ދިވެހިރާއްޖޭގައި ވެރިކަން ކުރަމުންދާ ސަރުކާރަށް ވެރިކަން ލިބިވަޑައިގަތީ ގާސިމް ސަލާން ޖަހައިގެން ކަމަށާއި އެހެންނަމަވެސް އެންމެފަހުން ގައިގައި ކޮޅުފައިން ޖަހައި ކޯލިޝަން އިން ޖުމްހޫރީ ޕާޓީ ވަކިކޮށްލީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، އެޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވި ކެންޑިޑޭޓުންނަށް އެޕާޓީގެ ޓިކެޓް ދެއްވުމަށް ރޭ ކުނޫޒްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ، މިއަދު އޮތް ސަރުކާރު ހޮވިފައިވަނީ "ދިވެހިރާއްޖޭ ރައްޔިތުންގެ އަރިހުން ސަލާން ޖަހައި ޔާމީން އަބްދުލް ގައްޔޫމަށް ވޯޓު ދެއްވުމަށް އާދޭސްކޮށް ދެފައިގައި ހިފައި ސަލާން ޖަހައިގެން" ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމިން ހޮއްވެވުމަށްޓަކައި އަދި މީގެ ކުރިން ރައީސް ނަޝީދު ހޮއްވެވުމަށްޓަކައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެހެންނަމަވެސް ގާސިމް ކޮށްދެއްވި އެއްވެސް ކަމަކަށް އިހްސާންތެރިވުމުގެ ބަދަގައި ސަރުކާރުން ކޮޅުފައިން ޖެހި ކަމަށާއި އަމިއްލަފުޅަށް ޕީޕީއެމްގެ ސަރުކާރާއި ވަކިވެވަޑައިގަތީ ނޫން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނިކުންނަނީކީ ނޫން. ފައިން އަޅާ ކޮއްޕާލަނީ. މިއީ އިހްސާންތެރިކަން ހުރި މިންވަރު" ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ އެއްވެސް އެއްބަސްވުމަކާއި ހިލާފްވެފައި ނުވާނެ ކަމަށާއި ވަކި މީހަކަށް އަނިޔާއެއް ދޭން އުޅުމުން އެއާއި ހިލާފަށް އެއްޗެއް ބުނުމަކީ ކޯލިޝަންގެ އުސޫލް ތަކާއި ހިލާފް ވުން ކަމުގައި ނުދެކޭ ކަމަށެވެ.
އެހެންނަމަވެސް މިހާރު ޖުމްހޫރީ ޕާޓީން އެއްވެސް ބަހެއް ނުބުނެ އެއްވެސް ކަމެއް ނުކުރި ނަމަވެސް ސަރުކާރުގެ ފިއްތުންތައް ކުރިމަތިވާ ކަމަށާއި އެގޮތުން ޕާޓީގެ ލޯގޯ އާއި ދިދަ ވެސް ބަދަލު ކުރުމަށް ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
" މިހާރު ޕާޓީގެ ލޯގޯވެސް ކަމަކު ނުދިޔަ، ޕާޓީގެ ދިދަވެސް ކަމަކު ނުދިޔަ، މާދަމާ އަންގާނެ ޖުމްހޫރީ ޕާޓީ ކިޔާތީ "ރައީސުލްޖުމްހޫރިއްޔާ" ކިޔާތީ ޕާޓީގެ ނަންވެސް ބަދަލު ކުރަން" ގާސިމް ވިދާޅުވިއެވެ.
އެކިދުވަސް ދުވަހު ޖޭޕީގެ ވިސްނުން ތަފާތުވާކަމަށް ބުނެ ވާހަކަ ވިދާޅުވާ ބޭފުޅުންނަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ އަބަދުވެސް ޖޭޕީގެ ވިސްނުމަކީ ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުން ކަމުގައެވެ.
މީގެ އިތުރުންވެސް ރޭގެ ޖަލްސާގައި ގާސިމް ވަނީ ސަރުކާރުން ކުރައްވާ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ސަރުކާރު ހޮވުނީ އަޅުގަނޑު ސަލާން ޖަހައިގެން، ގައިގައި ޖެހީ ކޮޅުފައިން- ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ