ޤައުމުން ކޮރަޕްޝަން ނައްތައިލަންވެއްޖެ: ރައީސް މައުމޫން

ދިވެހި ޤައުމުން ކޮރަޕްޝަން ނައްތައިލަން ވެއްޖެ ކަމަށް ޕީޕީއެމްގެ ރައީސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2 މެންބަރުންނާއި ފެންފުށީ ކައުންސިލުގެ 4 މެންބަރަކު ޕީޕީއެމް އަށް ސޮއިކުރުމަށް އަންގާރަ ދުވަހު ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޖަލްސާގައެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް ތެރެއިންވެސް، ޕީޕީއެމުން ބޭރުންވެސް، ސަރުކާރުގެ ތެެރެއިންވެސް ސަރުކާރުގެ ބޭރުންވެސް، މުޅި ޤައުމުން އެކީއެކަށް ކޮރަޕްޝަން ނައްތައިލަން ޖެހިފައިވާ ކަމަށެވެ
. "ކޮރަޕްޝަނަކީ އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނެ ކަމެއް ނޫން."
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އައީ ރާއްޖެއިން ކޮރަޕްޝަން ނައްތައިލުމަށް ކަަމަށާއި ކޮރަޕްޝަން ނައްތައިލުމަށް އަބަދުވެސް ގަދައަޅައި ޕީޕީއެމުން މަސައްކަތް ކުރަން ވާނެ ކަމަށެވެ.
ރައީސް މައުMޫން ވިދާޅުވީ ދުނިޔަވީ ބޭނުންތައް ފުއްދައި ތަނަވަސްކަން އިތުރުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ ކުރަންވެސް ޖެހޭނެ މަސައްކަތެއް ކަމަށެވެ. އެހެންކަމާއިއެކު ވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ޤައުމުގެ ކަންކަން ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްތަކަށް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ބަލަންޖެހޭނީ މުދަލާއި ތަނަވަސްކަން އިތުރު ކުރުމަށް ނޫން ކަމަށާއި ޞާލިޙް ހެޔޮ އަމަލުތައް ކުރުމަށް ކަމަށެވެ. "އެއީ ހަމައެކަނި ނަމާދުކުރުމާ ޜޯދަހިފުމާ މިކަންކަމެއް ނޫނޭ. އެއީ ޤައުމަށް ފައިދާހުރި ކޮންމެ ކަމެއް. އެކަންކަމުގަ ދެމިތިބެންވީ."
މުދަލާއި ތަނަވަސްކަމުގެ ދަހިވެތިކަމުގައި ބައަކު ގެއްލިގެން ހިނގައްޖެ ކަމަށާއި ކޮންމެ މީހަކީވެސް ޤައުމަށް ޚިދުމަތް ކުރާ މީހަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މައުMޫން ވިދާޅުވިއެވެ.
ޕީޕީއެމް އާއި މިއަދު ގުޅުނު މަޖިލީހުގެ 2 މެންބަރުންނަކީ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު މުބީން އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޢަބްދުﷲ އެވެ.
ފެންފުށިން ގުޅިފައިވަނީ ރަށު ކައުންސިލުގެ ރައީސް ޝާހިދު ޢަބްދުއްރަޙީމް، ނައިބް ރައީސް އަހްމަދު ސަޢީދު، ކައުންސިލު މެންބަރު މުޙައްމަދު އިބްރާހީމް އާއި މޫސާ ޢަލީ އެވެ.
މިއެންމެންނަކީވެސް ކުރިން ޖުމްހޫރީ ޕާޓީގައި ތިބި މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ