މައުމޫން ސިޔާސީ ދާއިރާއާ ދުރަށް

ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަތުމަށް ނިންމަވައި މިއަދު އެކަން އިއުލާން ކުރައްވައިފި އެވެ.
މިއަދު މެންދުރު ޓީވީއެމް ސްޓޫޑިއޯގައި ބޭއްވި ލައިވް ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އަންނަ މަހު ބާއްވާ ޑީއާރުޕީގެ ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސްގައި އެ ޕާޓީގެ ޒައީމް ކަމަށް ކުރިމަތި ނުލައްވަން ނިންމަވާފައިވާ ކަމަށާއި އެ ނިންމުން ނިންމެވީ ވަރަށް ދިގު މުއްދަތެއް ވަންދެން ވިސްނަވާފައި ކަމަށެވެ. އަދި ވިދާޅުވީ ޑީއާރުޕީގެ ޒައީމް ކަމަށް ކުރިމަތިލެއްވުމާއި ނުލެއްވުމާ މެދު އެންމެ ރަނގަޅު ގޮތަކީ ކޮން ގޮތެއްތޯ ބެއްލެވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވި ކަމަށެވެ.
"އެ ހުރިހާ ވިސްނުމެއް ވިސްނުމަށް ފަހު، އެ ހުރިހާ ގޮތަކުން ހިޔާލު ކުރުމަށް ފަހު އަޅުގަނޑަށް ފެނުނު ގޮތް ޑީއާރުޕީގެ ލޮބުވެތި މެމްބަރުންނަށް ވަރަށް މާފާ އެކު ދަންނަވާލާނީ. އެ ގޮތަކީ މި ފަހަރު އަޅުގަނޑު ޑީއާރުޕީގެ ޒައީމް ކަމަށް ކުރިމަތި ނުލުން،" 30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި މައުމޫން ވިދާޅުވި އެވެ. "ސަބަބަކީ އަޅުގަނޑު ދެކޭ ގޮތުގައި ޑީއާރުޕީ އިތުރަށް ހަރުދަނާވެ، އާލާވެ ޑީއާރުޕީ އަކީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި އޮންނާނީ ޑީއާރުޕީގެ ޒައާމަތުގެ ދަންމަރު އާ ޖީލަކަށް ބަދަލުވެގެން. ޑީއާރުޕީ އަކީ މުސްތަގުބަލަށް ބަލައި ކުރިމަގަށް ކަންތައްތައް ރާވައި ރައްޔިތުންގެ ވިންދަށް އިހުތިރާމްކޮށްގެން އެ ވަގުތަށް ބޭނުންވާ ގޮތަށް ކަންތައްތައް ރާވައި ހިންގާ ޕާޓީއަކަށް ވާނީ މި ދެންނެވި ގޮތުގެ މަތިން އަޅުގަނޑު ދެކޭ ގޮތުގައި ޕާޓީގެ ޒައާމަތު އާ ޖީލަކަށް ބަދަލުވެގެން."
މައުމޫން ވިދާޅުވީ ޑީއާރުޕީގެ ޒައީމް ކަމަށް ކުރިމަތި ނުލެއްވި ނަމަވެސް އެ މަނިކުފާނު ހުންނަވާނީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އަދި ޑީއާރުޕީން ބޭނުންވާ ކޮންމެ ކަމެއް ކޮށްދެއްވުމުގައި ދެމިހުންނަވާނެ ކަމަށާއި އެކަމަށް ދުވަހަކު ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ޕާޓީގެ މެމްބަރުންނަށް އެމަނިކުފާނު ދެއްވި އެވެ.
މައުމޫން ވިދާޅުވީ ޑީއާރުޕީގެ ޒައާމަތުން އެމަނިކުފާނު ދުރަށް ވަޑައިގަތުމުން ދެން ޒައީމް ކަމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް ފެނިވަޑައިގަންނަވަނީ ނާއިބު ޒައީމް އަހުމަދު ތަސްމީން އަލީ ކަމަށެވެ. އަދި އޭގެ ސަބަބެއް ކަމަށް ވިދާޅުވީ ތަސްމީނަކީ ޑީއާރުޕީ އަށް ވަރަށް އިހުލާސްތެރިކަމާ އެކު ހިދުމަތް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްގެ އިތުރުން ނާއިބު ޒައީމް ކަމުގައި އެންމެ ގިނަ ދުވަހު މިހާތަނަށް ހުންނެވި ބޭފުޅާ ކަމަށް ވާތީ ކަމަށެވެ. އޭގެ އިތުރުން 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި މައުމޫނުގެ ރަނިންމޭޓަކަށް ހުންނެވީ ވެސް ތަސްމީން ކަމަށް ވުމީ އޭނާއަށް ތާއީދު ކުރައްވަން ނިންމެވި އެއް ސަބަބު ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުގެ ހިޔާލު. އެހެން ނަމަވެސް މިކަމުގައި ގޮތެއް ނިންމަވާނީ ގައުމީ ޖަލްސާ އަށް ވަޑައިގަންނަވާ މަންދޫބުން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އަންނަ މަހުގެ 21،20 ގައި ބާއްވާ ގައުމީ ޖަލްސާގައި ޒައީމް ކަމުގެ މަގާމު ދޫކޮށްލެއްވުމަށް ފަހު ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ.
"މާނަ އަކީ ސިޔާސީ ކަންތައްތަކުގައި ވަރަށް ހަލަބޮލިކޮށް ކަންތައް ހިނގަމުން މިދަނީ. އެކި ފަރާތް ފަރާތަށް ފާޑުކިޔުމާއި އެކި ކަހަލަ ކަންތައް ކުރުމުގައި، އެކަހަލަ އެއްވެސް ކަމެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ބައިވެރިއެއް ނުވާނަން. އަޅުގަނޑު ހުންނާނީ ސިޔާސީ ހަލަބޮލިކަމުން ދުރުވެ އެއްވެސް ފަރާތަކަށް ފާޑުނުކިޔައި ހަމަހިމޭންކަމާ އެކު ރައްޔިތުންނަށް ހިދުމަތްކުރާ މީހެއްގެ ގޮތުގައި،" މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގައި 2013 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް މައުމޫނުގެ ކޮއްކޯފުޅު އަދި ޑީއާރުޕީ/ޕީއޭ ކޯލިޝަންގެ ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާއިރު އަދި މިހާރު ޑީއާރުޕީ ތެރޭގައި ބައިބައިވުންތައް އުފެދިފައިވާ އިރު ޕާޓީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ގޮތަކީ ކޮބައިތޯ ދެންނެވުމުން ވިދާޅުވީ ޕާޓީ ތެރޭގައި އެފަދަ ބައިބައިވުންތަކެއް ނެތް ކަމަށެވެ. މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބުގައި އަބަދުވެސް އެ މަނިކުފާނަށް ތާއީދު ކުރެއްވޭނީ ޑީއާރުޕީ ތެރެއިން ކުރިމަތިލައްވާ ބޭފުޅަކަށް ކަމަށާއި އެ ޕާޓީން ބޭރުގައި ހުންނަވައިގެން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ބޭފުޅަކަށް ތާއީދު ނުކުރެއްވޭނެ ކަމަށެވެ.
މައުމޫން ވިދާޅުވީ ދިވެހި ރައްޔިތުންގެ ހިދުމަތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހުންނެވިއިރު މަސައްކަތް ކުރައްވާފައި ވާނީ ވަފާތެރިކަމާއި އަމާނާތްތެރިކަމާ އެކީގައި އެއްވެސް ވަރުބަލިވުމެއް، ފޫހިވުމެއް ނެތި ކަމަށެވެ.
"އެހާ ދިގު މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް އިހުލާސްތެރި ވަފާތެރި ހިދުމަތްތަކެއް ކޮށްދިނުމުގައި ވަރުބަލިވުމެއް ނެތި މަސައްކަތް ކޮށްފައިވާ މީހަކު ދެން މިހާރު އެ މީހާގެ ލޮބުވެތި އާއިލާއާ އެކީގައި އުފާވެރި ދުވަސްތަކެއް ހޭދަކޮށްލަން ބޭނުންވުމަކީ ވެސް އިންސާނީވަންތަ ކަމުގެ ތެރެއިން ވާ ކަމެއް. އަޅުގަނޑަކީ ވެސް އިންސާނެއް. އެހެންވީމަ އަޅުގަނޑު ވެސް ބޭނުންވާނެ އަޅުގަނޑުގެ އާއިލާއާ އެކީގައި އުފަލާއި އަރާމުގައި ދުވަސްތަކެއް ހޭދަކޮށްލަން. އެހެންވީމަ އަޅުގަނޑަށް ވިސްނުނީ މިއީ އެކަމަށް އޮތް އެންމެ ރަނގަޅު ފުރުސަތު ކަމުގައި،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަންނަވަން ނިންމެވި ނިންމެވުމަކީ އަމިއްލަފުޅު ނިންމެވުމެއް ކަމަށާއި ޑީއާރުޕީގެ ކައުންސިލްގެ މަޝްވަރާ ވެސް އެ ކަމުގައި ނުހޯއްދަވާ ކަމަށެވެ.
"އަޅުގަނޑު މިހާރު އާއިލާއާ އެކު ވަގުތު ހޭދަކުރަން ބޭނުންވަނީ. އަދި ސިޔާސީ މާހައުލުން ދުރަށް ޖެހިލައި ޒުވާން ޖީލުތަކަކަށް ފުރުސަތު ދޭން ބޭނުންވަނީ. އަޅުގަނޑު ދެކޭ ގޮތުގައި ޑީއާރުޕީގެ ކުރިއެރުން އޮތީ ޒުވާން ޖީލްތަކުގެ އަތް މަތީގައި. އެހެންވީމަ އެ ފުރުސަތު ދޭން އަޅުގަނޑު ބޭނުންވަނީ. ރީތިކޮށް ވަކިވާން އަޅުގަނޑު ބޭނުންވަނީ. އަދި އަޅުގަނޑު ބޭނުންވަނީ ޑިމޮކްރެޓިކް މިސާލެއް ދައްކަން. އަޅުގަނޑު ޕާޓީގެ ލީޑަރު ކަމުގައި ހުރެގެން ޑިމޮކްރެޓިކް އުސޫލުން ޕާޓީގެ ޒައާމަތު އެހެން ޖީލަކަށް ބަދަލުވުން އެއީ އަޅުގަނޑު ފަހުރުވެރިވާނެ ކަމެއް. އަޅުގަނޑަށް ކުރެވުނު ރަނގަޅު ކަމެއް ކަމުގައި އަޅުގަނޑު ބަލައިގަންނާނަން."
************
22: 13 - މައުމޫން އިތުރަށް ވިދާޅުވީ ޒައީމް ކަމަށް އާ ބޭފުޅަކު އިންތިހާބު ކުރުމުން އެ މަނިކުފާނު އެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ބޭނުންފުޅު ވަނީ ޒުވާނުންނަށް ފުރުސަތު ދެއްވުމަށް ކަމަށެވެ.
16: 13 - ރިޔާސީ އިންތިހާބަކަށް ވެސް އަދި ވާދަވެރި އެހެން މަގާމަކަށް ވެސް ދެން ކުރިމަތި ނުލައްވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
11: 13 - މައުމޫން ވިދާޅުވީ އެ މަނިކުފާނަށް ފަހު ޑީއާރުޕީގެ ޒައީމްގެ މަގާމަށް އެންމެ އެކަށީގެން ވަނީ މިހާރު ނާއިބު ޒައީމް ކަމުގައި ހުންނެވި އަހުމަދު ތަސްމީން އަލީ ކަމަށެވެ.
06: 13 - ޑީއާރުޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ޒައީމް ކަމުގެ އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެ ކަން ދެންމެ އިއުލާން ކުރައްވައިފި އެވެ.
ޓީވީ މޯލްޑިވްސްގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ވިދާޅުވީ ޒައީމް ކަމަށް ކުރިމަތި ނުލެއްވި ނަމަވެސް ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށާއި އެހީތެރިވެވަޑައިގަންނަވާނެ ކަމަށެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ