ޕްރައިމަރީގައި ވާދަކުރާނެ މީހަކު ނެތް ނަމަ އިންތިހާބަށް ތައްޔާރުވުމަށް އުމަރު އެދިވަޑައިގެންފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތް ނަމަ، އެ އިންތިހާބުގެ ތައްޔާރީތައް ޕާޓީގެ ތެރޭގައި ފެށުމަށް ޝައުގުވެރިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ފޮނުއްވި ސިޓީއެއްގައި އުމަރު ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކޮށް، ރިޔާސީ ލީޑަޝިޕްއާ ހަވާލުވުމުގެ ޝައުގުވެރިކަން ސިޓީއަކުން މީގެ ކުރިން ވެސް އެ މަނިކުފާނަށް އޭނާ އަންގާފައިވާނެ ކަމަށެވެ. އެކަމަކު ސިޓީ ފޮނުވިތާ ތިން މަސް ވާއިރު ވެސް، ޕާޓީގެ އެހެން މީހަކު، އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އިންތިހާބުގެ ތައްޔާރީތައް ފެށުމަށް އެދިވަޑައިގަންނަވާ ކަމަށް އުމަރު ވިދާޅުވެފައި ވެ އެވެ.
"[ރިޔާސީ] ޓިކެޓަށް އެހެން ބޭފުޅަކު ޝައުގުވެރިވެ ވަޑައިގަންނަވާ ނަމަ ޕްރައިމަރީގައި ވާދަކުރުމަށް އަޅުގަނޑު ތައްޔާރަށް ހުރި ވާހަކަ ދަންނަވަމެވެ." ޓްވިޓާގައި އުމަރު އާންމު ކުރެއްވި ސިޓީގައި ވެ އެވެ.
ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދިނުމަށް އެ ޕާޓީގެ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ވަނީ ލިޔުމަކުން މައުމޫނަށް ހުށަހަޅައިފަ އެވެ.
އެކަމަކު އެ ގޮތަށް އަމަލު ކުރައްވަން އެ މަނިކުފާނު ބޭނުންފުޅުނުވާކަން ދޭހަވާ ގޮތަށް މައުމޫން ވަނީ ޕާޓީގެ ކައުންސިލް މެމްބަރުންނަށް އެސްއެމްއެސްތަކެއް ކުރިން ފޮނުއްވައިފަ އެވެ. އެ މެސެޖުގައި މައުމޫން ވިދާޅުވެފައިވަނީ ޕާޓީގެ މަސްލަހަތު ހިފަހައްޓައި އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ދަމަހައްޓައި ރައްޔިތުންގެ މަގްބޫލްކަން އިތުރުކުރެވޭނީ ޕާޓީގެ ހުރިހާ ކަމެއް ވެސް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލްގެ މަތިން ގެންގޮސްގެން ކަމަށާއި އަސާސީ ގަވާއިދުން ބޭރުގައި އެއްވެސް ކަމެއް ކުރިއަށް ނުގެންދިޔުމަށެވެ.
ރައީސް ޔާމީނާއި އުމަރު ސަލާން ކުރައްވަނީ: ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ރައީސް ޔާމީނާ ކުރިމަތިލާން އެހެން ބޭފުޅަކަށް ކެރިވަޑައިނުގަންނަވާނެ ކަމަށް އުމަރު ވިދާޅުވި.---ފޮޓޯ: ރައީސް އޮފީސް
ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވަނީ ރިޔާސީ އިންތިހާބުގައި ޕާޓީން ވާދަކުރާ ކެންޑިޑޭޓް ކަނޑައަޅާނީ ޕާޓީގެ ހުރިހާ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީގައި ނަގާ ސިއްރު ވޯޓަކުން ކަމަށެވެ.
މައުމޫނަށް އުމަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އާއްމު މެމްބަރުންގެ ރޫހު ހުރީ އާ ރިޔާސީ ކެންޑިޑޭޓަކާއެކު 2018ގެ އިންތިހާބަށް ނުކުތުމަށް ކަމަށެވެ. އަދި ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ އެތައް ކަމެއް ހިނގަމުންދާތީ، އިދިކޮޅު ޕާޓީން އެކަމުގެ ސިޔާސީ ފައިދާ ނަގައި، އިންތިހާބަށް ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައި ވެ އެވެ.
"މިއަދުގެ މިހާލަތުގައި ޔާމީންގެ ލީޑާޝިޕްގެ ދަށުން 2018އިގެ އިންތިހާބަށް ނިކުމެއްޖެ ނަމަ، ސިޔާސީ ބައިވެރިއަކު ނެތި މުޅިން އެކަނިވެރިވެ، ޕީޕީއެމް ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެތީ އަޅުގަނޑު ނުހަނު ކަންބޮޑުވަމެވެ،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ