ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓް: 3 ދުވަސްވީއިރު ވެސް މަޑުނުކޮށް ދިޔަ ދޯނި ނުހޯދޭ
މާލޭގެ ރަސްމީ ފާލަމާ ދިމާލުން ކަނޑުމަތީގައި ބުރާސްފަތި ދުވަހުގެ ރޭ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ ދޯނި އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާ ހިނގާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 21:10 ހާއިރު ކަމަށް މެރިން ޕޮލިހުން މައުލޫމާތު ދީފައިވެއެވެ. https://sun.mv/224480 ފުލުހުން ބުނި ގޮތުގައި، "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެގެން މާލޭގެ އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކޮށްފައިވާ ކަމުގެ ރިޕޯޓު ލިބިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 21:16 ހާއިރެވެ. މި އެކްސިޑެންޓުގައި ހިމެނޭ އަނެއް އުޅަނދު ވަނީ ހާދިސާއަށް ފަހު މަޑުނުކޮށް ފިލާފައެވެ. މި އެކްސިޑެންޓަށް މިއަދަށް ތިން ދުވަސް ވީއިރު، ފުލުހުން މިއަދު "ސަން" އަށް ބުނީ މަޑުނުކޮށް ފިލައިގެން ދިޔަ އެ އުޅަނދު އަދިވެސް ނުފެންނަ ކަމަށެވެ. https://sun.mv/224453 މި ހާދިސާގައި ޖުމުލަ ފަސް މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ. މީގެ ތެރެއިން ދެ މީހަކަށް އިމަޖެންސީގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އެކްސިޑެންޓުވި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުން އެނގެއެވެ. ފުލުހުން ބުނި ގޮތުގައި "ލީޖަން 1" ލޯންޗުގެ އެއްފަޅި ވަރަށް ބޮޑަށް ހަލާކުވެ، ސީޓުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން މެރިން ޕޮލިހުންނާއި ފުލުހުންގެ ތަހުގީގު ޓީމުން ދަނީ އިތުރަށް ބަލަމުންނެވެ. https://sun.mv/222762 ފަހަކަށް އައިސް ކަނޑުމަތީގައި ހިނގާ މިބާވަތުގެ އެކްސިޑެންޓުތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ މަހުގެ ދެވަނަ ދުވަހު ވެސް ސަޕްލައި ދޯންޏަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި ވެއެވެ. އެ ހާދިސާގައި ވެސް ދޯނި މަޑުނުކޮށް ދިޔަ ނަމަވެސް، ފަހުން އެ ދޯނި ހޯދައި އެ މައްސަލަ ފުލުހުން ދަނީ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ