މޫސުން ރަނގަޅުވުމުން މާލޭ ހުކުރު މިސްކިތުގެ މުންނާރުން ހަލާކުވެފައިވާ ބައި ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ހެރިޓޭޖު މިނިސްޓްރީން ބުނެފިއެވެ.
ހެރިޓޭޖު މިނިސްޓްރީން މިހެން ބުނީ ހުކުރު މިސްކިތުގެ މުންނާރުގެ ބުޑުން ބައެއް ނެއްޓިފައިވާ މަންޒަރު ފެންނަ ފޮޓޯއަކާއެކު އާންމު ފަރާތަކުން ކުރި ޓުވީޓަކާއި ގުޅިގެންނެވެ.
ހެރިޓޭޖުން ރޭ ކުރި ޓުވީޓެއްގައި ބުނީ، އެކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
''މި ގެއްލުމަކީ އުވަ ބޭނުންކޮށްގެން މަރާމާތުކުރަންޖެހޭ ގެއްލުމެއް ކަމުން މިއީ ވާރޭ ވެހޭއިރު ކުރެވޭނެ މަރާމާތެއް ނޫން. މޫސުން ތަންދިންހާ އަވަހަކަށް މުންނާރުގެ ބުޑު މަރާމާތު ކުރުމުގެ މަސައްކަތް ފެށޭނެ.'' ޓުވީޓުގައި ބުނެފައި ވެއެވެ.
ހިޖުރައިން 1440 ވަނަ އަހަރުގެ ރަމަޟާން މަހާއި ހައްޖު މަހުވެސް މުންނާރުގެ ބުޑު މަރާމާތު ކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މުންނާރާއި އަދި އެހެން އާސާރީ ތަރިކަ މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް އެމިނިސްޓްރީން ކުރަމުންދާނެ ކަމަށް ބުނެފައިވެއެވެ.
މާލޭ ހުކުރު މިސްކިތުގެ މުންނާރަކީ މީލާދީން 1675 ވަނަ އަހަރު އިސްކަންދަރު ރަސްގެފާނު ބިނާކުރެއްވި މުންނާރެކެވެ. މުންނާރު ހަދައިފައިވަނީ ހިރިގާ ކޮށައި، މަށައިގެން ދެބުރިއަށެވެ. ފުރަތަމަ ބަޔަށްވުރެ މަތީބައި ހިމަކޮށެވެ. މުންނާރު ހަދައި ނިމުނީ ހިޖުރައިން 1085 ވަނަ އަހަރު، އަދި މީލާދީން 1675 ވަނަ އަހަރުއެވެ. އަދި ހިޖުރައިން 1324 ވަނަ އަހަރު، މީލާދީން 1906 އާއި 1907 ވަނަ އަހަރު އައްސުލްޠާން މުހައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި މުންނާރު އާކުރެއްވިއެވެ.
އެ ގޮތުން ކުރެއްވި ކަންތައްތަކުގެ ތެރޭގައި، މުންނާރުގައި އޮޅައިފައި ހުރި ރޯނު ބަންދުތައް ބާވެގެން އެ ރޯނުތައް ނަގައި މުންނާރުގެ ވަށައިގެން ލޯ އިން މަތީ ބުރީގައި ދެ ބަންދު، އަދި ތިރީބައިގައި ހަ ބަންދު އެޅުވިއެވެ. އަދި ލިޔުންތައް އާކުރައްވައި ލިޔުންތަކުގައި ނޫކުލައިގެ ދަވާދު ލުމުގެ އިތުރުން 6 އޭޕްރިލް 1964 ގައި މުންނާރުގައި އަޑުގަދަކުރާ ބެހެއްޓިއެވެ.
މާލޭ ހުކުރު މިސްކިތް ވޯލްޑް ހެރިޓޭޖް ޓެންޓެޓިވް ލިސްޓުގައި ހިމެނުނީ 12 ފެބްރުއަރީ 2008 ގައެވެ.
މޫސުން ރަގަޅުވުމުން މުންނާރު ހެދުމުގެ މަސައްކަތް ފަށާނަން: ހެރިޓޭޖު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ