ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަތަކުގެ ޖަވާބެއް ލިބެންދެން ސްޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
ައަމީތު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެމްބަރުން އެކަމާއި ގުޅިގެން ސުޕްރީމް ކޯޓަށް މިއަދު ވަޑައިގެންނެވުމަށް ފަހު ރާއްޖޭގެ މީޑިއާ އާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އަމީތު ވިދާޅުވީ އެބޭފުޅުން ހުށައެޅުއްވި ސިޓީތަކުގެ ޖަވާބު އަދިވެސް ނުލިބޭ ކަމަށާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރަކާ ބައްދަލުކުރެއްވުމަށް އެދުމުން އެކަންވެސް ކޮށްދެއްވާފައި ނުވާ ކަމަށެވެ. އަދި ސްޕްރީމް ކޯޓުގެ ރެޖިސްޓްރާ އިސްތިއުފާ ދެއްވާފައިވާ ކަންވެސް މިއަދު އެނގިވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެމަގާމުގެ ޒިންމާ އާއި މިހާރު އެހެން ބޭފުޅަކު ހަވާލުވެވަޑައިގެން އެބަހުންނެވި ކަމަށްވެސް ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ މިމައްސަލަ ކޮޅެއްގައި ޖެހެންދެން އެބޭފުޅުން ސްޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ. ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރައްވަން ތިއްބެވި މަޖިލިސް މެންބަރުންނާ ދެކޮޅަށް ގާނޫނާ ހިލާފު އެތައް ފިޔަވަޅެއް އަޅައި އެތައް ބައެއްގެ ހައްގުތައް ނިގުޅައިގަނެގެން ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނަށް ފިލައި ނުތިއްބެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އަމީތު އިތުރަށް ވިދާޅުވީ އެބޭފުޅުންގެ ގޮނޑި ގެއްލުވާލި ކަމަށް ބުނަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ކަމަށާއި ނަމަވެސް އެބޭފުޅުންނާ ބައްދަލުކުރައްވަން މެންބަރުން ވަޑައިގަތުމުން އެބޭފުޅުން ތިއްބަވަނީ ފިއްލަވައިގެން ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ކޮންމެ ގޮތަކަށް އަމަލުކުރެއްވި ނަމަވެސް އެބޭފުޅުން އެތިއްބެވީ ގާނޫނީ ގޮޅިއަށް ފެތިފައި ކަމަށާއި އެބޭފުޅުންނާ ދެކޮޅަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަަވަޅު އަޅާނެ ކަމުގައިވެސް އަމީތު ވަނީ ވިދާޅުވެފަ އެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެންބަރުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ޖަވާބު ހޯދުމަށް އެބޭފުޅުން ސުޕްރީމް ކޯޓަށް ވަޑައިގަތުމަަށްފަހު އެތަނުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަދަވަނިކޮށް ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެބޭފުޅުން އެތަނުން ދުރަށް ޖައްސާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިގައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ އިރު އެއީ ގާނޫނީ ގޮތުން އެކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށް މެމްބަރުން ދަނީ ވިދާޅުވަމުންނެވެ. އަދި އެކަމުގައި ސާފު ނިންމުމެއް ސްޕްރީމް ކޯޓުން ނިންމައި ދިނުމަށް މެންބަރުން ވަނީ މީގެ ދުވަހެެއް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
ޖަވާބު ލިބެންދެން ސުޕްރީމް ކޯޓަށް ދާނަން، ފިލައިގެން ނުތިބެވޭނެ: އަމީތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ