ކަމާ ބެހޭ ދިރާސާތައް ކުރަން ފަށާނެ އެވެ. އަދި ދެތިން މަސް ދުވަހަށް ފަހު ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީބީއެމް އަކީ އިންޑިޔާގައި ވަރަށް ގިނަ ދާއިރާތަކެއްގައި ފުޅާކޮށް ވިޔަފާރިކުރަމުން އަންނަތާ 80 އަހަރު ވެފައިވާ ކުންފުންޏެވެ. ނަމަވެސް އެކުންފުނިން އިވިން ކަރަންޓު އުފެއްދުމުގެ އިންޑަސްޓްރީ އަށް ވަނުމަށް ނިންމީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.
ބީބީއެމް ކުންފުނީގެ ޑިރެކްޓަރު ބީ.ކޭ. ސުދާކަރު ރެޑީ ވިދާޅުވީ އަވިން ކަރަންޓު އުފެއްދުމުގެ ތަޖުރިބާ މުޅި ދުނިޔޭގައި ވެސް ހުންނާނީ ވަރަށް މަދު ކުންފުންޏެއްގައި ކަމަށާއި އެކަމަކު ތަޖުރިބާ ހުރި މީހުންނާ ގުޅިގެން ރާއްޖޭގެ ޕްރޮޖެކްޓް ކާމިޔާބު ކުރެވޭނެ ކަމަށެވެ.
"ހަމައެކަނި ރާއްޖެ އަށް އަދި އިންޑިޔާއަކަށް ނޫން، އަވިން ކަރަންޓް އުފެއްދުމަކީ އަދި މުޅި ދުނިޔެ އަށް ވެސް ވަރަށް އާ އިންޑަސްޓްރީއެއް. އެހެންވީމަ އަހަރެމެން ނިންމީ މިކަމުގައި ތަޖުރިބާ ހުރި ބަޔަކާ ގުޅިގެން ކުރިއަށްދާން،" އޭނާ ވިދާޅުވި އެވެ.
ސުދާކަރު ވިދާޅުވީ މަތި ދެކުނު ޕްރޮވިންސްގައި އެމީހުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓުގައި، ކަމުގެ ތަޖުރިބާ އާއި ހުނަރު ހުރި ޗައިނާގެ ބޮޑު ދެ ކުންފުންޏަކުން ހިއްސާދާރުންގެ ގޮތުގައި ބައިވެރިވާނެ ކަމަށެވެ. ޗައިނާ ދެ ކުންފުނީގެ ނަން ފަހުން ހާމަކުރައްވާނެ ކަމަށާއި، އެ ދެ ކުންފުނީގެ ތަޖުރިބާއާ އެކު ޕްރޮޖެކްޓު ހަގީގަތަކަށް ހެދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަޕާ ސަދަން ޔުޓިލިޓީސްގެ ޗެއާމަން އަހުމަދު ޝަރީފް ނަފީސް ވިދާޅުވީ މަތި ދެކުނު ޕްރޮވިންސްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކޮށްދޭނެ ބޭރުގެ ކުންފުންޏެއް ހޯދުމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ