އަބްދުﷲ ގާޒީ ރަހީނުކުރި މައްސަލަ އަވަހަށް ނިންމައިދޭން އެދިއްޖެ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އިތުރު ބައެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ކުރިއަށް ނުދާތީ އެ މައްސަލަ އަވަސްކޮށްދިނުމަށް އެދިއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް މިމަހުގެ 14 ވަނަ ދުވަހު ފޮނުއްވާފައިވާ ސިޓީއެއްގައި އެމައްސަލަ އަވަސް ކޮށްދިނުމަށް އެދިފައިވަނީ ކ. ތުލުސްދޫ، ބިނާ، އަބްﷲ ޝަރީފް އެވެ.
އޭނާގެ ސިޓީގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ހ)ގައި އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ޝަރުއީ ކޯޓުތަކަށް ކަމަށެވެ. އަބްދުﷲ ގާޒީގެ ރަހީނުކުރި ކުރުމަކީ ބަޔަކު ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށާއި އެމައްސަލައިގެ ތަހުގީގު ނިންމާ މައްސަލަ ޝަރީއަތަށް ފޮނުވިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާތީ މައްސަލަ އަވަހަށް ނިންމައިދިނުމަށްވެސް އެދިފައިވެ އެވެ.
"16 ޖެނުއަރީ 2012 ވީ ހޯމަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނުކޮށް ނިޒާމުން ގެއްލުވާލައި އެމަނިކުފާނުގެ އާއިލާއަށް ވެސް ވީނުވީއެއް ނޭގި އެތައް ދުވަހެއް ވެދިޔަ ލާއިންސާނީ ޖަރީމާއަކީ މުޅި ރާއްޖެ ސިއްސުވާލި ބިރުވެރިކަމުން ފުރިގެންވި ބޮޑު ޖަރީމާއެކެވެ. އަދި ބޭރު ދުނިޔޭގެ އެކިއެކި ފަރަތްތަކުންވެސް ބުނަމުން ދިޔައީ އެއީ އިންސާނިއްޔަތާ ހިލާފު ބޮޑު ޖަރީމާއެއް ކަމަށެެވެ،" ސިޓީގައިވެ އެވެ.
އެ ސިޓީގައި ބުނެފައިވަނީ އަބްދުﷲ ގާޒީ ރަހީނު ކުރި މައްސަލައަކީ ދިވެހިރާއްޖޭގެ ސުލްހަމަސްލަހަތާއި އިޖުތިމާއީ އަދި އިގްތިސޯދީ ހަމަޖެހުމާ ގުޅިފައިވާ މައްސަލައަކަށްވުމުގެ އިތުރުން ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ މުޅި ނިޒާމާ ވެސް ގުޅިފައިވާ މައްސަލައެއް ކަމުގަ އެވެ. އެ މައްސަލަ ނުނިމި ދިގުލާ ދިއުމުގެ ސަބަބުން އެމައްސަލައިގައި ހިމެނޭ ފަރާތްތަކުގެ އެތަކެއް ހައްގުތަކެއް ގެއްލިގެން ދިއުމުގެ އިތުރުން މުޅި ދިވެހި އުއްމަތަށް ނުތަނަވަސްކަމާ މާޔޫސްކަން ގެނެސްދޭ ކަމަށްވެސް ސިޓީގައިވެ އެވެ. އެހެންކަމުން އެ މައްސަލައިގެ ޝަރީއަތް ވީހާވެސް ކުރުމުއްދަތެއްގެ ތެރޭގައި ނިންމުމަކީ ގާނޫނު އަސާސީ ދިފާއުކޮށް ނެގެހެއްޓުމުގައި ވަރަށް މުހިއްމު ކަމެއް ކަމަށާއި އިންސާފު ލިބުން ލަސްވުމަކީ އިންސާފު ނުލިބުން ކަމުގައި ދެކެ އުޅޭ ކަަމަށްވެސް ސިޓީގައިވެ އެވެ.
ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ މަނިކުފާނު ކަމަށްވީ ހިނދު ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ)، 142 ވަނަ މާއްދާ އަދި 145 ވަނަ މާއްދާގެ (ނ)އަށް ރިއާޔަތްކޮށް މައްސަލައިގެ ޝަރީއަތް ވީހާވެސް ހަލުވިކަމާ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމުގެ ފުރިހަމަ ޒިންމާ ގާނޫނު އަސާސީ އިން މަތިކޮށްފައިވާ މަނިކުފާނަށް ހަނދުމަފުޅުކޮށް އަރުވަމެެވެ.،" ވީނިއުސް އަށް ކޮޕީ ލިބިފައިވާ ސިޓީގައި ބުނެފައިވެ އެވެ.
އަބްދުﷲ ގާޒީ ރަހީނުކުރި މައްސަލަގައި ދައުވާ ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތް އިބްރާހިމް ކަލޭފާނާއި، ކުރީގެ ޗީފް އޮފް ޑިފެންސް މޭޖަ ޖެނަރަލް މޫސަ އަލީ ޖަލީލާއި، ކުރީގެ ބްރިގޭޑިއަ ޖެނަރަލް އިބްރަހިމް ދީދީއާއި، ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ. އެ މައްސަލަ ބަލަމުންދަނީ ހުޅުމާލޭ ކޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ