އެޗްޕީއޭ އެދުނު ގޮތަށް ކޮވިޑް19 އަށް ޓެސްޓުކުރަން ނަޝީދު ހުންނެވީ ތައްޔާރަށް

މިދިޔަ މަހުގެ 14ވަނަ ދުވަހުން ފަހުން އިނގިރޭސިވިލާތަށް ރާއްޖެ ވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޯލަނބާނެ ކަމަށް ރައްޔިތުން މަޖިލީހުން ބުނެފިއެވެ.
މަޖިލީހުން މިފަދައިން ބުނެފައި މިވަނީ ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އިނގިރޭސި ވިލާތުން ރާއްޖެ އައި މީހުންގެ ތެރެއިން މިދިޔަ މަހުގެ 14 ވަނަ ދުވަހުން 19 ވަނަ ދުވަހާ ދެމެދު ރާއްޖެ އައި އެންމެން އަދި އެމީހުންނާއި ކޮންޓެކްޓްވީ މީހުން ކޮވިޑް 19 އަށް ޓެސްޓުކުރަން ނިންމާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ބުނީ އެމަނިކުފާނު އެ ދަތުރުފުޅު ކުރެއްވިއިރު، ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އަންނަ ހުރިހާ ފަރާތްތައް ކޮވިޑް19 އަށް ޓެސްޓު ކުރުން ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން ނިންމާފައި ނުވާ ކަމަށެވެ. މީގެއިތުރުން އިނގިރޭސިވިލާތާއި ގުޅޭ ގޮތުން އެފަދަ ޓްރެވެލް އެޑްވައިޒަރީއެއް ނެރުއްވާފައިނުވާ ކަމަށްވެސް މަޖިލީހުން ބުނެއެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ހުންނެވީ އެޗްޕީއޭ އިން އެދިވަޑައިގެންނެވިގޮތައް އަމަލު ކުރެއްވުމަށް ތައްޔާރަށް ކަމަަށް މަޖިލީހުން ބުނެއެވެ.
ނަޝީދު ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުން 14 ވަނަ ދުވަހަށް އަމިއްލުފުޅު ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.
ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ، އެމަނިކުފާނާއި، އަނބިކަނބަލުން ލައިލާ އަލީގެ ކައިވެނިފުޅަށް 26 އަހަރު ފުރުން ފާހަގަ ކުރެއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ