އުފަން ނުވާ ކުންފުންޏަކަށް ފަޅެއް ދީފަ އެބަ އޮތް: ޓޫރިޒަމް މިނިސްޓަރު

ރައީސް ޔާމީންގެ ސަރުކާރުގައި ކުންފުނި އުފެއްދުމުގެ ކުރިން އެކުންފުންޏަށް ފަޅެއް ދީފައި އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ހެނދުނު ޓޫރިޒަމް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ގާނޫނީ ގޮތުން ރަޖިސްޓްރީކޮށްފައި ނުވާ ކުންފުންޏަކަށް ފަޅު ދީފައި ވާއިރު އެކަން ކޮށްފައިވަނީ އޭރުގެ އެޓާނީ ޖެނެރަލުގެ ލަފާ މަތިން ކަމަށެވެ.
"އުފަން ނުވާ ކުންފުންޏަކަށް ލީސްކޮށްފައި އޮތް ފަޅެއް މިއީ. ނަމަވެސް ކުރީގެ ބަންޑާރަ ނައިބު އެބަ އޮތް ލަފާ ދެއްވާފަ، އެހެން ނަމަވެސް ތިޔަހެން ވެފައެއް ނޫންހޭ ތިޔަ އޮތީ. ކުރިއަށްދާށޭ. އެކަމަކު މި ބުނަނީ މި ރަށް ލީސް ކުރިއިރު ގާނޫނީ ގޮތުން ކުންފުންޏެއް ނެތޭ،" ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކ. އަތޮޅުގެ އެ ފަޅު ދޫކޮށްފައި ވަނީ ސަނީ ހޯލްޑިންގްސް ކިޔާ ކުންފުންޏަކަށް ކަމަށެވެ. އެ ކުންފުންޏަށް ފަޅު ދޫކޮށްފައި ވަނީ ރިސޯޓެއް ތަރައްގީ ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވަހީދު ވިދާޅުވީ އެއީ ރަނގަޅަށް ކުރި ކަމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ވިދާޅުވެފައި ވިޔަސް، މިކަމުގައި މިނިސްޓްރީން ފަރުވާ ކުޑަކޮށްނުލާނެ ކަމަށެވެ.
އެހެންކަމުން ފަޅު ދިން މައްސަލާގައި އަލުން މިހާރުގެ އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކުރީގެ ސަރުކާރުން ރިސޯޓު ހަދަން 30 ފަޅެއް ވަނީ އެކި ފަރާތްތަކަށް ދޫކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ