ބިންހެލުމާއި އެކު ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ

މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގެ މެދުތެރޭ ހިސާބަކަށް 5.8 މެގްނިޓިޔުޑުގައި ބިންހެލުމެއް އައިސް ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެއެވެ.
ބާރުގަދަ ބިންހެލުމާއި އެކު ކަރަންޓް ކެނޑުން ފިޔަވާ އިތުރު ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ނުލިބޭ ކަމަށް މެކްސިކޯ ސިޓީގެ އޮފިޝަލުން ވިދާޅުވެއެވެ.
ބިންހެލުން އައީ މެކްސިކޯ ސިޓީގެ ގުއެރެރޯ އަވަށަށް ކަމަށް މެކްސިކޯގެ ގައުމީ ސެއިސްމޮލޮޖިކަލް ސާރވިސް އާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ބިންހެލުމާއި އެކު ރެސްޓޯރަންޓް ތަކުންނާއި އުސްއިމާރާތް ތަކުން މީހުން ހުސްކުރި ނަމަވެސް ބިންހެލުމުގެ ސަބަބުން އާފްޓާ ޝޮކްތަކެއް އައިކަމަށް ރެކޯޑް ކުރެވިފައި ނުވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭއިން ބިންހެލުމުގެ ބާރުމިން ރެކޯޑް ކޮށްފައި ވަނީ 5.8 މެގްނިޓިޔުޑް އާއި 6.0 މެގްނިޓިޔުޑްގައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭއިން ބުނާ ގޮތުން ބިންހެލުން އައިސްފައި ވަނީ 55 ކިލޯ މީޓަރު ބިމުގެ އަޑިއަށެވެ. ބިންހެލުމުގެ ސަބަބުން މާބޮޑު ގެއްލުމެއް ނުލިބުނީވެސް އެހެންވެ ކަމަށް ޖިއޮލޮޖިކަލް ސާރވޭއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ