ލޯކަލް ކައުންސިލް އިންތިހާބު: އިލެކްޝަންސަށް މައުލޫމާތު ލިބިފައި ނުވާ 700 ވަރަކަށް މީހުންގެ ތެރޭގައިވާ މަރުވެފައިވާ މީހެއްގެ ނަމުގައި ވޯޓް ލެވިދާނެ: އިލެކްޝަންސް

މިހާތަނަށް އައީޑީ ކާޑުގެ މައުލޫމާތު ލިބިފައި ނުވާ 700 ވަރަކަށް މީހުން އެބަތިބި ކަމަށާއި އެ މީހުންގެ ތެރޭގައި ހިމެނޭ މަރުވެފައިވާ މީހެއްގެ އައިޑީ ކާޑު ބޭނުން ކޮށްގެން ލޯކަލް ކައުންސިލް އިންތިހާބުގައި އޮޅުވާލައިގެން ވޯޓް ލެވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގޮތުން ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ވޯޓް ލުމުގެ ހައްގު ލިބެގެންވާ މީހުންގެ ރަޖިސްޓްރީގައި މަރުވެފައިވާ މީހުންގެ ނަން ހިމެނިފައި ވުމުން، އެ މީހުންގެ އައިޑީ ކާޑު ހިފައިގެން ވޯޓްލާ "ޕޯލިން ސްޓޭޝަން"ތަކަށް ދިއުމުން އެ މީހުންގެ ނަމުގައި އޮޅުވާލައިގެން ވޯޓް ލެވިދާނެ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ނާދިރު ކަމެއް ކަމަށް ވިދާޅުވެ، ފުއާދު ވިދާޅުވީ ޕޯލިން ސްޓޭޝަނަކަށް ވޯޓް ލާން މީހަކު ދިއުމުން އެ މީހެއްގެ އައިޑީ ކާޑުގައިވާ ފޮޓޯ އާއި އެ މީހެއްގެ ސިފައާ އެއްގޮތްވާ ކަމުގައިވާ ނަމަ އެ މީހަކަށް ވޯޓް ލެވިދާނެ ކަމަށެވެ."މަރުވެފައިވާ މީހާގެ ނަމުގައި އޮޅުވާލައިގެން ވޯޓް ލެވޭނީ މަރުވެފައިވާ މީހާގެ އައިޑީކާޑު ބޭނުންކޮށްގެން. އެ ފުރުސަތު އެބައޮތް، ނަމަވެސް ވަރަށް ނާދިރުކަމެއް އެއީ އަދި އެ ގޮތަށް ވޯޓްލެވޭނީ އެ މީހަކާ އެއްގޮތަށް (ސިފައެތްގޮތްކޮށް) މޭކަޕު ވެސް ކޮށްގެން. ބުރުގާ އަޅައިގެން ހުރި އަންހެން ބޭފުޅެއް ވޯޓުލާން ދިޔަކަމުގައި ވިޔަސް، އަންހެން މުވައްޒަފަކާ އެކު ކޮންމެ ވެސް އެއްފަރާތަކަށް ޖެހިލާފައި އައިޑީކާޑުގައިވާ ފޮޓޯ އާއި އޭނަގެ މޫނާ އެއްގޮތް ވެގެން ނޫނީ ވޯޓެއް ލުނެވޭނެ. އަދި މޫނު ބުރުގާ އަޅައިގެން ހުރި ބޭކަބަލެއް ކަމުގައިވިޔަސް ވޯޓް ލެވޭނީ އެ އުސޫލުން." ފުއާދު ވިދާޅުވި އެވެ.ނަމަވެސް އޮޅުވާލައިގެން އެހެން މީހެއްގެ ނަމެއްގައި މީހަކު ވޯޓް ލައިފި ނަމަ އެ މީހަކަށް ގާނުނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށާއި އެ މީހެއްގެ މައްސަލަ ޝަރީއާތަށް ފޮނުވުމަށް ޕީޖީ އޮފީހަށް މައްސަލަ ވެސް ހުށަހަޅާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން އައިޑީ ކާޑު ނަންބަރު ލިބިފައި ނުވާ 700 ވަރަކަށް މީހުންގެ ނަންތައް މިދިޔަ ހޯމަ ދުވަހު އާންމު ކުރި އިރު އެ ނަންތަކުގެ ތެރޭގައި، މަރުވެފައިވާ މީހުންގެ ނަންތައް ހިމެނިފައިވަނީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން ފުއާދު ވިދާޅުވީ މަރުވެފައިވާ މީހުންގެ ނަންތައް އެ ލިސްޓްގައި ހިމެނުނީ ބައެއް ރަށްރަށުން ދިން މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އަދި ބައެއް އަތޮޅުތަކުގައި ނުހިމެނޭ ރަށްތަކުގެ ނަންތައް އެ ލިސްޓްގައި ހިމެނިފައި ވަނީ އެ ލިސްޓް ތައްޔާރު ކުރުމުގައި މުވައްޒަފުންނަށް އެރި އޮޅުމެއްގެ ސަބަބުން ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި އެކަން އިސްލާހު ކުރާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓްގައި ހިމެނެނީ 224474 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ އިރު، ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 687 މީހުންގެ ވަނަވަރު އިލެކްޝަންސް ކޮމިޝަނަށް އެނގިފައި ނުވުމުން އެ މީހުންގެ ވަނަވަރު މާދަމާގެ އޮފީސް ބަންދުކުރުމުގެ ކުރިން ހުށަނާޅައިފި ނަމަ އެ މީހުންނަށް ވޯޓް ލުމުގެ ހައްގު ނުލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ