ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިޔަށް ގެންދަވާ ގާޒީ ބަދަލުވެފައިވާތީ ޝަރީއަތް ފަސްކޮށްދިނުމަށް މިއަދު އޮތް އަޑު އެހުމުގައި ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު އެދިވަޑައިގެންފި އެވެ.
ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޕީޕީއެމްގެ ދިދަ ގަވައިދާ ހިލާފަށް ބޭނުން ކޮށްފައިވާ ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާ އެވެ. އެ މައްސަލަ ބައްލަވަން ހަމަޖައްސާފައި ވަނީ ގާޒީ އާދަމް އާރިފް ކަމުގައިވާއިރު، މިއަދު ބާއްވަން އުޅުނު އަޑުއެހުމުގައި އިންނެވީ ގާޒީ އިބްރާހީމް އަލީ އެވެ.
އެކަން މައުމޫން ފާހަގަ ކުރައްވާ ވިދާޅުވެފައިވަނީ ކުރިން އެންގުމެއް ނެތި ގާޒީ ބަދަލުވުމަކީ ސުވާލު އުފެދޭ ކަމެއް ކަަމަށެވެ. މައުމޫން އެދިވަޑައިގެންނެވީ މިމަހުގެ 17 ވަނަ ދުވަހަށް ޝަރީއަތް ފަސްކޮށްދިނުމަށެވެ. އެއީ ކުރިން މި މައްސަލައިގެ ޝަރީއަތް ބާއްވަން ތާވަލުކޮށްފައި އޮތް ދުވަހެވެ.
ގާޒީ އިބްރާހިމް އަލީ ވިދާޅުވީ މި ބަދަލު އައިސްފައިވަނީ ކޯޓުގެ ހިންގުމަށް އައި ބަދަލަކާއި ގުޅިގެން ކަމަށެވެ. އަދި އެ ބަދަލު އައި ސަބަބު އޮޅުންފިލުވާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ ގާޒީ ވަނީ މި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި އެވެ.
ގާޒީ ބަދަލުވެފައިވާތީ ފާރިސްގެ ފަރާތުން އެދިގެން ޝަރީއަތް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ