އާތިފާ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް: މައުމޫން

ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމުން އައިމިނަތު އާތިފާ ޝުކޫރު އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބިގެން ދިޔަ ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިއަދު ވިދާޅުވީ އާތިފާއަކީ ހިތްވަރު ގަދަކަމާއި އިހުލާސްތެރިކަމުގެ ނަމޫނާއެއް ކަމަށާއި އެކަމަނާ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވީ ތެދުވެރިކަމާއެކުގައި ކަމަށެވެ. އަދި އާތިފާގެ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް މައުމޫން ވަނީ އާތިފާއަށް ފުރިހަމަ ސިއްހަތާއި ކާމިޔާބު ލިބުމަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.
ހައުސިން މިނިސްޓަރުގެ މަގާމުން އާތިފާ އިސްތިއުފާ ދެއްވާފައި ވަނީ އެކަމަނާގެ ސިއްހީ ހާލުކޮޅު ގޯސް ވެގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ. މިއަދު އާތިފާގެ އިސްތިއުފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަބޫލުފުޅު ކުރައްވާފަ އެވެ.
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ހައުސިން މިނިސްޓްރީ އުވާލައްވާފަ އެވެ. އެ މިނިސްޓްރީގެ މަސައްކަތްތައް ބަދަލުކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގެ ދަށަށެވެ.
ރައީސް އޮފީހުން ބުނީ ހައުސިން މިނިސްޓްރީ އުވާލުމަށް ފަހު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ ގެ ނަން "މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ"ގެ ނަމަށް ރައީސް ސޯލިހު މިއަދު ބަދަލުކުރައްވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ ހައުސިން މިނިސްޓްރީއިން ދެމުން ދިޔަ ހުރިހާ ހިދުމަތެއް ދެމުން ދާނީ ޕްލޭނިން މިނިސްޓްރީއިން ކަމަށެވެ. އަދި ހައުސިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ވެސް ޕްލޭނިން މިނިސްޓްރީއަށް ބަދަލުކުރަން ވެސް ރައީސް ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ