ވިލިފުށީ ދާއިރާގެ މެމްބަރުގެ ތުހުމަތުތަކެއް ޓެގް ޓީމަށް!

ޓެކްނިކަލް އެޑްވައިޒަރީ ޓީމުގައި ހިމެނިވަޑައިގަންނަވާ ބައެއް ޑޮކްޓަރުންގެ ހިއްސާ އޮންނަ ކްލިނިކުތަކުން ޕީސީއާރް ޓެސްޓުގެ ނަމުގައި ރެޕިޑް ޓެސްޓު ދޫކުރަމުން ގެންދާކަމުގެ ތުހުމަތު ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ކުރައްވައިފިއެވެ.
މެމްބަރު މިފަދަ ތުހުމަތުތަކެއް ކުރެއްވީ ހދ.ނޮޅިވަރަމްގައި ކޮވިޑް ބަލި މީހުން އުފުލާނެ އެމްބިއުލާންސެއް ނެތި ރަށު ޕިކަޕެއްގައި ބަލި މީހުން އުފުލަން ޖެހޭތީ އެކަމާއި ގުޅިގެން އެ ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
މެމްބަރު ވިދާޅުވީ ޓެކްނިކަލް އެޑްވައިޒަރީ ޓީމުގައި ހިމެނިވަޑައިގަންނަވާ ބައެއް ޑޮކްޓަރުން ހިއްސާ އޮންނަ ކްލިނިކުތަކުން ޕީސީއާރް ޓެސްޓުގެ ނަމުގައި ރެޕިޑް ޓެސްޓު ދޫކުރަމުން ގެންދާ ކަމުގެ ވާހަކަތައް އާންމުން ދައްކާ ކަމަށެވެ.
މިވާހަކަތަކަކީ އާންމު ރައްޔިތުން ދައްކާ ވާހަކަތަކެއް ކަމަށާއި އެފަދަ ވާހަކަތައް ދެކެވޭނީ ކޮންމެވެސް ކަމެއް ހިނގާތީ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ވަރަށް ގިނަ ރަށްރަށަށް އެމްބިއުލާންސް ބޭނުންވާކަން ފާހަގަކުރައްވާ މެމްބަރު އަފީފް ވިދާޅުވީ ރާއްޖޭގައި ކޮވިޑް އިތުރުވަމުން އަންނަ އައުމަކީ ކަންބޮޑުވާ ކަމެއްކަމަށާއި މިފަދަ ދަނޑިވަޅެއްގައި ރަށްރަށުން ދެވެން ހުންނަ ޚިދުމަތްތައް ދޭން ބޭނުންވާ ފެންވަރަށް ނުދެވުމަކީ ކޮންމެ މީހަކުވެސް ކަންބޮޑުވާނެ ކަމެއް ކަމަށެވެ.
އެމްބިއުލާންސް ގެނައުމަށްޓަކައި ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމުގެ އަޑުއެއްސެވިކަންވެސް މެމްބަރު ފާހަގަކުރެއްވިއެވެ.
ފިނޭންސް މިނިސްޓްރީގެ ހުއްދަނެތި، ސިޔާސީ ބޭނުންތަކަށް ވަކި މީހަކަށް ވޯޓު ހޯދައިދިނުމުގެ ގޮތުން ބިލިއަނުން ރުފިޔާ ޚަރަދު ކުރުމުގެ ހުއްދަ ނޫނީ އެފަދަ ކަންތައްތައް ކުރަމުންދާދިޔުން މެމްބަރު ވަނީ ކުށްވެރިކުރައްވާފައެވެ.
ސިއްހީ ކަންތައްތަކަށް ޚަރަދުނުކޮށް އެހެން ކަންކަމަށް ޚަރަދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް މެމްބަރު ހަސަން އަފީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ