ވެރިކަން ބަދަލުކުރުމުގެ އަޑީގައި ހުރީ މައުމޫން: މޫސަ

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.
މިމަހުގެ 8 ގައި ފުލުހުން މޫސަ އަށް ކުރި އަނިޔާތަކަށް ސްރީ ލަންކާގައި ފަރުވާ ހޯއްދެވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ މިއަދު އިރު އޮއްސެން ކައިރިވެފައި ހުއްޓަ އެވެ. އެއާޕޯޓުން އޭނާ މާލެ ވަޑައިގަތުމަށް ފަހު ސީދާ ވަޑައިގެންނެވީ "އިންސާފުގެ ދަތުރު" ކުރިއަށް ގެންދާ ލޮނުޒިޔާރަތް ކޮޅަށެވެ. އެތަނުން މޫސަ އަށް މަރުހަބާ ދެންނެވީ ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުންނެވެ. މޫސަ އަށް މަރުހަބާ ކިޔުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު އެއާޕޯޓަށް ވެސް ދިޔަ އެވެ. އަދި މާލޭގެ ވަޑައިގެންނެވިއިރު، އޭނާ އަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ އެމްޑީޕީ މެމްބެރުން އެއްވެ ތިއްބެ އެވެ.
މިރޭ ލޮނުޒިޔާރަތް ކޮޅުގައި މޫސަ ވިދާޅުވީ "ސަރުކާރު ބަދަލުކޮށްލުމުގެ އަޑީގައި ހުރީ އެންމެ ބޮޑު އަނިޔާވެރިޔާ މައުމޫން އަބްދުލް ގައްޔޫމް" ކަމަށެވެ. އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ މަންމާފުޅަށް މައުމޫނުގެ ސަރުކާރުން އަނިޔާކުރެއްވި ވާހަކަ އެމަނިކުފާނު ދެއްކެވި ނަމަވެސް މިހާރު ގާތްކުރައްވައިގެން އުޅުއްވަނީ މައުމޫނުގެ އާއިލާގެ ބޭފުޅުންނާއި ދަރިން ކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ އަށް ފުލުހުން ކުރި އަނިޔާތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ކިތަންމެ ލެއެއް އޮހޮރުވިއެއް ކަމަކު އަދި ކިތަންމެ އަނިޔާއެއް ކުރިއެއް ކަމަކު ކޮންމެ އިންސާނެއްގެ ފުރާނަ ގެންދަވާނީ މާތް ﷲ ކަމަށާއި އޭނާ އަކީ ﷲގެ ކުޅަދުންވަންތަ ކަމުގެ މިސާލެއް ކަމަށެވެ.
ރާއްޖޭގެ ވެރިކަމަކީ ރައްޔިތުންގެ ވޯޓުން ހޮވާ ވެރިކަމެއް ކަމަށާއި "ގުޅަކުޅޭ ފަސްގަނޑުން ދުއްވާލެވޭނެ ވެރިކަމެއް ނޫން" ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
މި މޭރުން ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ހިނގަމުންދާ ރިޔާސީ ދައުރެއްގައި ރައީސުލްޖުމްހޫރިއްޔާ އުޒުރުވެރިކަމުގައި މަގާމުން ވަކިވިޔަސް، ނުވަތަ އަވަހާރަ ވިޔަސް ނައިބު ރައީސް ވެރިކަން ކުރިއަށް ގެންދަވާންވާނީ އޭރަކު އޮންނަ ކެބިނެޓާއި މެނިފެސްޓޯ ކަމަށެވެ.
"އިއްތިހާދުގެ ސަރުކާރެއް އުފައްދާ ވާހަކައެއް ގާނޫނު އަސާސީގައި ނޯންނާނެ. ވޯޓަކުން ނޫން ގޮތަކަށް އިންތިހާބުކުރެވޭ ވެރިޔަކަށް މިގައުމުގައި ވެރިކަން ކުރުމުގެ ޗާންސެއް ނުލިބޭނެ،" މޫސަ ވިދާޅުވި އެވެ.
"އަދިވެސް އިރާދަ ކުރެއްވިއްޔާ މިރާއްޖޭގެ އިންތިހާބު ކުރެވޭ ވެރިޔަކަށް ބަހައްޓާނީ ތިބޭފުޅާ) ކުރީގެ ރައީސް ނަޝީދު(."
މޫސަ ވިދާޅުވީ އެއާޕޯޓު ހިންގުން ޖީއެމްއާރާ ހަވާލުކުރުމަކީ ސަރުކާރު ވައްޓާލަންޖެހޭ ކަމެއް ނޫން ކަމަށާއި ނަޝީދު އެކަން ކުރެއްވީ ރާއްޖޭގެ ތަނަވަސްކަމަށްޓަކައި ކަމަށެވެ. އަދި ނަޝީދު ކުރައްވާފައިވާ އެހެން ކަންކަމަކީ ވެސް ރައްޔިތުންގެ ލާބައާއި މަންފާ އަށް ކުރައްވާފައިވާ ކަންކަން އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ