އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންކުރައްވާ، ގަތަރުން ހަދިޔާކޮށްފައިވާ އާ 'އެއާ ފޯސް ވަން' މަތިންދާބޯޓުގެ ސަލާމަތީ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ލިޔެފައިވާ ރިޕޯޓަކާ ގުޅިގެން، ފެޑެރަލް ގްރޭންޑް ޖޫރީއަކަށް ބަޔާން ދިނުމަށް ނިއު ޔޯކް ޓައިމްސްގެ ބައެއް ނޫސްވެރިންނަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އަމުރުކޮށްފި ކަމަށް އެ ނޫހުން އިއްޔެ ބުނެފި އެވެ.
އެ ނޫހުން ބުނި ގޮތުގައި، ހުކުރު ދުވަހު ނެރުނު ކޯޓު އަމުރުތަކުގައިވާ ގޮތުން، ޖިނާއީ ގާނޫނަކާ ހިލާފުވެފައިވާ ކަމަށް ބުނާ މައްސަލައެއްގައި އަންނަ ބުދަ ދުވަހު އެ ނޫސްވެރިން ޖޫރީގެ ކުރިމައްޗަށް ހާޒިރުވާން ޖެހެ އެވެ. ބައެއް ނޫސްވެރިންގެ ގެއަށް ފެޑެރަލް އެޖެންޓުން ގޮސް މި އަމުރުތައް ހަވާލުކޮށްފައިވާ ކަމަށް އެ ނޫހުން ބުންޏެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށް ބިރުދެއްކުމަށް ޓްރަމްޕް ކުރައްވާ މަސައްކަތްތައް އާދަޔާހިލާފު މިންވަރަކަށް ވަރުގަދަކުރެއްވުން ކަމަށް އެ ނޫހުން ސިފަކުރި އެވެ.
ޖަސްޓިސް ޑިޕާޓްމަންޓުގެ ތަރުޖަމާނު މި އަމުރުތައް ނެރުނުކަން ކަށަވަރެއް ނުކޮށްދެ އެވެ. ނަމަވެސް އޭނާ ވިދާޅުވީ ސަރުކާރުގެ މައިގަނޑު އަމާޒަކީ ނޫސްވެރިންނަށް ފިޔަވަޅު އެޅުން ނޫން ކަމަށާއި ސިއްރު މައުލޫމާތުތައް ލީކުވި ގޮތް ތަހުގީގުކުރުން ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ މި ފިޔަވަޅަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
ނޭޝަނަލް ޕްރެސް ކްލަބުން ޖަސްޓިސް ޑިޕާޓްމަންޓަށް ގޮވާލާފައިވަނީ ވަގުތުން މި އަމުރުތައް އަނބުރާ ގެންދިއުމަށެވެ.
"ނޫސްވެރިންގެ ގެއަށް ފެޑެރަލް އެޖެންޓުން ކޯޓު އަމުރުތަކާ އެކު ދިއުމަކީ އާދައިގެ ގާނޫނު ތަންފީޒުކުރުމެއް ނޫން. އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދެވުނު އާދަޔާހިލާފު ބޮޑު ހަމަލާއެއް،" އެ ޖަމިއްޔާއިން ބުންޏެވެ.
މި އަމުރުތައް ނެރެފައިވަނީ ޓްރަމްޕް ދާދި ފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގައި އާންމުންނަށް ފެނިގެންދިޔަ އަދި ގަތަރުން ހަދިޔާކުރި އާ އެއާ ފޯސް ވަންގެ ސަލާމަތީ މައްސަލަތަކާ ބެހޭ ގޮތުން ލިޔެފައިވާ ރިޕޯޓްތަކާ ގުޅިގެންނެވެ.
ނިއު ޔޯކް ޓައިމްސްގެ ނޫސްވެރިން ހާޒިރުވާން އެމެރިކާ ސަރުކާރުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ