ތިނަދޫ ގެއަކުން ވަގަށް ނަގާފައިވާ ކަރަންޓް ސާމާނުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

ގދ. ތިނަދޫ ގެއަކުން ވަގަށް ނަގާފައިވާ ކަރަންޓް ސާމާނުތަކެއް ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހޯދައި، އެތަކެތި ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިމީހާ ހައްޔަރުކޮށްފައި ވަނީ، މި މަހުގެ 13 ވަނަ ދުވަހުގެ ވަގުތެއްގައި ތިނަދޫ ގެއެއްގެ ތެރޭގައި ހުރި ކަރަންޓް ވައިރު ރޯލުތަކަކާއި ކަރަންޓް ބުރުމާއަކާއި އިތުރު ބައެއް ތަކެތި ވަގަށް ނެގިކަމަށް ތުޙުމަތު ކުރެވޭ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި އެގެއިން ވަގަށް ނަގާފައިވާ ތަކެތި ފެނިފައިވަނީ އެކި ފަރާތްތަކަށް ނުއަގުގައި ވިއްކާފައި ހުއްޓާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި އޭގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވައްކަމުގެ މައްސަލަތަކެއްގެ ތަޙުޤީގު ފުރިހަމަ ކުރުމަށްފަހު ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ