މާލޭ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 25 އަހަރުން މަތީގެ މީހުންނަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، މާދަމާއިން ފެށިގެން އުމުރުން 25 އަހަރުން މަތީގެ މީހުންނަށް މާލޭ ސަރަހައްދުގައި ވެކްސިން ޖެހޭނެ ކަމަށެވެ.
"މާލޭ ސަރަހައްދުގެ ވެކްސިން ޖެހުން މާދަމާއިން ފެށިގެން އުމުރުން 25 އަހަރުން މަތީގެ ފަރާތްތަކަށް ހާއްސަ ކުރެވިގެންދާނެ. އަދި ހަމަ އެއާއެކު ދިގު މުއްދަތަށް ބޭސް ބޭނުންކުރާ 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުންނަށްވެސް ވެކްސިން ކުރިއަށްދާނެ،" ނާސިރު ވިދާޅުވިއެވެ.
މީގެ އިތުރުން ނާސިރު ވިދާޅުވީ، މާލޭ ސަރަހައްދުގައި ވެކްސިން ޖެހުމަށް އޮތް ތަރުހީބު ކުޑަވަމުން އަންނަ ކަމަށާއި ފަހަށް މަޑުނުކޮށް ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ވަރަށް ގިނަ މީހުން އެބަ މަޑުކުރޭ ހަފްތާ ބަންދުގައި ވެކްސިން ޖަހަން. އެގޮތަށް މަޑުކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން." ނާސިރު ވިދާޅުވިއެވެ.
ނާސިރު ވިދާޅުވީ، މާލޭ ސަރަހައްދުގައި އާންމުންނަށް ހުޅުވާލައިގެން ވެކްސިން ދޭ ސެންޓަރުތައް އެބަހުރި ކަމަށެވެ. އެގޮތުން ސޯޝަލް ސެންޓަރު، އިސްލާމީ މަރުކަޒު އަދި ހުޅުމާލޭ ވެކްސިން ސެންޓަރާއި ވިލިމާލެ ޔޫތު ސެންޓަރު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަ އޭޑީކޭގެ ވެކްސިން ސެންޓަރުގައި ވެސް އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުމަށް ވަނީ ނިންމައިފައެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ޖަހަަމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. މިއަދާ ހަމައަށް މުޅި ރާއްޖެއިން 85،110 މީހުން ވަނީ ވެކްސިން ޖަހައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 61،777 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 23،333 މީހުންނެވެ.
ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދިންތާ އަށް ހަފުތާ ފަހުން ކަަމަށް މޯލްޑިވްސް ޓެކްނިކަލީ އެޑްވައިޒަރީ ކޮމެޓީން ވަނީ ނިންމައިފައެވެ. އަދި ދެވަނަ ޑޯޒް ގިނަ ބަޔަކަށް ޖެހުމުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދެވޭނެ ކަމަށްވެސް ޓެގުން ބުނެފައިވެއެވެ.
25 އަހަރުން މަތީގެ މީހުންނަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ