ކުއްލި ނުރައްކަލުގެ ގަރާރަށް ފުރިހަމައަށް ތާއީދުކުރަން: ގާސިމް

ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުން މާބޮޑަށް ލަސްވެއްޖެ ކަމުގައިވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މާމިގިލި ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވަ ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ނެރުއްވި ގަރާރު މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވާތީ މި ގަރާރުގެ ބަހުސްގަ އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ނުރައްކާތެރި ހަނގުރާމަވެރި ހަތިޔާރު ބޭރު ތެރޭގައި ގެންގުޅޭ ކަމަށް ސަލާމަތީ ފަރާތްތަކުން ބުނެފައިވާތީ ގައުމުގެ ހާލަތު މިއަދު ސާފުކޮށް އިނގޭ ކަމަށެވެ.
"މިހެން މިކަން ދިއުމުން މިއަދު ގައުމުގެ ސަލާމަތާ އަމާންކަމަށްޓަކައި އަޅުގަނޑުމެން މި ފިޔަވަޅު އަޅަންޖެހުނީ. އަޅުގަނޑު މިކަން ހިތުގެ އަޑިން އިހްލާސްތެރިކަމާއި އެކު ގަބޫލުކުރާ ވާހަކަ ދަންނަވަން. އާދެ މިއާ އެކީގައި ރާއްޖޭގެ މުޅި ސިޔާސީ މަސްރަހު ތަޣައްޔަރުވެފައިވާ ކަންވެސް އެބަ އިނގޭ. އަދި އަޅުގަނޑުމެންގެ ސަލާމަތީ ކަންތައްތައްވެސް މިހުރި ގޮތް އަޅުގަނޑުމެން ކޮންމެ މީހަކުވެސް ބިރުގަންނަ ދަރަޖައަށް ގޮސްފައިވާއިރު އަޅުގަނޑުމެންނަށް މިފިޔަވަޅު ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ލަސްވެއްޖެ ކަމުގައި ދަންނަވަން ވަރަށް އިހްލާސްތެރިކަމާއި އެކީގައި،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާ ނެރުއްވި ގަރާރުގައި ރައީސުލްޖުމްހޫރިއްޔާއަށް ނުކުރެވޭނެ ކަމަށް ބުނެފައިވާ ކަމެއް އެމަނިކުފާނު ކުރައްވާފައިވާ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ވަގުތީ ގޮތުން އަމަލުކުރުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާަވާފައިވަނީ ގާނޫނު އަސާސީގެ 19 ވަނަ މާއްދާއާއި 24 ވަނަ މާއްދާއާއި 31 ވަނަ މާއްދާއާއި 32 ވަނަ މާއްދާއާއި 41 ވަނަ މާއްދާގެ (ހ)އާއި 45 ވަނަ މާއްދާއި ގާނޫނު އަސާސީގެ 47 ވަނަ މާއްދާއަށް ކަމަށެވެ. މިއީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާއަށް ހިފެހެއްޓިދާނެ މާއްދާތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާ ނެރުއްވި ގަރާރުގައި ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ރ)ގައިވާ މުއްދަތު 14 ދުވަހުން ހަތް ދުވަހަށް ކުޑަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ. މިމާއްދާގައިވާ މުއްދަތު ކުޑަކުރުމަކީ ގާނޫނު އަސާސީ އިސްލާހު ކުރުން ކަމަށާއި އެއީ އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރަކަށް ނުވާ ކަމަށް ވިދާޅުވެ ބައެެއް ގާނޫނީ ބޭފުޅުންނާއި ބައެއް މަޖިލިސް މެންބަރުންނާއި ބައެއް ސިޔާސީ ޕާޓީ ތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފާޑު ކިޔަމުންނެވެ.
ގާނޫނު އަސާސީގެ 100 ވަނަ މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބް މަގާމުން ވަކިކުރުމުގެ މައްސަލައިގެ އަމަލުކުރަންވީ ގޮތް ބުނެފައިވާ މާއްދާ އެވެ. މިމާއްދާގައި (ރ)ގައި ބުނެފައިވަނީ މިމާއްދާ (ހ)ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައަކާއި މެދު މަޖިލީހުގައި ބަހުސް ފެށުމުގެ މަދުވެގެން ސާދަ ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަން އަންގަންވާނެ ކަމަަށެވެ.
ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ރ)ގައިވާ މުއްދަތު 14 ދުވަހުން ހަތް ދުވަހަށް ކުޑަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި މައްސަލާގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ކުއްލި ހާލަތުގައި ވެސް އަދި އެހެން ވަގުތެއްގައި ވެސް އެއްގޮތަކަށް ވެސް ހައްގުތައް ހަނިނުކުރެވޭނެ މާއްދާތަކެއް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނެދީފައިވާ ކަމަށެވެ. ނަމަވެސް އެ މާއްދާތަކުގެ ތެރޭގައި ގާނޫނު އަސާސީގެ 100 ވަނަ މާއްދާ ހިމެނިފައި ނުވާތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ގާނޫނު އަސާސީގެ 253 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވާ މުއްދަތު 14 ދުވަހުން ހަތް ދުވަހަށް ކުޑަކުރެވިދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ކުއްލި ހާލަތުގައިވެސް އަދި އެހެން ހާލަތެއްގައިވެސް ހައްގުތައް ހަނިކޮށް އެ ހައްގުތައް ހިފެހެއްޓުމުގެ ބާރު ލިބިފައި ނުވާ ގާނޫނު އަސާސީގެ މާއްދާތަކުގެ ތެރޭގައި ހިމެނެނީ 21، 25، 27، 28، 42، 48، 51، 52، 53، 54، 55، 57، 59، 60، 62 އަދި 64 ވަނަ މާއްދާ އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާ ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ގަރާރާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ނަމަ އެ ގަރާރެއް މަޖިލީހަށް ހުށަހެޅުމުން ބަލައިނުގަތުމާއި، ގަރާރުގައިވާ ބައެއް ގަރާރުން އުނިކޮށްލުމަށްފަހު ފާސްކުރުމުގެ ބާރުވެސް މަޖިލީހަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް މަޖިލީހުން ބޭނުންވާ ކަމެއް މިފަދަ ގަރާރަކަށް އިތުރުކޮށްގެން އެ ގަރާރެއް ފާސްކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ އެމަނިކުފާނު އެދެނީ އަބަދުވެސް މިގައުމު އަމާންކަމާއި އުޖާލާކަން މަތީ އޮތުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ