މިނިވަން ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ކުރަމުން ގެންދެވި މަސައްކަތްތައް ހުއްޓުވައި މަގުމަތީގެ އަމާންކަން ނަގާލުމަށް އިދިކޮޅު ފަރާތްތަކުން ރޭވި ނަމަވެސް ދިވެހި ރައްޔިތުން އެކަމަށް ޖަވާބުދީފައިވަނީ ނޫނެކޭ ބުނެކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ބުނެފި އެވެ.
ސަރުކާރު ހިންގާ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިނިވަން ދުވަހާއި ގުޅޭ ހާއްސަ ހަރަކާތްތައް ހުއްޓުވާލައި މާލޭގެ އެކި ސަރަހައްދުތަކަށް މީހުން އެއްކޮށް ހަމަނުޖެހުން އުފެއްދުމަށްޓަކައި ގޮވާލާ މުޒާހަރާ ކުރުމަށް މަގުތަކަށް މީހުން ނެރުމަށް އިދިކޮޅު ސިޔާސީ ޕާޓީ ތަކުން މަސައްކަތް ކުރި ކަމަށެވެ.
އެހެން ނަމަވެސް އެކަމަށް އެއްވެސް ރައްޔިތަކު އިޖާބަ ދެއްވާފައި ނުވާ ކަމަށާއި އެކަމުން ދޭހަކޮށްދެނީ މިއަދުގެ ސަރުކާރުން ގައުމަށްޓަކައި ކުރާ މަސައްކަތްތަކަށް ރައްޔިތުން ތާއީދު ކުރާ މިންވަރު ކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިދިކޮޅު ފަރާތްތަކުގެ އިސް ސަފުގައި މިއަދު ތިބީ ވޭތުވެދިޔަ 35 އަހަރުގައި ގައުމު ހިންގަން ތިބި ވެރިން ކަމަށާއި، އެފަރާތްތަކަށް ރައްޔިތުން އިޖާބަ ނުދިނުމުން އެނގިގެންދަނީ އެފަރާތްތަކުން ގެންގުޅުނު ޕޮލިޓިކްސް ރައްޔިތުން ބަލައި ނުގަންނަކަން ކަމަށެވެ.
'ހަވަރު އެއްކުރުމަށް' ގޮވާލައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ރޭވިރޭވުމަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ނެތްކަން ޕާކިސްތާނުގެ ބޮޑު ވަޒީރު މުހައްމަދު ނަވާޒް ޝަރީފަށް ދެއްކުމަށްޓަކައި ރޭވި އޮށްޓަރެއް ނެތް ދަށު ދަރަޖައިގެ ރޭވުމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މަގުމަތީގެ އަމާންކަން ނަގާލުމަށް އިދިކޮޅުން ރޭވި ނަމަވެސް ރައްޔިތުން އެކަމަށް ނޫނެކޭ ބުނެފި - ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ