20 ވަނަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭއްވި މިމުބާރާތުގައި ރާއްޖޭގެ 34 ސްކޫލަކުން 10 ކެޓަގަރީ 143 ޓީމު ވާދަކުރިއެވެ. އަދި މުބާރާތުގައި ދެޖިންސުން 1036 އެތުލީޓުން ވާދަކުރިއެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، މިމުބާރާތުގައި 11 އަހަރުން ދަށުގެ ފިރިހެން 19 ޓީމު ވާދަކުރިއިރު، 11 އަހަރުން ދަށުގެ އަންހެން 17 ޓީމު ވާދަކުރި ކަމަށެވެ. އަދި 13 އަހަރުން ދަށުގެ ފިރިހެން 20 ޓީމު ވާދަކުރިއިރު، 13 އަހަރުން ދަށުގެ އަންހެން 23 ޓީމު ވާދަކުރިއެވެ. އަދި 15 އަހަރުން ދަށުގެ ފިރިހެން 15 ޓީމު ވާދަކުރިއިރު، 15 އަހަރުން ދަށުގެ އަންހެން 14 ޓީމު ވާދަކުރިއެވެ. އަދި މީގެ އިތުރުން 17 އަހަރުން ދަށުގެ ފިރިހެން 17 ޓީމު ވާދަކުރިއިރު، 17 އަހަރުން ދަށުގެ އަންހެން 7 ޓީމު ވާދަކުރިއެވެ. އަދި 19 އަހަރުން ދަށުގެ ފިރިހެން 6 ޓީމު އަދި 19 އަހަރުން ދަށުގެ އަންހެން ބައިން ވާދަކުރީ 5 ޓީމު ކަަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
މިއަހަރުގެ މުބާރާތް މާލޭގައި ކުރިއަށްދިޔައިރު، އަތޮޅުތަކުގެ ގިނަ ސްކޫލުތަކެއް ވަނީ މިއަހަރުގެ މުބާރާތުގައިވެސް ވާދަކޮށްފައެވެ. އަދި މުބާރާތުގައި ވާދަކުރި ގިނަ ސްކޫލުތަކުން ވަނީ ވިއްސާރަ ދުވަސްވަަރެއްގައި ވެލި ޓްރެކެއްގައި ދުވުމުގެ ސަބަބުން އެތުލީޓުންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ފާހަގަކޮށްފައެވެ. އަދި ވިއްސާރަވުމުގެ ސަބަބުން ޗަކަ ހެދި ވެލި ޓްރެކުގައި ދުވި އެތުލީޓުންނަށް އޭގެ އަސަރު ކުރުމުގެ ސަބަބުން ނަތީޖާއަށް އޭގެ އަސަރުކުރި ކަމަށްވެސް އެ ސްކޫލުތަކުން ވަނީ ފާހަގަކޮށްފައެވެ.
އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ