ކަފާލާތުގެ ދަށުން ގާސިމް އިބްރާހީމް މިނިވަންކުރުމަށް ހައިކޯޓުން އަމުރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަފާލާތުގެ ދަށުން މިނިވަންކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
ކަފާލާތުގެ ދަށުން ގާސިމް އިބްރާހީމް މިނިވަންކުރުމަށް ހައިކޯޓުން އަމުރުކުރީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް ދައުވާކުރި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ގާސިމް އިބްރާހީމުގެ މައްޗަށް އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ އިސްތިއުނާފް މައްސަލާގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލާފައި ބެހެއްޓުމަށް އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގައި އެދުމުންނެވެ.
ގާސިމް އިބްރާހީމް ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިދިޔަ އޯގަސްޓް މަހުގެ 24 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތުގައި ހުކުމްކުރީ އެމަނިކުފާނު އާލާސްކަންފުޅާ އައިޖީއެމްއެޗްގައި އެޑްމިޓް ކުރައްވާފައި އޮންނަވަނިކޮށެވެ. ގާސިމް އައިޖީއެމްއެޗްގައި އެޑްމިޓްކުރީ އެމަނިކުފާނަށް ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތާ ގުޅިގެން ކޯޓުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުން ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދިއުމަށްފަހު އެވެ.
ގާސިމްގެ މައްޗަށް ހުކުމްކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް އެ ބޭފުޅުން ނިސްބަތްވާ ޕާޓީން ޓިކެޓް ހަމަޖައްސައިދީ އިތުރު ދައުރަކަށް އިންތިހާބު ކޮށްދިނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހުގެ ރޭ މ. ކުނޫޒްގައި އާންމުކޮށް ހުޅުވާލައިގެން އަދި ޓީވީ ތަކުން ވަގުތުން ދުރަށް ދައްކަމުން ދިޔަ ޖަލްސާއެއްގައި ވިދާޅުވީތީ އެކަމަށް ރިއާޔަތްކޮށް އެކަނި އުފުލި ދައުވާ ސާބިތުކޮށްގެންނެވެ.
ގާސިމުގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ދައުލަތުން އެންމެ ފުރަތަމަ މިދައުވާ ކޯޓަށް ހުށަހެޅުމުން ސާބިތު ނުވާ ކަމަށް ނިންމި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ބައެއް ފަނޑިޔާރުން އެހެން ކޯޓަކަށް ބަދަލުކުރުމަށްފަހު އޭރު ކްރިމިނަލް ކޯޓު ހިންގުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި އާދަމް އާރިފް އެކަނި ދެވަނަ ފަހަރަށް އެ މައްސަލަ ބައްލަވާ އިއްވި ހުކުމްގަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަފާލާތުގެ ދަށުން މިނިވަންކުރުމަށް ހައިކޯޓުން މިރޭ އަމުރުކުރުމާ ގުޅިގެން ހައިކޯޓުގައިވާ ގާސިމްގެ އިސްތިއުނާފް މައްސަލާގައި އެ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ގާސިމަށް މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ އެވެ.
ސިއްހީ ފަރުވާ ހޯއްދެވުމަށް ގާސިމް އިބްރާހީމް މިވަގުތު ހުންނެވީ ޖަރުމަންވިލާތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ