އެމްބީއޭގެ ރައީސްކަމަށް ހޮވުމާ އެކު މެމްބަރު ސިނާން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މިރޭގެ އިންތިހާބުގައި އެކްސްކޯގެ މެޖޯރިޓީ ލިބުނީ ސިނާންއާ ވާދަކޮށް ނާކާމިޔާބުވި އަހުމަދު މަމްދޫހު (މަންޑޭ) ގެ ޓީމަށެވެ. ނައިބް ރައީސްގެ މަގާމަށް އިންތިހާބުވީ، މަންޑޭގެ ޓީމުގައި ހިމެނޭ ކުރީގެ މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު ހަސަން އިސްމާއިލް އެވެ.
އިންތިހާބުވުމަށް ފަހު ވާހަކަދެއްކެވުމަށް ސިނާނަށް ފުރުސަތު ދިނުމުން، ޕޯޑިއަމް ކައިރިއަށް ވަޑައިގެން އޭނާ ވަނީ އިސްތިއުފާ ދެއްވިކަން އިއުލާންކުރައްވައިފަ އެވެ. ސިނާން ވިދާޅުވީ އޭނާ ވާދަކުރީ މަންޑޭއާ ނޫން ކަމަށާއި އޭނާ ވާދަކުރީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާ ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ، މަންޑޭ ހޮވުމަށް ޝަވީދު ކެމްޕެއިންކުރި ކަމަށެވެ.
"އަޅުގަނޑު އެއްވެސް އިރެއްގައި މަންޑޭއާ ވާދަނުކުރަން. އޭނާ އަކީ އަޅުގަނޑުގެ ގާތް އަޚެއް. އަޅުގަނޑު ވާދަކުރީ ޝަވީދާ. އަޅުގަނޑު މި ޗެލެންޖާ ކުރިމަތިލީ ވަރަށް ހިތްވަރާ އެކު. އެކަމަކު ނަތީޖާ މިއައީ ހީކުރި ގޮތާ ހިލާފަށް. އަޅުގަނޑު މަސައްކަތްކުރީ އަޅުގަނޑުގެ ޓީމާ އެއްކޮށް އަންނަން. މިކަމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރަން އަދި އަޅުގަނޑު މަގާމުން އިސްތިއުފާ ދެން،" ސިނާން ވިދާޅުވި އެވެ.
ސިނާން އިސްތިއުފާ އިއުލާންކުރެއްވުމާ އެކު އޭނާގެ ޓީމުގެ މެމްބަރުންނަށް ވެސް ލިބުނީ ހައިރާންކަމެވެ. އިންތިހާބީ ހޯލުގައި ޓީމުގެ މެމްބަރުން ގިނަ އިރު މަޝްވަރާކުރަން ތިބުމަށް ފަހު ވަނީ ހޯލް ދޫކޮށް ގޮސްފަ އެވެ.
ސިނާން (ކ) ނައިބް ރައީސްގެ މަގާމަށް ކުރިމަތިލައްވައި ނާކާމިޔާބުވެވަޑައިގެންނެވި އާރިފް ރިޒާއާ އެކު. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އިންތިހާބީ ކޮމިޓީގެ ޗެއާމަން އިބްރާހިމް އިސްމާއިލް ވިދާޅުވީ އިންތިހާބު ބޭއްވުމާ އެކު އެ ކޮމިޓީގެ މަސައްކަތް ނިމުނީ ކަމަށާއި ރައީސްގެ އިސްތިއުފާއާ ގުޅޭ ގޮތުން އެއްވެސް ގޮތެއް އެ ކޮމިޓީއަށް ނުނިންމޭނެ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން އެކަން ހޯމް މިނިސްޓްރީއަށް ރިޕޯޓްކުރާނަން،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އާއްމު އުސޫލެއްގެ ގޮތުން، ދެން ޖެހޭނީ ރައީސްގެ މަގާމަށް މީހަކު ހޮވުމަށް ވަކިން އިންތިހާބެއް ބާއްވާށެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ އެސޯސިއޭޝަނުގެ ބެލެނެވެރިޔާ، ހޯމް މިނިސްޓްރީންނެވެ.
މިރޭގެ އިންތިހާބުގައި ރައީސްގެ މަގާމަށް ސިނާން އިންތިހާބުވެވަޑައިގަތީ 15 ވޯޓާ އެކު އެވެ. މަންޑޭ އަށް ލިބިވަޑައިގަތީ 14 ވޯޓެވެ. ނައިބް ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވި ހަސަން އިސްމާއިލަށް ލިބިވަޑައިގަތީ 15 ވޯޓެވެ. އަދި ސިނާންގެ ޓީމުގެ ފަރާތުން ނައިބް ރައީސްގެ މަގާމަށް ވާދަކުރެއްވި، އެމްބީއޭގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން އާރިފް ރިޒާ އަށް ލިބިވަޑައިގަތީ 14 ވޯޓެވެ. އޭނާ އަކީ ސިނާންގެ ޓީމު ލީޑުކުރައްވައި އެންމެ ބޮޑަށް ކެމްޕެއިން ކުރެއްވި އެއް ފަރާތެވެ. އަދި މިރޭގެ އިންތިހާބުގައި 13 ކްލަބެއްގެ ޕްރޮކްސީގައި ވޯޓް ލީ ވެސް އާރިފެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ނައިބް ރައީސް އަހުމަދު އިސްމާއިލްގެ ކޮއްކޮ ހަސަން ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ބާސްކެޓްބޯޅަ ޓީމަށް ކޯޗުކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. މީގެ އިތުރުން ހަސަން ވަނީ ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ އިތުރުން ކުޅިވަރު ހިންގުމާއި މާކެޓިންގެ ދާއިރާގައި މަސައްކަތްކުރައްވައިފަ އެވެ.
އެމްބީއޭގެ ނައިބް ރައީސްކަމަށް މިރޭ އިންތިހާބުވެވަޑައިގެންނެވި ހަސަން އިސްމާއިލް.
އެސޯސިއޭޝަނުގެ ހަޒާންދާރުގެ މަގާމަށް ހޮވުނީ 15 ވޯޓާ އެކު އަހުމަދު އާދަމެވެ. ދެން ވާދަކުރި މުހައްމަދު ޒިއާއު އަށް ލިބުނީ 14 ވޯޓެވެ. އެކްސްކޯ އަށް ކްލަބްތަކުން ހޮވާ ފަސް މެމްބަރުންގެ މަގާމަށް ހޮވުނީ 15 ވޯޓާ އެކު މުހައްމަދު ޝިހާނާއި 15 ވޯޓާ އެކު މުހައްމަދު ވަހީދު (މޯޑް) 15 ވޯޓާ އެކު ހުސެއިން ފަޒީލާއި 16 ވޯޓާ އެކު ހުސެއިން ސުހެއިލާއި 15 ވޯޓާ އެކު އަހުމަދު ނަސީރު އިބްރާހީމެވެ. އަމިއްލަ މެމްބަރުގެ މަގާމަށް ހޮވުނީ 15 ވޯޓާ އެކު ހުސެއިން އަމީނެވެ. އޭނާއާ ވާދަކުރި މުހައްމަދު ހުޝާމަށް ލިބުނީ 14 ވޯޓެވެ.
އެކްސްކޯގެ ނުވަ މެމްބަރުންގެ ތެރެއިން ހަ މެމްބަރުން ނިސްބަތްވަނީ މަންޑޭގެ ޓީމަށެވެ. އެއީ ނައިބް ރައީސް ހަސަން އިސްމާއިލާއި ހަޒާންދާރު އަހުމަދު އާދަމާއި އަމިއްލަ މެމްބަރު އަމީނުގެ އިތުރުން އެކްސްކޯ އަށް ކްލަބްތަކުން އިންތިހާބުވި މެމްބަރުންގެ ތެރެއިން ފަޒީލާއި ސުހެއިލާއި ނަސީރެވެ. ސިނާންގެ ޓީމުން އިންތިހާބުވީ އޭނާގެ އިތުރުން އެކްސްކޯ އަށް ކްލަބްތަކުން އިންތިހާބުވި މެމްބަރުންގެ ތެރޭގައި ހިމެނޭ މޯޑާއި ޝިހާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ