ޑިކްޓޭޓަރޝިޕްތައް އަބަދުވެސް ވާނީ ބަލި: މައުމޫން

މިއަދަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ކަޅު ދުވަހެއް ކަމަށާއި، އެހެން ނަމަވެސް ޑިކްޓޭޓަރޝިޕްތައް އަބަދުވެސް ވާނީ ބަލި ކަމަށް ކުރީގެ ރައީސް، މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމުން މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، މިއަދަކީ ރާއްޖެގެ ޑިމޮކްރެސީއަށް ކަޅު ދުވަހެއް ކަމަށައި، އެހެން ނަމަވެސް ކަންބޮޑުވުމެއް ނެތްކަމަށެވެ. އަދި ރައްޔިތުންނަށް ކާމިޔާބުލިބި، ހުދުމުހިތާރިވެރިކަން ނާކާމިޔާބުވެގެންދާނެ ކަމަށް އެ ޓްވީޓުގައި މައުމުން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމާއެކުވެސް މީގެ ކުރިން މައުމޫން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މެމްބަރުކަމުން ވަކިވާނެ ހާލަތްތައް ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އިތުރު ތަރުޖަމާއެއް ބޭނުން ނުވާކަމަށް މައުމޫން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް އެ މައްސަލަ ވެއްދުމާއި ގުޅިގެން ރާއްޖޭގައި އާއި ރާއްޖެއިން ބޭރުގައި ތިބި އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑު ވެފައިވާއިރު، އެފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އަދި ވަކި ޕާޓީއެއް ތަމްސީލު ކުރައްވުމަށްފަހު ރައްޔިތުންގެ އިތުބާރާއެކު ވޯޓު ހޯއްދަވައިގެން، އިންތިޚާބުވުމުން ޕާޓީ ބަދަލުކުރުމުގެ މިނިވަން ލިބެން ޖެހޭނެކަމަށް ބުނެ އެފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ