ލިޔެކިޔުންތައް ހަވާލުނުކޮށް ހުރުމުން ގާސިމް މަރުގެ ޝަރީއަތް ކުރިއަކަށް ނުގެންދެވުނު

ޝަރީއަތް ފެށުމުގެ ކުރިން މައްސަލައިގެ ލިޔެކިޔުންތައް ދިފާއީ ވަކީލަށް ލިބިފައި ނުވާތީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލް އަދުހަމް މުހައްމަދުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވި އެހެން ދުވަހަކަށް ފަސްކުރަން ޖެހިއްޖެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ޝަރީއަތް ފެށުމުގެ ކުރިން މައްސަލައިގައި ހިމެނޭ ހުރިހާ ލިޔެކިޔުމެއް ވެސް، މައްސަލަ ރައްދުވާ ފަރާތާއި އޭނާގެ ވަކީލުންނަށް ލިބުނު ކަން ކަށަވަރު ކުރަން ޖެހޭނެ އެވެ. ގާސިމް ހަސަންގެ މަރުގެ މައްސަލައިގެ މިއަދު ބޭއްވީ ފުރަތަމަ އަޑުއެހުމެވެ. އަމިއްލައަށް ވަކީލަކު އައްޔަނު ކުރުމުގެ ގާބިލްކަން ނެތުމުން އަދުހަމްގެ ފަރާތުން ވަކާލަތު ކުރަނީ ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައިވާ ވަކީލެކެވެ. އަޑުއެހުން ފެށުމާއި އެކު މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވަނީ ލިޔެކިޔުންތައް ލިބުނުތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި އަދުހަމް ބުނެފައިވަނީ ލިޔެކިޔުންތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް އަދުހަމްގެ ވަކީލް ވިދާޅުވެފައިވަނީ އޭނާއަށް ލިޔެކިޔުންތައް ލިބިފައި ނުވާ ކަމަށެވެ. https://twitter.com/Muaaviath/status/1227088167842377728 އެހެން ކަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ، މައްސަލައިގެ ލިޔެކިޔުންތައް ދިފާއީ ވަކީލަށް ލިބި މައްސަލަ ދިރާސާ ކުރުމަށް ފުރުސަތު ނުދީ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ދެން އަޑުއެހުމެއް ބާއްވާނީ އެކަން ކަށަވަރު ކޮށްފައި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. ލިޔެކިޔުންތައް މިއަދު ލިބިއްޖެ ނަމަ މާދަން ވެސް އަޑުއެހުން ބޭއްވުމަށް ދިފާއީ ވަކީލު ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަށް ބާރު ދެއްވައި ދައުލަތުގެ ވަކީލު ވެސް ވިދާޅުވެފައިވަނީ އަދުހަމްއާ އެކު ފުލުހުން ވަނީ އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައި ކަމަށާއި އެހެން ކަމުން ދައުލަތުން ވެސް ބޭނުންވަނީ އަވަހަށް މައްސަލަ ނިންމުމަށް ކަމަށެވެ މައްސަލައިގެ ހިމެނޭ ބައެއް ލިޔެކިޔުންތައް ސިއްރު ކުރުމުގެ އަމުރަކަށް ޕީޖީގެ ވަކީލުން އެދެނެވެ. އެއީ ގާސިމްގެ ފޮޓޯ ހިމެނޭ ބައެއް ލިޔުންތަކާއި ސިއްރު ހެކިންގެ ބަޔާން ތަކެވެ. ޕީޖީގެ ވަކީލުން އެދުނު ގޮތަށް ގާޒީ އިސްމާއިލް ރަޝީދު ވަނީ އެ އަމުރު ނެރެދެއްވާފަ އެވެ. ތޫނު އެއްޗަކުން ހަމަލަދީ ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް މަރުވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށް އޭނާގެ ގާތިލް އަދުހަމް އިއުތިރާފްވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ ގާސިމް މަރާލި ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގަ އާއި، ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައި ވެސް އިއުތިރާފުވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ