ޑީސަލުން ނަގާ ޓެކްސް ބޮޑުވުމާއި، ދިރިއުޅުމުގެ އަގުތައް މަތިވަމުންދާތީ އެކަމާ ދެކޮޅަށް ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މުޒާހަރާއަށް ނުކުތް އާންމުންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ.
މިއީ، މިކަމާ ގުޅިގެން ޕެރިހުގައި ބާއްވަން އުޅުނު ތިންވަނަ މުޒާހަރާއެވެ.
މިއަދުގެ މުޒާހަރާއަށް ރީނދޫކުލައިގެ ވެސްޓްތަކެއް ލައިގެން އާންމުން އެއްވާން މަސައްކަތްކުރީ ޕެރިހުގެ މަޝްހޫރު ޝެމްޕްސް އެލިސީސް މަގަށެވެ. އެހެންނަމަވެސް، ސަލާމާތީ ބާރުތަކުން އޮތީ އޭގެކުރިން އެ ސަރަހައްދު ބެރިކޭޑް ޖަހައިގެން ބަންދުކޮށްފައެވެ.
މުޒާހަރާއަށް ނުކުތް އާންމުންނާއި، ފުލުހުންނާ ދެމެދު ކުރިމަތިލުން ހިނގީ، ބެރިކޭޑް ފަޅާލައި އަދި ސަލާމަތީ ރޮނގު ހުރަސްކޮށް އާންމުން އެ މަގަށް ވަންނާން މަސައްކަތް ކުރުމުންނެވެ.
ފުލުހުންވަނީ އާންމުން ދުރަށް ޖެއްސުމަށް ވަރަށް ގިނަ އަދަދަކަށް ކަރުނަގޭސް ޖަހާފައެވެ. އަދި ރަޔަޓް ފުލުހުން ވަނީ އާންމުން ފަހަތަށް ޖެއްސުމަށް ބާރުގެ ބޭނުންކޮށްފައެވެ.
މިކަމުގެ ތެރޭގައި މުޒާހަރާއަށް ނުކުތްމީހުންވަނީ ފުލުހުންނާ ދިމާއަށް ބެރިކޭޑާއި، އެމީހުންގެ އަތުގައި ޖެހުނު އެއްޗެއް އުކާފައެވެ.
މުޒާހަރާގެ ބައެއް ބައިވެރިންވަނީ އެމީހުން އަމިއްލައަށް ބެރިކޭޑްތައް ޖަހައި އޭގައި އަލިފާން ރޯކޮށްހަދާފައެވެ. މިކަމުގެ ތެރޭގައި އެހިސާބުގައި ޕާކްކޮށްފައިއޮތް ކާރެއްގައިވެސް ބަޔަކުވަނީ އަލިފާން ރޯކޮށްލާފައެވެ.
މިއަދުގެ ކުރިމަތިލުންތަކުގެ ތެރޭގައި ފުލުހުން 107 މީހަކު ހައްޔަރު ކޮށްފައިވާކަން ފަރަންސޭސި ބޮޑުވަޒީރު އެޑުއާރޑް ޕިލިޕޭ ކަށަވަރު ކޮށްދެއްވާފައި ވެއެވެ.
ބޮޑުވަޒީރު އެޑުއާރޑް ވިދާޅުވީ، ފަރަންސޭސިވިލާތުގެ އެކި ހިސާބުތަކުގައި މިއަދު 36،000 މީހުން މުޒާހަރާކުރި ކަމަށާއި، ވެރިރަށް ޕެރިހުގައި އެކަނިވެސް 5،500 މީހުން މުޒާހަރާކުރި ކަމަށެވެ.
މުޒާހަރާއަށް ނުކުތް އާންމުންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގިނަމަވެސް، ޝެމްޕްސް އެލިސީސް މަގުގައި ސުލްހަވެރި މުޒާހަރާއެއްވެސް މިއަދު ކުރިއަށްދިޔައެވެ. ސުލްހަވެރި މުޒާހަރާ ކުރިއަށްދިޔަ ސަރަހައްދު އޮތީ ފުލުހުންގެ ހިމާޔަތުގައެވެ.
ޑީސަލްގެ އަގު ބޮޑުވުމާއި، ދިރިއުޅުމުގެ އަގުތައް މައްޗަށްދާ މައްސަލާގައި މިދިޔަ ހަފްތާގައިވެސް ޕެރިހުގެ ޝެމްޕްސް އެލިސީސް މަގުގައި ވަރުގަދަ މުޒާހަރާއެއް ކޮށްފައި ވެއެވެ. އެދުވަހުވެސް ބެރިކޭޑްތައް އެންދުމާއި، އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖެހުމުގެ ހާދިސާތައް ހިންގާފައި ވެއެވެ.
މިދިޔަ ހަފްތާގެ މުޒާހަރާގެ މަންޒަރުތައް ފަރަންސޭސި ރައީސް އިމަނުއެލް މެކޯން ސިފަކުރައްވާފައިވަނީ "ހަނގުރާމައިގެ މަންޒަރުތަކެއްގެ" ގޮތުގައެވެ.
ޑީސަލްގެ އަގު ބޮޑުވުމާއި، ދިރިއުޅުމުގެ އަގުތައް މައްޗަށްދާ މައްސަލާގައި ފަރަންސޭސި ރައްޔިތުން އެންމެ ފުރަތަމަ މުޒާހަރާއަށް ނުކުތީ ނޮވެމްބަރ 17 ވަނަދުވަހުއެވެ.
އެދުވަހުގެ މުޒާހަރާއަށް ދެކައްލަ އަށްޑިހަ ދެހާސްމީހުން ނުކުތްއިރު، މިދިޔަ ހަފްތާގެ މުޒާހަރާއަށް އެއްލައްކަ ހަހާހަށްވުރެ ގިނަމީހުން ނުކުތެވެ. ވެރިރަށުގެ މަގުތަކަށް އެކަނިވެސް އަށްހާސް މީހުން ނުކުތެއެވެ.
މުޒާހަރާއަށް ނުކުންނަ މީހުންގެ ތެރޭގައި ޕެންޝަން ލިބިފައިތިބޭ މީހުންވެސް ހިމެނެއެވެ. މުޒާހަރާގެ ބައިވެރިން ގެންދަނީ ހައިވޭތައް ބަންދުކޮށް، މަގުތައްވެސް ބަންދުކުރަމުންނެވެ.
މިމުޒާހަރާތަކުގެ ތެރޭގައި މިހާތަނަށް ދެމީހުން މަރުވެ އެތައްސަތޭކަ ބަޔަކު ޒަޚަމްވެފައިވާއިރު، ދިރިއުޅުމުގެ އަގުތައް ބޮޑުވުމާއި ތަކެތީގެ އަގުތައް މަތިވުމުގެ ސަބަބުން އެކަމާ ދެކޮޅަށް ކުރަމުންދާ މި މުޒާހަރާއަށް ފަރަންސޭސި ކޮންމެ ތިން މީހަކުން ދެމީހުން ތާއީދުކުރާކަމަށް ޚިޔާލުހޯދުންތަކުންވަނީ ދައްކާފައެވެ.
ދިރިއުޅުމުގެ އަގުތައް ބޮޑުވާތީ ފަރަންސޭސި ރައްޔިތުން މަގުތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ