އިލްމު ނޭނގޭ މީހުން މީހުން ފަތުވާ ނެރުމަކީ ބޮޑު މައްސަލައެއް: މައުމޫން

ރަނގަޅަށް ދީނީ އިލްމު ނޭނގޭ މީހުން ދީނީ ފަތުވާ ދިނުމަކީ އިސްލާމީ ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދީނީ ހައްދުފަހަނައެޅުންތަކާއި ދެކޮޅަށް މިސްރުގެ ގާހިރާގައި ދެ ދުވަހުގެ މުއްދަތަށް ބޭއްވި ބަިއނަލްއަގުވާމީ ފަތުވާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، މިއަދު ރާއްޖެ ވަޑައިގެން އެއާޕޯޓްގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ މައުމޫން ވިދާޅުވީ ފަތުވާ ދިނުމަކީ ވަރަށް މޮޅަށް ދީނީ ތައުލީމު ހުންނަ ބޭފުޅުންނަށް ނޫނީ ނުކުރެވޭނެ ކަމެއް ކަމަށާއި އެ ފެންވަރު ނެތް މީހުން ފަތުވާ ދިނުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
މައުމޫން ވިދާޅުވީ ރާއްޖޭގައިވެސް ދީނީ ފަތުވާ ދިނުމުގެ ޝަރުތުތައް ފުރިހަމަނުވާ މީހުން ފަތުވާ ދެމުން ގެންދާ ކަަމަށާއި އެކަމުގެ ސަބަބުން ބޮޑެތި އޮޅުންތައް އަރަމުންދާ ކަަމަށެވެ.
"އެކި ކަންކަމާއި ގުޅޭ ގޮތުން ދީނީ ފަތުވާ ނެރޭ މީހުން މިހާރު ވަރަށް ގިނަ، އޭގެ ތެރޭގައި ވަކި ފަރާތަކަށް ޖެހިފައި ހުންނަ ފަތުވާ އާއި ދީނީ ގޮތުން ހައްދު ފަހަނައަޅާފައި ހުންނަ ފަތުވާތައް ގިނަ. ބައެއް ފަހަރަށް ފަތުވާތަކުގައި ހަރާމް ކަންތައްތައް ހަލާލްކޮށް، ހަލާލް ކަންތައްތައް ހަރާމްކޮށްފަ އެބަހުރި. މިއީ ވަރަށް ބޮޑު މައްސަލައެއް،" މައުމޫން ވިދާޅުވި އެވެ.
ފަތުވާ ކޮންފަރެންސްގައި އެފަދަ މައްސަލަތަކަށް ހައްލެއް ހޯދުމަށް މައިގަނޑު ތިން ކަމެއް ނިންމާފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އެގޮތުން ފަތުވާ ދިނުމާއި ބެހޭ އިދާރާއެއް މިސްރުގައި ގާއިމު ކުރުމަށާއި ފަތުވާ ދިނުމާ ބެހޭ ޗާޓަރެއް އެކުލަވާލުމުގެ އިތުރުން ޓްރޭނިންތަކެއް ހިންގުމަށް ނިންމާފައިވާ ކަަމަށް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ