މެމްބަރު އަރީފްގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން އަރީފުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިއަދުން ފެށިގެން އަންނަ މަހު އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި އަރީފްގެ ޕާސްޕޯޓް ހިފެހެއްޓީ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި ސިފައިންނާމެދު މަޖިލީހުގެ މެންބަރުންތަކެއް މާރާމާރީ ހިންގާފައިވާ ކަމުގެ ތުހުމަތުގައި މައްސަލަ ތަހުގީގު ކުރަމުން އަންނާތީ ކަމަށެވެ.
އަދި ކުރެވިފައިވާ ތުހުމަތުތަކަށް ފިލައިގެން ސްރީލަންކާއަށް އަރީފް ދާން އުޅޭކަމަށް ތުހުމަތުކުރެވޭ ކަމަށާއި ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފިނަމަ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބެލެވޭ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.
ފުލުހުން ތަހުގީގު ކުރަމުން އަންނަ މި މައްސަލައާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ޕާސްޕޯޓު ވެސް ކޯޓު އަމުރެއްގެ ދަށުން ވަނީ އެއްމަސް ދުވަހުގެ މުއްދަތަކަށް ހިފަހައްޓާފައެވެ.
މީގެއިތުރުން ފުލުހުން އަންނަނީ ސިފައިންނާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މާރާމާރީ ހިންގި ކަމަށްބުނާ މައްސަލައެއް ވެސް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ